ދަ ގޭންގުން ޔޫތް ޗެމްޕިއަންޝިޕަށް ޓީމު އެކުލަވާލަނީ، ފުރުސަތު ހުޅުވިފައި

Advertisement

ދަ ގޭންގުން ޔޫތް ޗެމްޕިއަންޝިޕަށް ޓީމު އެކުލަވާލަނީ، ފުރުސަތު ހުޅުވިފައި

ޢަލީ ޝަހީމް
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ދަ ގޭންގް ޓީމު ތައްޓާއެކު. މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާއިރު އެޓީމު މިހާރު ތައްޔާރުވަމުން ދަނީ ޒުވާން ޓީމު އެކުލަވާލުމަށް. ފޮޓޯ: މިހާރު

ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) އިން ޔޫތް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު ޓްރަޔަލްތައް ބާއްވަން ހަމަޖައްސާފައި ވާކަމަށް އެ ކްލަބުން ބުނެފިއެވެ. މިދިޔަ އަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް އެއް ވަނަ ޑިވިޝަނަށް ކޮލިފައިވި ދަ ގޭންގުން ޔޫތް ޗެމްޕިއަންޝިޕް ގައި ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.

ދަ ގޭންގު ޓީމުން ބުނީ ޓްރަޔަލްތަކުގައި ކޮންމެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި، ހޮވާލެވޭ ކުޅުންތެރިންނަށް އެ ކްލަބުގެ ޒުވާން ޓީމުން ފުރުސަތުދީ އަންނަ މަހުގެ ތިން ވަނަ ދުވަހު ފަށާ ޔޫތް ޗެމްޕިއަންޝިޕްގައި އެ ޓީމު ތަމްސީލު ކުރެވޭނެ ކަމަށެވެ. ބުރާސްފަތި އަދި ހުކުރު ދުވަހު ވެސް ޓްރަޔަލްތައް އޮންނާނީ އެފްއޭއެމް ޓާފް ދަނޑުގައެވެ. ޔޫތް ޓީމާއި ގުޅެން ބޭނުންވާ ޒުވާން ކުޅުންތެރިން އިތުރު މައުލޫމާތު ހޯދުމަށް  7940767 , 7733903 އަށް ގުޅުމަށް އެ ކްލަބުން ވަނީ އެދިފައެވެ.

ދަ ގޭންގުގެ 21 އަހަރުން ދަށުގެ ޓީމު ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރަން ތައްޔާރުވާއިރު ސީނިއާ ޓީމު މިއަހަރު ފެންނާނީ ފުރަތަމަ ޑިވިޝަނުންނެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައަށް އެޓީމު ކޮލިފައިވި މިދިޔަ އަހަރުގެ މެއި މަހުގެ އަށް ވަނަ ދުވަހު ކުޅުނު ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށް ޗެމްޕިއަންކަން ހޯދައިގެންނެވެ. ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން އެއްވަރުވި އިރު ޕެނަލްޓީގައި އެޓީމަށް ކުރި ލިބުނީ 3-1 އިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ޕްރިމިއާ ލީގަށް އެޓީމު ވަރުގަދަ ކުރުމުގެ ގޮތުން މިދޔަ އަހަރު ފުރަތަމަ ޑިވިޝަނުން ވިދާލި ބައެއް ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންވެސް އިތުރު ކުރުމުގެ މަސައްކަތް އެޓީމުން މިހާރު ދަނީ ކުރަމުންނެވެ.

ޔޫތް ޗެމްޕިއަންޝިޕްގައި މިދިޔަ އަހަރު ބައިވެރިވީ ހަތަރު ޓީމަކުންނެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކްލަބް އީގަލްސް ބަލިކޮށް ހޯދީ ކްލަބް ގްރީން ސްޓްރީޓްސް އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އެންމެ ހަތަރު ޓީމުން ވާދަކުރިޔަސް މިފަހަރު މުބާރާތް ގިނަ ޓީމުތަކަކާއެކު ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. ޔޫތް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓް، ކްލަބް ގްރީން ސްޓްރީޓްސް އިންވެސް މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފައެވެ. އަދި މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ށ. ފޯކައިދޫން ވެސް މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ނިންމައި ފަރިތަކުރުންތައް ވަނީ ފަށައިފައެވެ. ފޯކައިދޫގެ އިތުރުން އަތޮޅު ތެރެއިން ބ. އޭދަފުށި ވެސް މިފަހަރުގެ މުބާރާތުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އެޓީމުން ވަނީ ޔޫތް ޗެމްޕިއަންޝިޕަށް ތަައްޔާރުވުމުގެ ގޮތުން މިދިޔަ މަހުގެ ފަހުކޮޅު އެރަށުގައި ފަރިތަކުރުންތައް ފަށައިފައެވެ. މި ޓީމުތަކުގެ އިތުރުން އެއް ވަނަ ޑިވިޝަނުގެ ގަދަބާރު މާޒިޔާއިން ވެސް އެ ޓީމުގެ ޓްރަޔަލް ބާއްވައި ކުޅުންތެރިން ނެގުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހު މިއަހަރުގެ މުބާރާތް ފަށާއިރު މުބާރާތުގައި 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ކުޅެވޭނެއެވެ. އެފްއޭއެމް އިން މިދިޔަ އަހަރުގެ މުބާރާތް އަމާޒުކުރީ 19 އަހަރުން ދަށަށެވެ. މި އަހަރު 21 އަހަރުން ދަށަށް ހާއްސަ ކުރީ ކޮންމެ ދެ އަހަރަކުން އެއް އަހަރަކު 21 އަހަރުން ދަށަށް ބާއްވަން ނިންމާފައިވާތީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *