ގޮސިޕް: ފައިސާ އެއް މެލްކޮމް އެއް ނޫން، ވިލިއަން ބަހައްޓާ!

މެލްކޮމް (ކ) އަދި ވިލިއަން. ބްރެޒިލްގެ މި ދެކުޅުންތެރިން ބަދަލުކުރަން ބާސެލޯނާއިން ބޭނުންވޭ

ބްރެޒިލް މިޑްފީލްޑަރު ވިލިއަން ހޯދަން ބާސެލޯނާއިން ކުރި ބިޑަށް އިނގިރޭސި ކްލަބް ޗެލްސީން ނޫނެކޭ ބުނެފިއެވެ. ދި ޓެލެގްރާފް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބާސެލޯނާއިން ވަނީ އުމުރުން 30 އަހަރުގެ ވިލިއަން ގެންދަން ޗެލްސީ އަށް ގާތްގަނޑަކަށް 50 މިލިއަން ޕައުންޑް ހުށަހަޅައިފައެވެ. 50 މިލިއަނާ އެކު ބާސެލޯނާ އަށް މި ސީޒަނުގައި ގެންދިޔަ 21 އަހަރުގެ ބްރެޒިލްގެ މެލްކޮމް ދޭންވެސް އެޓީމުން އޮތީ ތައްޔާރަށެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުން ފައިސާ އާއި މެލްކޮމް ދިނަސް ޗެލްސީން ވިލިއަން ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.

ޗެލްސީ އާއެކު ވިލިއަން ހަދައިފައިވާ ކޮންޓްރެކްޓް ގައި ބާކީ އޮތީ 18 މަސް ދުވަހުއެވެ. އެޓީމުގެ ކޯޗު މައުރީޒިއޯ ސާރީގެ ޕްލޭގައި ވިލިއަން އަކީ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ހޯދާ ކުޅުންތެރިއެކެވެ. ބާސެލޯނާއިން ވަނީ މީގެ ކުރިންވެސް ވިލިއަން ގެންދަން ތަކުރާރުކޮށް މަސައްކަތް ކޮށްފައެވެ.

ވިލިއަންގެ ބަދަލެއްގެ ގޮތުން 38 މިލިއަން ޕައުންޑަށް ފްރާންސްގެ ބޯޑޯ އިން ގެނައި މެލްކޮމް ދޫކޮށްލަން ބާސެލޯނާއިން ބޭނުންވަނީ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ނުލިބޭތީ އެވެ. ބާސާގެ ޖާޒީގައި މެލްކޮމް މި ސީޒަނުގައި ކުޅެފައިވަނީ 363 މިނެޓެވެ. މެލްކޮމް ބާސެލޯނާ އަށް ބަދަލުވީ އިޓަލީގެ ރޯމާއިން އޭނާގެ ސޮއި ހޯދަން ވަރަށް ގާތަށް ގޮސްފައިވަނިކޮށެވެ. ޗެލްސީން ވިލިއަން އާއި މެލްކޮޕް ބަދަލު ނުކުރިޔަސް ރިޕޯޓުތައް ބުނާގޮތުން ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާއިން މަސައްކަތް ކުރަނީ މެލްކޮމް ދޫކޮށްލާށެވެ.

ބާސެލޯނާއިން ވިލިއަން ގެންދަން މަސައްކަތް ކުރާއިރު ޗެލްސީއަށް ކުޅޭ އިނގިރޭސިވިލާތުގެ އުމުރުން 18 އަހަރުގެ ކަލުމް ހުޑްސަން އޮޑޯއީ ގެންދަން ޖަރުމަނުގެ ބަޔާން މިއުނިކުން ދަނީ ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ. ޗެލްސީގެ ދެ ކުޅުންތެރިންނަށް ބާސެލޯނާ އާއި ބަޔާނުން ފާރަލާއިރު އެ ކްލަބުން އަންނަނީ ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ލަނޑު ޖެހުމުގެ މައްސަލަތައް ޗެލްސީ އަށް ދިމާވެފައިވާތީ އެޓީމުން ގެންނަން އެންމެ ޝައުގުވެރިވަނީ ޔުވެންޓަސްގެ ލޯނެއްގެ ދަށުން އޭސީ މިލާނަށް ކުޅޭ 31 އަހަރުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އަށެވެ. ރިޕޯޓުތައް ބުނާގޮތުން ޗެލްސީން މިހާރު މަސައްކަތް ކުރަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަން ނިމެންދެން ހިގުއައިން ގެންނާށެވެ. އެކަމަކު ޔުވެންޓަސް އިން ބޭނުންވަނީ ދާއިމީކޮށް ޗެލްސީ އަށް ހިގުއައިން ދޫކޮށްލުމަށެވެ.

avatar