ތުރާމްގެ ދަރިފުޅު ޕީއެސްޖީ އަށް ހިތުން ނުފިލާ ވަރުގެ ލަނޑެއް ދީފި
ފްރެންޗް ލީގް ކަޕްގައި ރޭ ގުއިންގޭމްޕްއާ ވާދަކޮށް އަމިއްލަ ރަށުގައި ކުޅުނު މެޗުން ބަލިވެ ޕީއެސްޖީ މުބާރާތުން ކަޓައިފިއެވެ. މިދިޔަ ފަސް އަހަރުވެސް ފްރެންޗް ލީގް ކަޕް ކާމިޔާބުކޮށްފައިވާ ޕީއެސްޖީ ފްރެންޗް ލީގުގެ އެންމެ ފުލުގައި އޮތް ޓީމާ ވާދަކޮށް ބަލިވީ 1-2 އިންނެވެ.
ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ގެނުވި މި ނަތީޖާ އާއެކު ޑޮމެސްޓިކް ކަޕް މުބާރާތެއްގައި ބަލިނުވެ ޕީއެސްޖީ އިން ދަމަހައްޓަމުން އައި ރެކޯޑްވެސް ނިމުމަކަށް އައީއެވެ. މި މެޗާ ހަމަޔަށް އައި އިރު ޑޮމެސްޓިކް ކަޕް މުބާރާތްތަކުގައި ބަލި ނުވެ ޕީއެސްޖީއިން ކުޅުނު މެޗްގެ އަދަދު އޮތީ 49 އަށް އަރާފައެވެ. މީގެ އިތުރުން މިއީ ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ފްރެންޗް ލީގް ކަޕްގެ މެޗަކުންވެސް އެ ޓީމް ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޑޮމެސްޓިކް ކަޕް މެޗަކުން ބަލިވެފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ރޭ ކުޅުނު ފްރެންޗް ލީގް ކަޕްގެ ކުއާޓަ ފައިނަލް މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ޕީއެސްޖީ އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 63 ވަނަ މިނެޓްގައި ބްރެޒިލްގެ ތަރި ނޭމާ އެވެ. އެކަމަކު އޭގެ ފަހުން މެޗުގެ ނަތީޖާ ގުއިންގޭމްޕުން އަނބުރާލީ މެޗްގެ ފަހުކޮޅު އެ ޓީމަށް ލިބުނު ދެ ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ ޕެނަލްޓީ މެޗްގެ 81 ވަނަ މިނެޓްގައި ގުއިންގޭމްޕް އަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޔެނީ އެންގޮބަކޯޓޯ އެވެ. ދެވަނަ ޕެނަލްޓީ މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށް ޕީއެސްޖީ މުބާރާތުން ކަޓުވާލީ ފްރާންސްގެ ގައުމީ ޓީމްގެ ކުރީގެ ތަރި ލިލިއަން ތުރާމްގެ ދަރިފުޅު މާކަސް ތުރާމް އެވެ. ލިލިއަމް ތުރާމް އަކީ 1998 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
ފްރެންޗް ލީގުގެ ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރާ މޮނާކޯ ވަނީ ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން 7-8 އިން ރޭނިސް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު 30 ވަނަ މިނެޓުގައި ރޭނިސް ޓީމުގެ ބޯރިގޭޑް ޖެހިއިރު މޮނާކޯއިން ނަތީޖާ ހަމަހަމަ ކުރީ 54 ވަނަ މިނެޓުގައި ފޯވާޑް ރޮނީ ލޮޕޭޒް ވައްދާލީ ގޯލުންނެވެ.
މި މޮޅާއެކު އާސެނަލްގެ ލެޖެންޑް ތިއެރީ އޮންރީ އަށް މިވަނީ ފުރަތަ ސީޒަނުގައިވެސް މޮނާކޯއާއެކު ތައްޓެއް ހޯދުމުގެ ފުރުސަތު ތަނަވަސް ވެފައެވެ. ޕީއެސްޖީގެ އިތުރުން ލިޔޯންވެސް ކުއާޓާ ފައިނަލް މެޗުން ބަލިވެ މުބާރާތުން ވަނީ ކަޓައިފައެވެ. ގުއިންގޭމްޕް އާއި މޮނާކޯގެ އިތުރުން ސެމީގައި ދެން ވާދަކުރާނީ ލިޔޯން ބަލިކުރި ސްޓްރަސްބާގް އާއި ބޯޑެކްސް އެވެ.
Advertisement
Leave a Reply