އޮފީސްތަކާއި ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް އަންނަ މަހު ބާއްވަނީ
ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ހޭންޑްބޯލް މޯލްޑިވްސް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިފަހަރުގެ މުބާރާތުގައިވެސް އަންހެން އަދި ފިރިހެން ބައިގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެ އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މުބާރާތުގައި ބައިވެރިވާ ބޭނުންވާ އޮފީސް އަދި ކުންފުނިތަކުން މި މަހުގެ 23 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކޮށް ހަވާލުކުރަން ޖެހޭނެކަމަށެވެ. މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމު ހުށަހަޅަން ޖެހޭނީ ގަލޮޅު ދަނޑުގައި ހުންނަ އެ އެސޯސިއޭޝަންގެ އޮފީހަށެވެ. ރެޖިސްޓްރޭޝަން ފޯމު ހުށަހަޅުމަށްފަހު ޓީމު ލިސްޓު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އެ އެސޯސިއޭޝަނުން ބުނީ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
މި މުބާރާތުގެ ސަބަބުން އޮފީސްތަކާއި ކުންފުނިތަކުގެ ގުޅުން ބަދަހިވެ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުނަރު އިތުވެގެންދާނެކަމަށް އެ އެސޯޯސިއޭޝަނުން ބުނެއެވެ. އަަދި، އޮފީސްތަކުގައި ބުރަކޮށް އުޅޭ މުވައްޒަފުން މިފަދަ މުބާރާތެއްގައި ބައިވެރިވެ ފިޓްނެސް ދަމަހައްޓަންވެސް މި މުބާރާތުގެ ސަބަބުން ފަހިވެގެން ދާނެކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ހޭންޑްބޯލް އޮންނަ ފޯރި ރާއްޖޭގައި މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ސްކޫލްތަކާއި އަމިއްލަ ބައެއް ޖަމިއްޔާތަކުންވެސް ހޭންޑްބޯލްގެ ގިނަ މުބާރާތްތަކެއް ކޮންމެ އަހަރަކުވެސް ރާއްޖޭގައި މިހާރު ކުރިއަށް ގެންދެއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މިދިޔަ އަހަރު އެމްޕީއެލް އިން ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަން އެވެ.
ހޭންޑްބޯލް ކުޅޭ ކުޅުންތެރިންނަށް ހާއްސަކުރެވިގެން އެ ކުޅިވަރަށް މާލޭން ދަނޑެއް ލިބިފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. ހޭންޑްބޯލް މޯލްޑިވްސް އިން މިދިޔަ އަހަރު ހުރިހާ މުބާރާތްތަކެއްވެސް ކުރިއަށް ގެންދިޔައީ މުބާރާތްތައް ކުރިއަށް ގެންދެވޭވަރަށް އެ ސަރަހައްދު ތައްޔާރު ކުރުމަށްފަހު އެވެ. އެ އެސޯސިއޭޝަނުގެ މިހާރުގެ އަމާޒަކީ ސަރުކާރުން ދީފައިވާ އެ ކޯޓުގައި ފެންވަރު ރަނގަޅު މެޓެއް ވީ އެންމެ އަވަހަށް އެޅުމެވެ.
ކޯތު އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން މިހާރު ހުރި ލައިޓްތަކުގެ ފެންވަރު ރަނގަޅުކޮށް އެތަނުގައި ފާހާނާ ބަރިއެއް ހެދުމުގެ މަސައްކަތްވެސް އެ އެސޯސިއޭޝަނުން މިިހާރު ދަނީ ކުރަމުންނެވެ.
Advertisement
Leave a Reply