މޮޅަށް ކުޅެ ޔޫއޭއީ އަތުން ބަލިވުމުން އިންޑިއާ އަށް ހިތްދަތިކަން
އޭއެފްސީ އޭޝިއަން ކަޕްގެ ގްރޫޕް އޭ ގައި މުބާރާތް ބާއްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން ރޭ 2-0 އިން އިންޑިއާ ބަލިވެއްޖެއެވެ. މުޅި މެޗުގައިވެސް އިންޑިއާ ޓީމުން ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ޔޫއޭއީ އާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުން ބަލިވުމުން އިންޑިއާގެ ކުޅުންތެރިން ފެނުނީ ވަރަށް ބޮޑަށް މާޔޫސްވެފައި ތިބި ތަނެވެ. ބައެއް ކުޅުންތެރިން މެޗަށްފަހު ރުއި މަންޒަރުވެސް ފެނިފައިވެއެވެ.
މި ގްރޫޕުގައި އިންޑިއާ ވަނީ ފުރަތަމަ ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން ތައިލެންޑް ބަލިކޮށްފައެވެ. ހީވެސް ނުކުރާފަދަ ބޮޑު މޮޅެއް ހޯދުމަށްފަހު މިރޭގެ މެޗަށްވެސް އެޓީމު ނުކުތީ އިތުބާރާ އެކުއެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އަށް ވަނީ ލީޑު ނަގާނެ ތިން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޔޫއޭއީ ޓީމުން މެޗުގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޚަލްފާން މުބާރަކް އެވެ.
ޔޫއޭއީން ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމާލުމުން ދެ ވަނަ ހާފުގައި އިންޑިއާއިން ވަނީ އެޓޭކުތައް ގިނަކޮށް ޔޫއޭއީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އިންޑިއާ އަށް މެޗުގައި ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 55 ވަނަ މިނެޓުގައި އުޑާންތާ ސިންހް އަށެވެ. އޭރިޔާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބާރުބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އިންޑިއާއިން މެޗުގައި ގޯލެއް ޖަހަން މަސައްކަތް ކުރަމުން ދަނިކޮށް މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޔޫއޭއީ ޓީމުގެ ދެ ވަނަ ގޯލު ޖަހައިދިނީ އަލީ އަހުމަދު އެވެ. މި ގޯލަށްފަހު އިތުރު ވަގުތުގައި މުޅި އިންޑިއާ ޓީމުން ވަނީ ކުރިއަށް ޖެހި ފަރަގު ކުޑަކުރަން މަސައްކަތް ކޮށްފައެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި އެޓީމުގެ ޑިފެންޑަރު ފޮނުވާލި ބޯޅަވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި ގްރޫޕުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ތައިލެންޑް ވަނީ 1-0 އިން ބަހްރޭން ބަލިކޮށްފައެވެ. ގްރޫޕް އޭ އިން ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ހަތަރު ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ޔޫއޭއީ އެވެ. ދެ ވަނައިގައި އޮތް އިންޑިއާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ތައިލެންޑަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ގްރޫޕުގެ ފުލުގައި އޮތީ އެއް ޕޮއިންޓް ލިބިފައިވާ ބަހްރޭން އެވެ.
އިންޑިއާ ހިމެނޭ މި ގްރޫޕް އޭ ގެ ފަހު މެޗުތައް ކުޅޭނީ މިމަހުގެ 14 ވަނަ ދުވަހުގެ ރެއެވެ. ގްރޫޕް ގެ ފަހު މެޗުގައި އިންޑިއާއިން ބަހްރޭންއާ ދެކޮޅަށް ނުކުންނައިރު ޔޫއޭއީ ކުޅޭނީ ތައިލެންޑާ އެވެ. މި ދެމެޗުވެސް ފަށާނީ އެރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު އެވެ.
ރޭ ކުޅުނު ގްރޫޕް ބީ ގެ މެޗުގައި ޖޯޑެން ވަނީ 2-0 އިން ސީރިޔާ ބަލިކޮށް ގަދަ 16 އިން ފުރުސަތު ހޯދައިފައެވެ. ފުރަތަމަ މެޗުގައި އެޓީމުން އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ ބަލިކުރިއިރު ގްރޫޕް ގެ ފަހު މެޗުގައި އެޓީމު ނުކުންނާނީ ފަލަސްތީންއާ ދެކޮޅަށެވެ. މި ގްރޫޕުގައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކުޅޭ މެޗުގައި ފަލަސްތީނާއި އޮސްޓްރޭލިއާ ވާދަކުރާނެ އެވެ.
Advertisement
Leave a Reply