ފީއަލީ ޔޫތް މުބާރާތުގެ ޗެމްޕިއަންކަން ޔަންގް ބޯއިސް ހޯދައިފި

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން އެރަށުގެ 18 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔަންގް ބޯއިސް ހޯދައިފިއެވެ. “އެފްޑީއެސް ޔޫތް ފުޓްބޯލް ޗެލެންޖް 2019” ގެ ނަމުގައި ފީއަލީ ރަސްމީ ބޯޅަދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ ތަށި ޔަންގް ބޯއިސް ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ޖެކްސްޕެރޯ އާ ވާދަކޮށް 1-7 އިން މޮޅުވެގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔަންގް ބޯއިސް ގެ މުޙައްމަދު ޒީދާން ޒުހުރީ އެވެ.
ޖުމްލަ ހަތަރު ޓީމް ބައިވެރިވި މި މުބާރާތުގެ އޮންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައިވަނީ ޖެކްސްޕެރޯއަށް ކުޅުނު އައިސާން ޖަމްޝީދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވިއިރު އެ ކުޅުންތެރިންގެ ތެރޭގައި އައިސާންގެ އިތުރުން ދެން ހިމެނުނީ ޖެކްސްޕެރޯގެ ސާއިދު ޢަބްދުﷲ ހަމީދާއި، ނައިޓް ކިންގްގެ އަހްމަދު ޝާން އާއި، ޔަންގް ބޯއިސްގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޒީދާން ޒުހުރީ އާއި ޒަޔާން ޢަބްދުﷲ ރަފީޢު އެވެ. މި މުބާރާތުގައި 12 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޮވައިފައިވާއިރު އެ މަގާމް ހާސިލް ކޮށްފައިވަނީ ޔަންގް ބޯއިސްގެ ޝާއިފް ޢަބްދުﷲ ހަމީދެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެގެން އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމް ފައިނަލްގައި ކުޅުނު މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ނައިޓް ކިންގެވެ. ފެއާ ޕްލޭ ކުޅުންތެރިޔާގެ މަގާމް ނައިޓް ކިންގް ގެ އަހްމަދު ޝާން އަށް ލިބުނުއިރު އެންމެ މޮޅު ކޯޗްގެ މަގާމް ހޯދައިފައިވަނީ ޔަންގް ބޯއިސްގެ އަހްމަދު ވިސާމް އެވެ.
2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސްކޫލް ބޮޑު ޗުއްޓީ އާ ދިމާކޮށް ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ އިން ކުރިއަށްގެންދާ މި މުބާރާތަކީ ފީއަލީގައި ޒުވާން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް އެހީތެރިވެދިނުމުގެ އިތުރުން ސްކޫލް ޗުއްޓީގެ ދުވަސްތައް ރަގަޅު ގޮތުގައި ހޭދަކުރުމަށް އެހީތެރިވެދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ޓީމް ލިސްޓްގައި ހިމެނެނީ ގިނަވެގެން ދެ ކުޅުންތެރިންގެ ނަމެވެ. މުބާރާތުގެ ގަވައިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމަކުންވެސް 18 އަހަރުން ދަށުގެ އެކި އުމުރުފުރާ ތަކުގެ ކުޅުންތެރިން ހިމަނަންޖެހެއެވެ.
މުބާރާތް އިންތިޒާމްކުރާ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ އަކީ 2006 ވަނަ އަހަރު އުފައްދައިފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ފަރާތުން އަންނަނީ ގިނަ ކުޅިވަރު ހަރަކާތްތަކެއް ރަށުގައި ހިންގުމުގެ އިތުރުން ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
Advertisement


Leave a Reply