މައި ޔޫޓައިލް ސްޕޯޓްސް އެކަޑަމީ 2019 އަށް ފައްކާވެފައި
ނ. ހޮޅުދޫ ގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ މައި ޔޫޓައިލް ސްޕޯޓްސް އެކަޑަމީގެ މިއަހަރުގެ ހަރަކާތަތައް ފަށަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމި މި މަހުގެ 18 ގައި ފަށަން ތައްޔާރުވެއްޖެއެވެ. 2016 ވަނަ އަހަރުގެ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ހުޅުވި މި ކުޅިވަރު އެކަޑަމީގައި މިއަހަރު 248 ކުއްޖަކު ތަމްރީންތައް ފުރިހަމަ ކުރަމަށްޓަކައި ރަޖިސްޓްރީކޮށްފައިވެއެވެ.
ޒުވާނުންގެ އެވޯޑް މީގެ ކުރިން ހޯދައިފައިވާ ހޮޅުދޫ އަށް އުފަން މޫސާ އިބްރާހިމް (މުސްތަޓޭ) އިސްވެ ހުހުރެގެން އުފައްދައިފައިވާ މި އެކަޑަމީގައި ފުޓްބޯޅައާއި ނެޓްބޯޅައިގެ އިތުރުން ފެތުމުގެ ތަމްރީންތައް ކުރިއަށް ގެންދެއެވެ. އަދި، ހަމަ އެއާއެކު ކުޅިވަރާ ގުޅޭ ތިއަރީ ކްލާސްތަކާއި، ހަށިގަނޑުގެ ތަރުބިއްޔަތާ ގުޅޭ ގޮތުން ވަކިން ކްލާސްތައް ކުރިއަށްގެންދެއެވެ. ޖުމްލަ ފަސް އިންސްޓްރަކްޓަރުންނާއެކު ކުޅިވަރުގެ ތަމްރީންގެ ހަރަކާތްތައް ކުރިއަށްގެންދާ މި އެކަޑަމީގައި އުމުރުން ފަސް އަހަރުން ފެށިގެން ނަވާރަ އަހަރާއި ދެމެދުގެ ކުދިން ހަރަކާތްތެރިވެއެވެ.
“އަޅުގަނޑުމެން ކްލާސްތައް ކުރިއަށްގެންދަނީ އެކި އުމުރު ފުރާތަކަށް ބަހާލައިގެން. އެންމެ ކުދިން ގިނަ ވާނީ ނުވަ އަހަރުން ދަށާއި ބާރަ އަހަރުން ދަށުގެ އުމުރު ފުރާގެ ބައިގަ. އެބެޗް ތަކުގެ ކުދިންގެ މެދުގަ މުބާރާތްތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންދަން.” މައި ޔޫޓައިލް ސްޕޯޓްސް އެކަޑަމީގެ ވެރިޔާ މޫސާ އިބްރާހިމް ބުންޏެވެ.
މައި ޔޫޓައިލް އެކަޑަމީގެ އެއް އަމާޒަކީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ވަރުގެ ކުޅުންތެރިންތަކެއް އެ އެކަޑަމީގެ މަސައްކަތުން އުފެއްދުމެވެ. މި އަމާޒަށް ވާސިލްވުމަށް އެ އެކަޑަމީ އިން ކުރާ މަސައްކަތުގައި މިހާތަނަށް އެކަށީގެންވާ ކާމިޔާބީތަކެއްވެސް ވަނީ ހޯދައިފައެވެ. އެކަޑަމީގައި ތަމްރީނު ހަދަމުން އައި ކުއްޖަކު ވަނީ މިފަހަކުން 16 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް ހިމެނިފައެވެ. އަދި، އަންނަ މަހު މާލޭގައި ފަށާ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ނިއުރޭޑިއަންޓް ގެ ޓީމުގައި އެކަޑަމީގައި ތަމްރީން ހެދި ދެ ކުޅުންތެރިއަކު ހިމެނެއެވެ.
އެކަޑަމީގައި އާއްމުކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ އިތުރުން މިއަހަރު ވަރަށް ހާއްސަ އިތުރު ހަރަކާތެއް ކުރިއަށް ގެންދަން ރޭވިފައިވާކަމަށް “ފަހުމިނެޓް” އާ ވާހަކަދައްކަމުން މޫސަ ބުނެފައިވެއެވެ.
“ކޮންމެވެސް އެއް އޭޖް ގްރޫޕެއްގެ ކުދިންނަށް ހާއްސަކޮށްގެން ކޭމްޕެއް ކުރިއަށް ގެންދަން މިއަހަރު ކަލަންޑަރުކުރެވިފަ އޮތީ. މިސާލަކަށް އައްޑޫގަ ނޫނީ ކުޅުދުއްފުށީގަ ނަމަވެސް. އެރަށެއްގަ ހުންނަ އެކަޑަމީއެއްގެ ކުދިންނާއެކު ހަރަކާތްތަކެއް ކުރިއަށްގެންދެވޭ ކަހަލަ ގޮތަކަށް. ބޮޑަށް މި ބަލަނީ މާޗް މަހުގެ ތެރޭގަ އަންނަ ސްކޫލް ބަންދާ ދިމާކޮށް އެކަން ކުރިއަށްގެންދަން.” ހޮޅުދޫ އާއެކު 2015 އަދި 2016 ވަނަ އަހަރު ސިޔާމް މައުރޫފް ސޮކާ ކަޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން މޫސަ ބުންޏެވެ.
ގާތްގަނޑަކަށް 2200 މީހުންގެ އާބާދީ އެއް އޮންނަ ހޮޅުދޫގައި ހިންގަމުން އަންނަ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު ހިތްވަރަކަށް ވަނީ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެކަޑަމީއަށް އެމީހުން ކުރާ އިތުބާރެވެ. މޫސަގެ ބަހުންނަމަ އެކަޑަމީ ގެ ހިތަކީ ބެލެނިވެރިންނެވެ.
މޫސަ ފާހަގަކުރި ގޮތުގައި އެކަޑަމީގެ ހަރަކާތްތައް ޖެނުއަރީ 18 އިން ފެށިގެން ނޮވެމްބަރު މަހުގެ 15 އާ ހަމަޔަށް ކުރިއަށްދާނެއެވެ.
Advertisement
Leave a Reply