ނުވަ ގޯލް ޖަހައިގެން ސިޓީ މޮޅުވިއަސް ލިވަޕޫލްގެ ރެކޯޑަށް ގުޑުމެއް ނޭރި

Advertisement

ނުވަ ގޯލް ޖަހައިގެން ސިޓީ މޮޅުވިއަސް ލިވަޕޫލްގެ ރެކޯޑަށް ގުޑުމެއް ނޭރި

ޢަބްދުﷲ އަޝްރަފް
ޖީސުސް ރޭގަ މެޗުގައި ގޯލު ޖެހުމަށްފަހު. ރޭގެ މޮޅަކީ 31 އަހަރުތެރޭ ސިޓީން ހޯދި އެންމެ ބޮޑު މޮޅު

އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލްގައި ބާޓޮން އަލްބިއަން އާ ވާދަކޮށް 0-9 އިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ލީގް ވަން ގައި ކުޅޭ ބާޓޮން އާ ދެކޮޅަށް އެ ޓީމުން ކުޅުނު މެޗަށް ކޯޗް ޕެޕް ގާޑިއޯލާ ނެރުނީ ވަރުގަދަ ޓީމެކެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ރޭ ބާޓޮންގެ މައްޗަށް ސިޓީއިން މިހޯދި ނަތީޖާ އަކީ އިނގިރޭސި ތާރީހުގައިވެސް ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުގެ މެޗެއްގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އަދި، މިއީ މިވޭތުވެދިޔަ 31 އަހަރު ދުވަހުގެ ތެރޭގައި ސިޓީން އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. އެންމެ ފަހުން މިވަރުގެ ނަތީޖާ އެއް ސިޓީން ނެރެފައިވަނީ 1987 ވަނަ އަހަރު އެވެ. ދެ ވަނަ ޑިވިޝަނުގައި އެ އަހަރު ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު ލީގް މެޗެއްގައި 1-10 ގެ ނަތީޖާއަކުން ސިޓީ ވަނީ އެ ޓީމް ބަލިކޮށްފައެވެ.

ސިޓީގެ މި ނަތީޖާއާ އެކުވެސް ލީގު ކަޕްގައި އެންމެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވި ޓީމުތަކުގެ ލިސްޓަށް އެޓީމެއް ނާރައެވެ. ލީގު ކަޕްގެ ތާރީހުގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ދެ ޓީމަކީ ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑެވެ. 1983 ވަނަ އަހަރުގެ ލީގު ކަޕްގައި އޮކްޓޯބަރު މަހު ވެސްޓް ހޭމް ވަނީ 10-0 އިން ބިއުރީ ފުޓްބޯޅަ ކްލަބް ބަލިކޮށްފައެވެ. އަދި، 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުޅުނު ފުލަމް އާ ދެކޮޅަށް ކުޅުނު ލީގު ކަޕް މެޗުގައި ލިވަޕޫލްވެސް ވަނީ 10-0 އިން މޮޅުވެފައެވެ.

ރޭގެ މެޗްގައި ސިޓީގެ ގެބްރިއެލް ޖީސުސް ހަތަރު ގޯލް ޖެހިއިރު ކެވިން ޑެ ބްރޭނާ، އޮލެކްސެންޑާ ޒިންޗެންކޯ، ފިލް ފޮޑެން، ކައިލް ވޯކާ އަދި ރިޔާދް މާރޭޒް މިއިން ކޮންމެ ކުޅުންތެރިއަކު އެއް ގޯލް ޖަހައިފައިވެއެވެ. މި މެޗްގައި ޖީސުސް ޖެހި ހަތަރު ގޯލްގެ ތެރެއިން ތިން ގޯލް އޭނާ ޖަހައިފައިވަނީ ބޮލުންނެވެ. ސިޓީން ވަނީ މީގެ ތިން ދުވަސް ކުރިން ރޮދަހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕް ތިން ވަނަ ބުރުގެ މެޗްގައިވެސް ހަތް ގޯލް ޖަހައިފައެވެ.

ލީގް ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގްގައި ބާޓޮން އާއި ސިޓީން ވާދަކުރާ މެޗް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު ބާޓޮންގެ ދަނޑުގައެވެ. ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި އޮންނަ ފައިނަލްގައި ސިޓީން ވާދަކުރަންޖެހޭނީ ސެމީ ފައިނަލްގެ އަނެއް މެޗްގައި ވާދަކުރާ ޗެލްސީއާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ތެރެއިން ކުރި ހޯދާ ޓީމަކާއެވެ. އެ ދެ ޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 0-1 އިން ކާމިޔާބުކޮށްފައި އޮތީ ޓޮޓެންހަމް އެވެ.

މެންޗެސްޓަރ ސިޓީން ވަނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭ ތިން ފަހަރަށް ލީގް ކަޕް ކާމިޔާބުކޮށްފައެވެ. އަދި، މިދިޔަ އަހަރު އެ ޓީމުން ހޯދި އިނގިރޭސި ލީގް ކަޕަކީ ސިޓީގެ ކޯޗް ކަމާ 2016 ވަނަ އަހަރު ގާޑިއޯލާ ހަވާލުވިފަހުން އެ ޓީމަށް ލިބުނު ފުރަތަމަ ތަށްޓެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *