ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް މިއަހަރު ފުވައްމުލައް ސިޓީގައި
އެތްލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ސްކޫލުތަކަށާއި އެސޯސިއޭޝަންގެ ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ 12 ވަނަ މަކީޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް މިއަހަރު ފުވައްމުލައް ސިޓީ ގައި ބާއްވަން ނިންމައިފިއެވެ.
މިއަހަރުގެ ޗެމްޕިއަންޝިޕް އޮންނާނީ އަންނަ މާޗް މަހުގެ 24 އިން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ މުބާރާތްވެސް ވަނީ ދެ ޖިންސުގެ ތިން އުމުރު ފުރައަކަށް ބަހާލައިފައެވެ. އެއީ 13 އަހަރުން ދަށާއި 15 އަދި 17 އަހަރުން ދަށެވެ.
މި އަހަރުގެ މުބާރާތް ބާއްވަން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާފައިވަނީ ފުވައްމުލަކުންނެވެ. މިދިޔަ އަހަރުގެ މުބާރާތް ބާއްވާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. މިދިޔަ އަހަރުގެ ބާއްވަން އެންމެ ފުރަތަމަ ނިންމީ ށ. މިލަންދޫ ގައެވެ. އެކަމަކު އެކިއެކި ސަބަބުތަކާހުރެ ފަހުވަގުތު މުބާރާތް ކުޅުދުއްފުށްޓަށް ބަދަލުކުރިއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވެސް 20 ޓީމަކުން އެތަސް ސަތޭކަ އެތްލީޓުންނެއް ވަނީ ބައިވެރިވެފައެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފިރިހެން ބައިން އެންމެ ކާމިޔާބު ޓީމަކަށް ހޮވުނީ ގދ. ތިނަދޫގެ ރައުހަތު ސްޕޯޓްސް އެކަޑަމީ އެވެ. އެ އެކަޑަމީން ވަނީ ޖުމްލަ ހަ ޓްރޮފީއެއް މިދިޔަ އަހަރު ކާމިޔާބުކޮށްފައެވެ. 15 އަހަރުން ދަށުގެ އެންމެ ކާމިޔާބު ފިރިހެން ޓީމުގެ މަގާމް އެ އެކަޑަމީން ހޯދިއިރު އެޓީމުގެ ރާފިލް ވާފިރު ވަނީ 15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓުގެ މަގާމް ހޯދައިފައެވެ. އަދި، 17 އަހަރުން ދަށުގެ އެންމެ ކާމިޔާބު ޓީމާއި އެ އުމުރުފުރައިން އެންމެ މޮޅު ފިރިހެން އެތްލީޓުގެ މަގާމް ހޯދީ އެ އެކަޑަމީގެ ސުޒައިން މުހައްމަދު އެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ފިރިހެން އެތްލީޓުގެ މަގާމްވެސް މިިދިޔަ އަހަރު ހޯދައިފައެވެ. ރައުހަތު ސްޕޯޓްސް އަކީ ހިލޭ ސާބަހަށް ޒުވާނުން ތަމްރީނު ކޮށްދިނުމުގައި މަޝްހޫރުކަން ހޯދައިފައިވާ އެކަޑަމީއެކެވެ. މާޗް 26 އިން 29 އަށް މިދިޔަ އަހަރު ކުޅުދުއްފުށީގައި ކުރިއަށްދިޔަ ޖޫނިއާ އެތްލެޓިކްސް މުބާރާތުގެ އަންހެން ބައިން އެއް ވަނަ ހޯދީ ކްލަބް ރައިވެރިޔާ އެވެ.
2017 ވަނަ އަހަރުގެ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ އައްޑޫ ސިޓީ ގައެވެ. އެ އަހަރުގެ އެންމެ ކާމިޔާބު ފިރިހެން ޓީމަކަށް ޏ. އަތޮޅު ތައުލީމީ މަރުކަޒު ހޮވުނުއިރު އަންހެން ބައިން ޗެމްޕިއަންކަން ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ.
ގިނަ އެތްލީޓުންނާއެކު ކޮންމެ އަހަރަކުވެސް ބާއްވާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުން ވިދާލާ ހުނަރުވެރިން އަންނަނީ ގައުމީ ފެންވަރުގައިވެސް ކާމިޔާބީތައް ހޯދަމުންނެވެ.
Advertisement
Leave a Reply