ވުލްވްސް އަތުން ބަލިވެ އެފްއޭ ކަޕުން ލިވަޕޫލް ކަޓައިފި

އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ. އެފްއޭ ކަޕުން ކެޓިއިރު އެޓީމު ވަނީ ލީގުގައި އެންމެ ފަހުން މެންޗެސްޓަރ ސިޓީއާ ކުޅުނު މެޗުންވެސް 2-1 އިން ބަލިވެފައެވެ.
ވުލްވްސް ގެ ދަނޑުގައި ކުޅުނު މެޗަށް ލިވަޕޫލުން ލީގުގައި ސިޓީއާ ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ނުވަ ބަދަލެއް ގެނެސްފައެވެ. އެޓީމު ގޯލްކީޕަރު އެލިސަން ބެކާ އާއި ޑިފެންޑަރ ވާޖިލް ވެން ޑައިކް އަދި އެންޑްރޫ ރޮބާޓްސަން ފަދަ ކުޅުންތެރިން ރޭގެ މެޗުގެ ޓީމުގައިވެސް ހިމަނާފައެއް ނުވެއެވެ. އަދި، އާއްމުކޮށް އެޓީމުގެ ކުރި ބަލަހައްޓާ ސަޑިއޯ މާނޭ އާއި ރޮބާޓޯ ފިރްމީނޯ އަދި މުހައްމަދު ސަލާހް މެޗު ފެށިއިރު އިނީ ބެންޗުގައެވެ.
ފުރަތަމަ އެގާރައިން ޔާގެން ކްލޮޕް ވަނީ އުމުރުން 17 އަހަރުގެ މިޑްފީލްޑަރު ކާޓިސް ޖޯންސް އާއި 18 އަހަރުގެ ރަފޭލް ކަމަޗޯ އަށް ފުރުސަތު ދީފައެވެ. އަދި މެޗުގެ ހަ ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ޑޭޔާން ލޮވްރެން އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުން ކްލޮޕް ވަނީ ބެންޗުގައި އިންއުމުރުން އެންމެ 16 އަހަރުގެ ކި-ޖަނާ ހޮއެވާ އަށް ފުރުސަތު ދީފައެވެ. ރޭގެ މެޗާއެކު އެފްއޭކަޕްގެ ތާރީހުގައި ލިވަޕޫލް ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުތެރިއަކީ ހޮއެވާ އެވެ. އަދި އޭނާ އަކީ ލިވަޕޫލްގެ ސީނިއާ ޓީމަށް ތިން ވަނަ އަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ވުލްވްސް އިންނެވެ. ލިވަޕޫލްގެ ތަޖުރިބާރު ކުޅުންތެރިޔާ ޖޭމްސް މިލްނާ އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައި 38 ވަނަ މިނެޓުގައި މި ގޯލު ވުލްވްސް އަށް ކާމިޔާބު ކޮށްދިނީ މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒް އެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން ވުލްވްސް އިން އަމިއްލަ ދަނޑުގައި ލިވަޕޫލް ކޮޅަށް ޖެހި ފުރަތަމަ ގޯލެވެ.
ފުރަތަމަ ހާފު ވުލްވްސް ކުރީގައި އޮވެގެން ނިންމާލިއިރު ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ޑިވޮކް އޮރީގީ ވަނީ ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭރިޔާ ބޭރުން އޮރީގީ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ލިވަޕޫލުން މެޗުގައި އެއްވަރުކުރިތާ ހަތަރު މިނެޓު ފަހުން ވުލްވްސް މެޗުން މޮޅުވި ގޯލު ޖެހީ ރުބެން ނެވޭސް އެވެ.
ވުލްވްސް އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގުމުން ކްލޮޕް ވަނީ ބެންޗުގައި ސަލާހް އާއި ފިރްމީނޯ 70 ވަަނަ މިނެޓުގައި ކުޅެން އަރުވައިފައެވެ. މި ދެކުޅުންތެރިންނާއެކު ލިވަޕޫލުގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ލިވަޕޫލުން ގޯލެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ޒެރްޑަން ޝަގީރީ އެވެ. އޭރިޔާ ބޭރުން ޝަގީރީ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މިއީ 2011 ވަނަ އަހަރުގެ ފަހުން އެފްއޭ ކަޕްގެ ތިން ވަނަ ބުރުން ލިވަޕޫލް ކެޓި ފުރަތަމަ ފަހަރެވެ. އެ އަހަރު އެޓީމު ކެޓީ 1-0 އިން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވެގެންނެވެ. އެފްއޭ ކަޕުން ލިވަޕޫލް ކެޓިއިރު އެޓީމު މި ސީޒަނުގެ ލީގު ކަޕުން ކެޓީ ޗެލްސީއާ ވާދަކޮށް ބަލިވެގެންނެވެ. ޕްރިމިއާ ލީގުގައި ހަތަރު ޕޮއިންޓުގެ ލީޑަކާއެކު އެއް ވަނައިގައި އޮތްއިރު ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށްވެސް އެޓީމު ވަނީ ދަތުުރު ކޮށްފައެވެ. ޗެމްޕިއަންސް ލީގުގައި އެޓީމު ވާދަކުރާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެވެ.
Advertisement


Leave a Reply