ލެވަންޓޭ އިން ބަދަލުހިފައި ބާސެލޯނާ އުނދަގޫ ހާލަތަކަށް ވައްޓާލައިފި

ބާސެލޯނާ ކޮޅަށް ލެވަންޓޭގެ ފުރަތަމަ ގޯލު ޖަހަނީ. ދެ ވަނަ ލެގް އޮންނާނީ ބާސާގެ ދަނޑުގައި

ސްޕެނިޝް ކޮޕަ ޑެލްރޭގެ ގަދަ ސޯޅައިގައި ރޭ ލެވަންޓޭ އާ ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ބަލިވެއްޖެއެވެ. މި ބުރުގެ ފުރަތަމަ ލެގްގައި ރޭ ބާސެލޯނާ ރަށުން ބޭރުގައި ކުޅެ ބަލިވީ 1-2 އިންނެވެ. ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައެވެ.

ރޭގެ މެޗަށް ބާސެލޯނާ ނުކުތްއިރު ކޯޗް އާނެސްޓޯ ވަލްވާޑޭ ވަނީ ބޮޑެތި ބަދަލުތަކެއް ޓީމަށް ގެނެސްފައެވެ. މެސީ އާއި ސުއަރޭޒްގެ އިތުރުން ބާސެލޯނާގެ ގިނަ ތަރިން ރޭގެ މެޗްގެ ފުރަތަމަ އެގާރައިގައި ހިމަނައިފައެއް ނުވެއެވެ. ބާސެލޯނާއިން ވަނީ މީގެ ތިން ހަފްތާ ކުރިން ލެވަންޓޭއާ ދެކޮޅަށް ލީގްގައި ކުޅުނު މެޗް 0-5 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބުކޮށްފައެވެ. އެ މެޗްގައި މެސީ ވަނީ ހެޓްރިކެއްވެސް ހަދައިފައެވެ.

ސްޕެނިޝް ލީގްގެ ދިހަ ވަނައިގައި އޮތް ލެވަންޓޭ އިން މި މެޗްގައި ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފުރަތަމަ 20 މިނެޓް ތެރޭގައެވެ. އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެރިކް ކަބާކޯ އާއި ބޯޖާ މަޔޮރާލް އެވެ. މަޔޮރާލް އަކީ ލޯން އެއްބަސްވުމެއްގެ ދަށުން ރެއަލް މެޑްރިޑުން ލެވަންޓޭއަށް ގެނެސްފައިވާ ކުޅުންތެރިއެކެވެ. ބާސެލޯނާއިން ޖެހި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އެވެ. މި މެޗްގައި ލެވަންޓޭ އެކޭ އެއްގޮތަށް ބާސެލޯނާއަށްވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. ވަކިން ހާއްސަކޮށް ބާސެލޯނާގެ ޑެމްބެލޭ އަށާއި މެލްކޮމްއަށް ގޯލް ޖަހަން ރަގަޅު ހިސާބަކުން ފުރުސަތު ލިބި ލެވަންޓޭގެ ގޯލް ކީޕަރު ބީޓް ނުކުރެވުނުކަން ފާހަގަކުރެވުނެވެ.

ބާސެލޯނާއިންވަނީ އެންމެ ފަހުން ބޭއްވި ސްޕެނިޝްކަޕް ގެ ހަތަރު މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

avatar