ޓޮޓެންހަމުން ޗެލްސީ ބަލިކޮށްފި، ސަމާލުކަށް ވީއޭއާރަށް
އިނގިރޭސި ލީގު ކަޕް ގައި ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގް ގެ މެޗުގައި 1-0 އިން ޗެލްސީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ރޭގެ މެޗުގެ ހަމައެކަނި ގޯލު މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މިއީ ޖެހިޖެހިގެން ކޭން ގޯލު ޖެހި ހަ ވަނަ މެޗެވެ. ކޭން އަށް ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިޒަބަލަގާ ކުރި ފައުލަކަށް ރެފްރީ މައިކެލް އޮލިވާ ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީތެރިކަމާއެކު އެވެ. ރެފްރީ ވަނީ ކޭން އެއް ބޯޅައަށް އެރިއިރު ހުރީ އޮފްސައިޑް މަގާމެއްގައިތޯ ޔަގީންކޮށް ޗެލްސީގެ ކީޕަރު ކުރި ފައުލަށް ވީއޭއާރުގެ އެހީތެރިކަމާއެކު ޕެނަލްޓީ ދީފައެވެ.
މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނުނުއިރު ފުރަތަމަ ހާފުގައި ޗެލްސީން ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. ފުރަތަމަ އެޓީމުގެ އެންގޮލޯ ކާންޓޭ ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވިއިރު ޒުވާން ތަރި ކަލުމް ހުޑްސަން އޮޑޯއީ ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ބަދަލު ކީޕަރު ޕައުލޯ ގަޒާނީ މަތަކުރުމުން އަމާޒުވީ ދަނޑިއަށެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ޑެންމާކް ޑިފެންޑަރު އެންޑްރެސް ކްރިސްޓިއެންސަން އަށް ހަ ޔާޑު ކައިރިން ގޯލު ޖަހަން ލިބުނު ހުސް ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މެޗުގެ ދެ ވަނަ ހާފުގައި ކޭން ފޮނުވާލި ބާރު ބޯޅައިގެ ހުރަހަކަށްވީ ޗެލްސީގެ ކީޕަރު ކެޕާ އެވެ.
މެޗަށްފަހު ދެ ކޯޗުންގެ ވާހަކަވެސް އަމާޒުކުރީ ވީއޭއާރުން ޓޮޓެންހަމަށް ދިން ޕެނަލްޓީއަށެވެ. ކޭން އެ ބޯޅައަށް އެރިއިރު ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ބުނެ ޗެލްސީން ވަނީ މެޗަށްފަހު އެޓީމުން ނަގައިފައިވާ ވީޑިއޯ ފުޓޭޖް އާއްމުކޮށްފައެވެ.
“މީގެ އިރުކޮޅެއް ކުރިން އަހަރެމެންގެ ކެމެރާއިން އަހަރެން ވީޑިއޯ ބެލިން. ކޭން ހުރީ އޮފްސައިޑް ގަ. އަހަރެމެންގެ ކެމެރާ ހުރީ ކޭން އާ އެއް ލައިނެއްގަ” ގާތްގަނޑަކަށް ދޮޅު މިނެޓު ވަންދެން ވީއޭއާރުގެ އެހީތެރިކަން ހޯދުމަށްފަހު ޓޮޓެންހަމަށް ދިން ޕެނަލްޓީއާ ގުޅޭގޮތުން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުންޏެވެ.
ސާރީ ބުނީ އިނގިރޭސި ރެފްރީން ވީއޭއާރު ދަސްކުރަން ޖެހޭ ކަމަށާއި، ކޭން އޮފްސައިޑުކަމަށް ބަލައި މެޗުގެ ލައިންސްމަން ވެސް ހުރީ ހުއްޓިގެން ކަމަށެވެ. އެގޮތަށް އަމަލުކުރުމުން ޗެލްސީގެ ޑިފެންޑަރުންނަށް އަސަރުކުރިކަމަށް ބުނެ ވީއޭއާރާ މެދު ސާރީ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
“ބޮލުންވެސް، ކަކުލުންވެސް ކޭން ހުރީ އޮފްސައިޑް މަގާމެއްގައި. ލައިންސްމެން އަމަލުކުރި ގޮތުން އަހަރެމެންގެ ޑިފެންޑަރުންނަށް އެކަމުގެ އަސަރުކުރި” ސާރީ ބުންޏެވެ.
އަނެއްކޮޅުން ވީއޭއާރުގެ އެހީގައި މޮޅުވުމުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އޭނާއަކީ ވީއޭއާރަށް ސަޕޯޓްކުރާ މީހެއް ނޫންކަމަށެވެ.
“އަހަރެން ވީއޭއާރަށް ގަޔައެއް ނުވޭ. މިއަދު އަހަރެމެނަށް އޭގެ ފައިދާކުރި އެކަމަކު ވޯލްޑް ކަޕް ބެލުމަށްފަހު އަދި ލަލީގާ ބަލާއިރު އަހަރެންނަށް ފެނޭ ވީއޭއާރު ބޭނުންކުރަން ފެށި ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެންވެސް ހިތްހަމަ ނުޖެހޭކަން” ޕޮޗެޓީނޯ ބުންޏެވެ. ޕޮޗެޓީނޯ ބުނީ ވީއޭއާރުގެ އެހީތެރިކަން ލިބުމަކީ ފައިދާއެއް ކަމަށާއި، އެކަމަކު އެގޮތަށް މެޗަކުން މޮޅުވުމަކީ އޭނާ އަށް އޮތް ނުތަނަވަސްކަމެއް ކަމަށެވެ.
“އަހަރެމެނަށް އަދި އެބައޮތް ހަ މަސްދުވަސް މިކަން ފުރިހަމަ ކުރުމަށް. އަދި ވަރަށް މަސައްކަތް ކުރަންޖެހޭ” އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައި ވީއޭއާރު ބޭނުންކުރުމާ ގުޅޭގޮތުން ޕޮޗެޓީނޯ ބުންޏެވެ.
ފުރަތަމަ ލެގުގެ މެޗުން މޮޅުވެ ޓޮޓެންހަމުން ފައިނަލުގެ ފުރުސަތު ބޮޑުކުރިއިރު މި ދެޓީމު ޗެލްސީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގްގެ މެޗު އޮންނާނީ މިމަހުގެ 23 ވާ ބުދަ ދުވަހުގެ ރެއެވެ. ލީގު ކަޕްގެ ދެ ވަނަ ސެމީގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީ ނުކުންނާނީ ބާޓަން އަލްބިއަންއާ ދެކޮޅަށެވެ.
Advertisement
Leave a Reply