މުއްނި ކަޕް: ރަނަރަޕް ގޯޅިއަންސް ކަޓައިފި، ސެމީ ފައިނަލް މެޗުތައް މިރޭ

މުބާރާތުގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: މުއްނި ކަޕް

މ. މުލަކު ޒުވާނުންނަށް އަމާޒުކޮށްގެން މުލަކުއަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ހަސަން (މުއްނި) ބާއްވާ މުއްނި ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ.

ހަ ޓީމު ބައިވެރިވެފައިވާ މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނީ، މިދިޔަ އަހަރުގެެ ޗެމްޕިއަންކަން ހޯދި މިސްޔޫ ޓީމާއި ޕޮލިސް ޓީމުގެ އިތުރުން އެފްސީ ގެލެކްސީ އަދި އެމްވައިއެސް އެވެ. އެއް ވަނަ ޓީމުގެ ގޮތުގައި 10 ޕޮއިންޓާއެކު އެފްސީ ގެލެކްސީ ސެމީ އަށް ހޮވުނުއިރު ދެ ވަނަ ލިބުނީ އަށް ޕޮއިންޓް ލިބުނު މިސްޔޫ އަށެވެ. އަށް ޕޮއިންޓު ހޯދައިގެން ގޯލުގެ ތަފާތުން ޕޮލިސް ޓީމަށް ތިން ވަނަ ލިބުނު އިރު ހަތަރު ވަނަ ލިބުނީ ހަތް ޕޮއިންޓް ހޯދި އެމްވައިއެސް އަށެވެ. މިދިޔަ އަހަރުގެ ރަނަރަޕް ދި ގޯޅިއަންސް މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ނުލިބި ކެޓީ ހަ ޕޮއިންޓާއެކު ފަސް ވަނަ ލިބުމުންނެވެ. ފުލަށް ދިޔަ ފޮބިޑެން ސިޓީ އަށް ލިބުނީ ތިން ޕޮއިންޓެވެ.

ސެމީ ފައިނަލުގެ ޖާގައެއް ޕޮލިސް ޓީމުން ޔަގީންކުރީ އިއްޔެ ހަވީރު ފޮބިޑެން ސިޓީ އާ ވާދަކޮށް 4-1 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ޓީމުގެ އަބްދުﷲ ޖަމީލް އެވެ. މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވާ އެފްސީ ގެލެކްސީ އާއި ދި ގޯޅިއަންސް ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ ގޯޅިއަންސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގޯޅިއަންސް ގެ ހުސައިން ނިޒާމް އެވެ. ގޯޅިއަންސް އަށް ސެމީގެ ޖާގައެއް ގެއްލުނީ ރޭ ކުޅުނު ފަހު މެޗުގައި މިސްޔޫ ޓީމުގެ މައްޗަށް އެމްވައިއެސް ޓީމުން 5-4 ގެ ނަތީޖާއަކުން ކުރި ހޯދުމުންނެވެ. ތިން ވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްވައިއެސް ޓީމުގެ ޒާހިދު އިބްރާހީމް އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާނީ މިސްޔޫ އާއި ޕޮލިސް ޓީމެވެ. މިރޭ 9:30 ގައި ކުޅޭ ދެ ވަނަ ސެމީގައި އެފްސީ ގެލެކްސީ ނުކުންނާނީ އެމްވައިއެސް އާއި ދެކޮޅަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.

މުއްނި ކަޕްގެ ފުރަތަމަ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ކުޅިވަރުގެ މައިދާނުގައި ޒުވާނުންނަށް އޮތް ފުރުސަތުތައް އިތުރު ކުރުން ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ރާއްޖޭގައި ފޯރިއާއެކު ކުރިއަރަމުން އަންނަ ފުޓްސަލް އިން ހުނަރުވެރި ޒުވާނުންތަކެއް އުފައްދައި ގައުމީ ލެވެލްގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި މުބާރާތް ޒުވާނުންނަށް ހާއްސަ ކުރުމުގެ އެއް ސަބަބު ކަމަށް އިންތިޒާމު ކޮމިޓީން ބުނެފައިވެއެވެ. މިފަހަރުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާ އެވެ.

avatar