ރަމްސޭ ޔުވެންޓަސް އަށް، އާސެނަލުން ހެރޭރާ ގެންދަނީ؟

Advertisement

ރަމްސޭ ޔުވެންޓަސް އަށް، އާސެނަލުން ހެރޭރާ ގެންދަނީ؟

ޢަލީ ޝަހީމް
2017 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި މޮޅުވި ގޯލު ޖެހުމަށްފަހު ރަމްސޭ. ސީޒަން ނިމުމުން ޔުވެންޓަސް އަށް ބަދަލުވާނެކަމަށް ރިޕޯޓުތައް ބުނޭ

އިނގިރޭސި ކްލަބް އާސެނަލްގެ ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސޭ ޔުވެންޓަސް އާއެކު އެއްބަސްވުމަކަށް އަތުވެއްޖެ ކަަމަށް ދި ގާޑިއަން އިން ރިޕޯޓު ކޮށްފި އެވެ. ޖެނުއަރީ މަހު ކްލަބް ބަދަލުކުރާނެ ކަމަށް ބެލެވުނު ނަމަވެސް ރަމްސޭ ޔުވެންޓަސް އަށް ބަދަލުވާނެކަމަށް ގާޑިއަން އިން ރިޕޯޓު ކޮށްފައިވަނީ މި ސީޒަން ނިމުމުންނެވެ. އާސެނަލާއެކު ރަމްސޭ ހަދައިފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާއިރު ޔުވެންޓަސް އަށް އޭނާ ބަދަލުވާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެކަމަކު ޔުވެންޓަސް އިން ރަމްސޭ އަށް 36 މިލިއަން ޕައުންޑުގެ ޖުމްލަ އަގެއް ދޭނެ ކަމަށް ބެލެވެއެވެ.

ޔުވެންޓަސް އިން ރަމްސޭ ގެންދިއުމަށްފަހު އޭނާއަށް ހަފްތާއަކު 140 ހާސް ޕައުންޑް ދޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. މިހެން ވެއްޖެނަމަ އުމުރުން 28 އަހަރުގެ ރަމްސޭ ވެގެންދާނީ އެޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުން ދެ ވަނައަށް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ. މިއާއެކު އެޓީމުގެ ޕަައޮލޯ ޑީބަލާ އާއި ޑަގްލަސް ކޯސްޓާ ފަދަ ކުޅުންތެރިންގެ މުސާރަވެސް ރަމްސޭގެ މުސާރައަށްވުރެ ކުޑަވާނެ އެވެ.

ކާޑިފް ސިޓީން ރަމްސޭ 2008 ވަނަ އަހަރު އާސެނަލަށް ބަދަލުވީ 4.8 މިލިއަން ޕައުންޑަށެވެ. އާސެނަލަށް ބަދަލުވުމަށްފަހު  މިހާތަނަށް އެޓީމަށް ކުޅުނު 354 މެޗުގައި ރަމްސޭ ވަނީ 61 ގޯލު ޖަހައި 57 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. އެޓީމާއެކު ފަސް ތަށި ކާމިޔާބުކުރިއިރު ދެ ފަހަރު އެޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރަމްސޭ ހޯދިއެވެ. ރަމްސޭ ވަނީ 2014 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ އެފްއޭ ކަޕް އާސެނަލުން ކާމިޔާބު ކުރިއިރު ދެ ފައިނަލުގައިވެސް މޮޅުވި ގޯލު ޖަހައިފައެވެ.

އަނިޔާގެ ސަބަބުން އާސެނަލްގެ މުހިއްމު ބައެއް މެޗުތައް ގެއްލުނުއިރު ރަމްސޭ އެންމެ ފާހަގަ ކުރެވުނީ 2016 ވަނަ އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ވޭލްސް ދަތުރުކުރިއިރު އެވެ. އެޓީމު ސެމީ ފައިނަލުގައި ޕޯޗުގަލް އަތުން ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީވެސް ސަސްޕެންޑް ވުމުގެ ސަބަބުން އެމެޗުގައި ރަމްސޭ އަށް ނުކުޅެވުމެވެ.

ރަމްސޭ އާސެނަލް ދޫކޮށްލުމާ ގާތަށް ގޮސްފައިވާއިރު އެޓީމުން ރަމްސޭގެ ބަދަލުގައި ގެންނަން މަސައްކަތް ކުރަނީ ޕޯޓޯ އަށް ކުޅޭ މެކްސިކޯގެ ހެކްޓާ ހެރޭރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުން 28 އަހަރުގެ ހެރޭރާ އަކީ މެދުތެރެއިން މޮޅަށް ކުޅޭ ޕޯޓުގެ މުހިއްމު ކުޅުންތެރިއެކެވެ. ހެރޭރާ އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ޕޯޓޯއަށް ކުޅެމުންނެވެ. މެކްސިކޯގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ހެރޭރާ ވަނީ އެގައުމަށް 70 މެޗު ކުޅެދީފައެވެ.

ހެރޭރާގެ އިތުރުން ބާސެލޯނާ އަށް ކުޅޭ އުމުރުން 25 އަހަރުގެ ޑެނިސް ސުއަރޭޒް އަށް ވެސް އާސެނަލުން ޝައުގުވެރިވެއެވެ. ސްޕެއިންގެ ދުވަހު ނޫސް މާކާ އިން ރިޕޯޓު ކުރާގޮތުގައި ޑެނިސް ސުއަރޭޒް ދޫކޮށްލަން ބާސެލޯނާގެ ރައީސް މިހާރު ވަނީ ނިންމަވައިފައެވެ. ސްޕެއިން އަށް އުފަން ޑެނިސް ސުއަރޭޒް އެންމެ ފުރަތަމަ ފެނުނީ މެންޗެސްޓަރ ސިޓީގެ ޔޫތް ޓީމުންނެވެ. އެއަށްފަހު ބާސެލޯނާއަށް ބަދަލުވެ އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ސެވިއްޔާ އަށް ކުޅެފައެވެ. އޭރު ސެވިއްޔާގެ ކޯޗަކަށް ހުރީ އާސެނަލްގެ މިހާރު ކޯޗު އުނާއީ އެމެރީ އެވެ. ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާއިން ފުރުސަތު ނުލިބޭތީ ޑެނިސް ސުއަރޭޒް އާސެނަލަށް ބަދަލުވާން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އެމެރީ ކޯޗަކަށް ހުރުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *