އިންޑިއާގެ ގައުމީ ޓީމުން ދެއްކި ނަމޫނާ ރާއްޖެއަށްވެސް މިސާލަކަށް ފުދޭ

Advertisement

އިންޑިއާގެ ގައުމީ ޓީމުން ދެއްކި ނަމޫނާ ރާއްޖެއަށްވެސް މިސާލަކަށް ފުދޭ

ޢަބްދުﷲ އަޝްރަފް
އިންޑިއާގެ ލޯފަން ކުދިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ކުރިއަށް ގެންދިޔަ މެޗެއްގެ ތެރެއިން. އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ޖޫރިމަނާ ފައިސާ ހަދިޔާކުރީ މި އެސޯސިއޭޝަނަށް

ޑިސިޕްލިންއާ ގުޅުންހުރި މައްސަލަތަކުގައި އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ އަތުން ނަގަމުން އަންނަ ޖޫރިމަނާ ފައިސާ އިން އެއްކުރި ބައި ލައްކަ ރުޕީސް އެ ގައުމުގެ ލޯފަން ކުދިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ހަދިޔާކޮށްފިއެވެ. ކުޅުންތެރިންގެ ފަރާތުން ފެންނަ ޑިސިޕްލިންއާ ގުޅުންހުރި ކުދިކުދި މައްސަލަތަކުގައި ނެގޭ ޖޫރިމަނާ ފައިސާ ކުރިންވެސް ބޭނުންކުރަން ނިންމައިފައި އޮތީ މާތް މަގްސަދެއް އެކުލެވޭ ކޮންމެވެސް ކަމަކަށް ހޭދަކުރުމަށެވެ.

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން އެ ގައުމުގެ ލޯފަން ކުދިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ހަދިޔާކުރި ބައިލައްކަ ރުފިޔާ އަކީ މިވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި ފަރިތަކުރުންތަކަށް ގަޑި ޖެހިގެން އައުމާއި، ކެއުމުގެ ގަޑިތަކުގައި މޯބައިލް ފޯން ގެންގުޅުމާއި އަދި އަންގައިފައި އޮންނަ ގޮތާ ހިލާފަށް ތަމްރީންތަކުގަޔާއި ޓީމްގެ ހަރަކާތްތަކުގައި ހެދުން ނޭޅުން ފަދަ ކަންކަމާ ގުޅިގެން ކުރެވުނު ޖޫރިމަނާއިން ލިބުނު ފައިސާ އެވެ.

“މި ފައިސާ އަލުން އަނބުރާ ކޮމިއުނިޓީއަށް ދިނުމަކީ މުހިއްމު ކަމެއް. ލޯފަން ކުދިން ކުޅެން ހާއްސަކޮށްފައި ހުންނަ ބޯޅައެއް މި ލިބެނީ ފަންސާސް ޑޮލަރަށް. އެހެންވެ އަހަރެމެން އެމީހުންނަށް މި އެހީތެރިވެދެނީ އެކަހަލަ ބޯޅަ ގަންނަން.” އިންޑިއާގެ ގައުމީ ޓީމުގެ ހެޑް ކޯޗް ސްޓެފަން ކޮންސްޓެންޓައިން ޔޫއޭއީ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަދައްއކަމުން ބުނެފައިވެއެވެ.

“ކުޅުންތެރިންނާ ކޯޗިންގް ސްޓާފްވެސް ހިމެނޭ ގޮތުން އަހަރެމެން ގައުމީ ޓީމުގައި ހިމެނޭ އެންމެންގެ މެދުގައި އެއްބަސްވީ ޖޫރިމަނާގެ ގޮތުގައި ނެގޭ ހުރިހާ ފައިސާއެއްވެސް ކޮންމެވެސް ހެޔޮ މަގްސަދެއްގައި ކުރެވޭ ކަމަކަށް ހޭދަކުރަން. އަހަރެމެންނަށް މިހާރު މިއޮތީ މިކަން ހާސިލްވެފަ.” އިންޑިއާގެ ކޯޗް އިތުރަށް ވާހަކަދައްކަމުން ބުންޏެވެ.

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންނަށްވެސް މި އެހީގެ ސަބަބުން ލިބުނީ ބޮޑު އުފަލެކެވެ.

“އަހަރެން އަސްލުވެސް މިކަމާ ވަރަށް ގަޔާވޭ. ހަގީގަތުގަ ޖޫރިމަނާ ކުރެވެނީ އަހަރެމެންގެ ޑިސިޕްލިން އަށް ހެޔޮ ބަދަލުތަކެއް ގެންނަން. އެއްވެސް ކުޅުންތެރިއަކު ބޭނުމެއް ނުވާނެ ޖޫރިމަނާ ވާކަށް. އެކަމަކު މި ދެވުނު އެހީގެ ސަބަބުން ދިރިއުޅުމުގެ އެކި ކަންކަމާމެދު އިތުރަށް ވިސްނާލާނެ ފުރުސަތެއް އަހަރެމެންނަށް ލިބުނު. މީގެ ސަބަބުން އަހަރެމެން ހަރުދަނާ ބަޔަކަށް ވުމަށް އިތުރަށް އެހީތެރިވެދޭ.” އިންޑިއާގެ ގައުމީ ޓީމްގެ ގޯލްކީޕަރު ގުޕްރީތް ސިންގް ބުންޏެވެ.

އިންޑިއާގެ ލޯފަން ކުދިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ހަދިޔާކުރި ފައިސާ އެ ފެޑެރޭޝަނުން ބޭނުންކުރާގޮތަށް ހަމަޖައްސައިފައިވަނީ ލޯފަން ކުދިން ކުޅެން ހާއްސަ ފުޓްބޯޅަ ގަތުމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *