ކާމިޔާބު ޑިފެންޑަރ ރާމޯސް ސެންޗަރީ އެއް ހަމަކޮށްފި

Advertisement

ކާމިޔާބު ޑިފެންޑަރ ރާމޯސް ސެންޗަރީ އެއް ހަމަކޮށްފި

ޢަލީ ޝަހީމް
ރާމޯސް ގޯލް ޖެހުމަށްފަހު. 100 ގޯލު ހަމަކުރިއިރު އޭނާ އަކީ ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ޑިފެންޑަރު

ސްޕެނިޝް ކޮޕަ ޑެލްރޭގައި ރެއާލް މެޑްރިޑް 3-0 އިން ލެގަނޭސް ބަލިކުރި މެޗުގައި އެޓީމުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ޖެހި ގޯލާއެކު ކެރިއަރުގައި އޭނާ 100 ގޯލު ހަމަކޮށްފި އެވެ. ރެއާލްގެ ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ލެގްގެ މެޗު ކާމިޔާބުކޮށް އެޓީމު މިހާރު ވަނީ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ރާމޯސް ޖެހީ ލިބުނު ޕެނަލްޓިއަކުން 44 ވަނަ މިނެޓުގައެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ރާމޯސް އަކީ ޖެހިލުން ކުޑަ މޮޅު ޑިފެންޑަރެކެވެ. ކްލަބާއި ގައުމަށް 100 ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިންގެ ލިސްޓަށް ރާމޯސް އެރިއިރު އޭނާއަކީ އެންމެ ކާމިޔާބު އެއް ޑިފެންޑަރެވެ. ރާމޯސް ގެ 100 ގޯލުގެ ތެރެއިން ސްޕެއިންއަށް އޭނާ ވަނީ 17 ގޯލު ޖަހައިދީފައެވެ. ކްލަބް ކެރިއަރުގައި ސެވިއްޔާ އަށް ތިން ގޯލު ޖަހައިދިން އިރު ރެއާލް މެޑްރިޑަށް ވަނީ 80 ގޯލު ކާމިޔާބުކޮށްދީފައެވެ.

Advertisement

ރާމޯސް އަކީ ޗެމްޕިއަންސް ލީގުގެ ދެ ފައިނަލުގައި ގޯލު ޖެހި ހަމައެކަނި ޑިފެންޑަރެވެ. 2014 ވަނަ އަހަރުގެ ފައިނަލުގައި މެޗުން ބަލިވާން ދަނިކޮށް ރެއާލް ސަލާމަތްވީ ފަހު މިނެޓުގައި އެތްލެޓިކޯ މެޑްރިޑް ކޮޅަށް ރާމޯސް ބޮލުން ވައްދާލި ގޯލުންނެވެ. އޭގެ ފަހުން ރާމޯސް ވަނީ 2016 އަހަރުގެ ފައިނަލުގައިވެސް އެތްލެޓިކޯ ކޮޅަށް ގޯލު ޖަހައިފައެވެ. ރާމޯސް ވަނީ ސްޕެއިން އާއެކު ދެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އަދި، ރެއާލް ގައި ރާމޯސް ވަނީ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު އުފުލާލައިފައެވެ.

ރާމޯސްގެ އިތުރުން ރޭގެ މެޗުގައި ރެއާލަށް ގޯލުތައް ޖަހައިދިނީ ލޫކަސް ވަޒްކޭޒް އާއި ވިނީޝިއަސް ޖޫނިއާ އެވެ. ރޭގެ މެޗުގެ ފަހު 12 މިނެޓަށް ރެއާލުން ވަނީ މީގެ ދެ ދުވަސް ކުރިން މެންޗެސްޓަރ ސިޓީން އެޓީމާ ގުޅުނު ޒުވާން ކުޅުންތެރިޔާ ބްރަހިމީ ޑިއާޒް ކުޅެން އަރުވައިފައެވެ.

ޑިފެންޑަރުންގެ ގޮތުގައި މަޝްހޫރު ބައެއް ކުޅުންތެރިންވަނީ މީގެ ކުރިންވެސް 100 ގޯލު ހަމަކޮށްފައެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންސުގައި އަށްޑިހައިގެ ފަހުކޮޅު މޮޅު ކުޅުމެއް ދެއްކި ސްޓީވް ބްރޫސް ވަނީ ކެރިއަރުގައި ކުޅުނު 926 މެޗުގައި 113 ގޯލު ޖަހައިފައެވެ. އަދި 1998 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި ލައުރެން ބްލޭންކް ވަނީ 708 މެޗުން 137 ގޯލު ޖަހައިފައެވެ. އަދި، ބްރެޒިލްގެ ޑިފެންޑަރު ރޮބާޓޯ ކާލޯސް 102 ގޯލު އޭނާގެ ކެރިއަރުގައި ޖެހިއިރު މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން އަށް ކޯޗުކޮށްދިން ފެނާންޑޯ ހިއޭރޯ ވަނީ 716 މެޗުގައި 134 ގޯލު ޖަހައިފައެވެ. ހިއޭރޯ އަކީ ޑިފެންޑަރެއްގެ އިތުރުން މެދުތެރޭގައިވެސް ފެނުނު ކުޅުންތެރިއެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *