ގޮސިޕް: ކުޓީނިއޯ ޔުނައިޓެޑަށް؟ އެރިކްސަން ރެއާލް މެޑްރިޑަށް؟
ބާސެލޯނާގެ ބްރެޒިލް ތަރި ފިލިއްޕޭ ކުޓީނިއޯ އަށް އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑުން ބިޑް ކުރަން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ބާސެލޯނާއަށް ކުޓީނިއޯ ބަދަލުވީ 105 މިލިއަން ޕައުންޑަށެވެ. ބާސެލޯނާއަށް ބަދަލުވުމަށްފަހު ކުޓީނީއޯގެ ފަރާތުން އެ ކްލަބުން ބޭނުންވާ ފެންވަރުގެ ކުޅުން ނުފެންނަ ކަމަށް ބުނެ އޭނާ ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި ނޫސް ކޯޓް އޮފްސައިޑުން އިއްޔެ ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ކުޓީނިއޯ މިހާތަނަށް އެޓީމަށް ކުޅުނު 45 މެޗުގައި 15 ގޯލު ވަނީ ޖަހައިފައެވެ. ކުޓީނިއޯގެ ވިދުން ގަދަވީ ލިވަޕޫލުގައި އުޅުނު ދުވަސްވަރު ދެއްކި އާދަޔާ ހިލާފު މޮޅު ކުޅުމުންނެވެ. ލިވަޕޫލުގައި ހޭދަކުރި ހަ ސީޒަނުގައި ކުޓީނިއޯ ވަނީ ކުޅުނު 201 މެޗުގައި 54 ގޯލު ޖަހައިފައެވެ. އުމުރުން 26 އަހަރުގެ ކުޓީނިއޯ ލިބެން އޮތް ނަމަ އޭނާ ލުހެލަން ބޭނުންވަނީ ހަމައެކަނި ޔުނައިޓެޑަކުން ނޫނެވެ. ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑްގެ އިތުރުން ޗެލްސީ އާއި މެންޗެސްޓަރ ސިޓީ އަދި ޕީއެސްޖީ ވެސް އޮތީ ކުޓީނީއޯ ގެންދަން ތައްޔާރަށެވެ.
ކޮންމެއަކަސް ކުޓީނިއޯ އަށް ޔުނައިޓެޑުން ބިޑް ކޮށްފިނަމަ އެކަން ވެގެންދާނީ ވަރަށް ޝައުގުވެރި ކުރުވަނިވި ކަމަކަށެވެ. ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން ކުޓީނިއޯ ބޭނުން ނަމަ 100 މިލިއަނަށް ޕައުންޑަށްވުރެ ގިނައިން ހަރަދު ކުރަން ޖެހޭނެކަން ޔަގީނެވެ. ދެން އޮތް ސުވާލަކީ އެފެންވަރުގެ ކުޅުންތެރިއަކު ބާސެލޯނާއިން ހަމަ ދޫކޮށްލަފާނެ ބާއެވެ؟ ދެން އޮތީ ޖެނުއަރީ ޓްރާންސްފާގެ ބާކީ ދުވަސްތަކުގައި ކަން ވާގޮތް ބަލަން ތިބުމެވެ.
ރެއާލް މެޑްރިޑުން އެންމެ ބޭނުންވަނީ އެރިކްސަން
ރެއާލް މެޑްރިޑް އޮތް އުނދަގޫ ފައްތަރުން އަރައިގަތުމަށް އެޓީމުން މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޓީމަށް ވީހާވެސް ރަނގަޅު ކުޅުންތެރިން އިތުރުކުރުމަށެވެ. އެޓީމުން އެންމެ ބޮޑަށް ބޭނުންވާ އެއް ކުޅުންތެރިއަކީ ޗެލްސީގެ ތަރި އެޑެން ހަޒާޑެވެ. އެކަމަކު މި ޖެނުއަރީ މަހު ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލު ނުވާނެކަމަށް ހުދު އޭނާވެސް ވަނީ ބުނެފައެވެ. ބްރިޓިޝް ނޫސް ދި އިންޑިޕެންޑެންޓުން ރިޕޯޓު ކޮށްފައިވާގޮތުން ރެއާލުން މިހާރު ބޭނުންވަނީ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ އުމުރުން 26 އަހަރުގެ ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން އެވެ. ހަޒާޑް ލިބެން ނެތުމުން ރެއާލުން ބޭނުންވަނީ ފަސޭހައިން ގެނެވޭ ކަހަލަ ފެންވަރު ރަނގަޅު ކުޅުންތެރިއަކަށް ފާރަލުމެވެ.
ޓޮޓެންހަމާއެކު އެރިކްސަންގެ ކޮންޓްރެކްޓް 2020 ވަނަ އަހަރަށް ހަމަވާއިރު އެ ކްލަބުން ދަނީ އޭނާގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ޓޮޓެންހަމުން ނިންމާފައިވަނީ އެރިކްސަން އަށް ހަފްތާއަކު މަދުވެގެން ދެ ލައްކަ ޕައުންޑް ދޭގޮތަށެވެ. އެކަމަކު މައްސަލައަކީ އެރިކްސަން އާ ޗެލެންޖެއް ބޭނުންވުމެވެ. ސްޕެއިންގެ ރެއާލް މެޑްރިޑް ނޫނީ ބާސެލޯނާ އަށް ކުޅުމުގެ ޝައުގުވެރިކަން ހުންނަ އެރިކްސަން އަށް މީގެ ކުރިން ބާސެލޯނާއިން ވެސް ވަނީ ފާރަލައިފައެވެ. އެކަމަކު މީގެ އަހަރެއް ކުރިން ބާސެލޯނާއިން ކުޓީނީއޯގެ ސޮއި ހޯދުމަށްފަހު އެރިކްސަން ގެންދިއުމުގެ މަސައްކަތް ހުއްޓާލި އެވެ. ލީގުގައި މިވަގުތު ރެއާލް މެޑްރިޑް އޮތީ 30 ޕޮއިންޓާއެކު ފަސް ވަނައިގައެވެ. އެޓީމަށް ބޮޑު ބަދަލެއް ގެންނަން މެނޭޖްމަންޓުން މަސައްކަތް ކުރާއިރު ދޫކޮށްލާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ ޒުވާން ތަރި އިސްކޯ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަޔާނުން ރޮބެންގެ 10 ނަންބަރު ޖާޒީ ހުޑްސަން އޮޑޯއީ އަށް ހާއްސަ ކޮށްފި
ކުޅުންތެރިން ގަނެވިއްކުމުގެ ބާޒާރުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ޗެލްސީ އަށް ކުޅޭ އުމުރުން 18 އަހަރުގެ ކަލުމް ހުޑްސަން އޮޑޯއީ ގެންދަން ޖަރުމަނުގެ ބަޔާން މިއުނިކުން ހުއްޓާނުލާ މަސައްކަތް ކުރާ ވާހަކަ އެވެ. ހުޑްސަން އޮޑޯއީ ބޭނުންވާކަން ހާމަކުރަމުން ބަޔާނުން މިހާރު ވަނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އާޔެން ރޮބެންގެ 10 ނަންބަރު ޖާޒީވެސް ދޭން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ. ދި ސަން ނޫހުން ރިޕޯޓު ކުރާގޮތުގައި ބަޔާނުން މި ޖެނުއަރީ މަހު އޮޑޯއީ ގެންދަން ޗެލްސީ އަށް 30 މިލިއަން ދޭ ގޮތަށް އޮތީ ތައްޔާރަށެވެ. އަދި، މި ސީޒަނަށްފަހު ކްލަބް ދޫކޮށްލާނެ ކަމަށް ބުނެފައިވާ ރޮބެންގެ ޖާޒީ ދެން ލާނީ އޮޑޯއީ ކަމަށް ބަޔާނުން މިހާރުވެސް ވަނީ ބުނަން ފަށައިފައެވެ.
ހުޑްސޮން އޮޑޯއީ އަށް ބަޔާނުން ފާރަލަމުން ދިއުމާއި ގުޅިގެން ޗެލްސީން ވަނީ މަދުވެގެން 36 މިލިއަން ޕައުންޑް ދޭންޖެހޭނެ ކަމަށް ބުނެފައެވެ. އަނެއްކޮޅުން ހުޑްސަން އޮޑޯއީ ޗެލްސީގެ އާ ކޮންޓްރެކްޓް ގައި ސޮއި ކޮށްފައި ނުވުމަކީވެސް އޭނާ ބަޔާނަށް ބަދަލުވުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޗެލްސީގެ ޓީމުން ފުރުސަތު ނުލިބޭތީ ހުޑްސަން އޮޑޯއީ އެޓީމު ދޫކޮށްލާނެ ވާހަކަތައް ގަދަވީ މީގެ ދުވަސްކޮޅެއް އުމުރުން 20 އަހަރުގެ ކްރިސްޓިއަން ޕުލިސިޗްގެ ސޮއި ޗެލްސީން ހޯދި ހިސާބުންނެވެ. ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރު ޗެލްސީން ގެންދިއުމުން އަންނަ ސީޒަނުގައިވެސް ހުޑްސަން އޮޑޯއީ އަށް ކުޅުމުގެ ފުރުސަތު ބޭނުންވާ ވަރަށް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި، މެންޗެސްޓަރ ސިޓީން ޑޯޓްމަންޑަށް ވިއްކާލީ ޖޭޑޮން ސަންޒޯ ޖަރުމަނު ލީގުގައި ދައްކަމުންދާ މޮޅު ކުޅުމަކީވެސް ބަޔާނުން ހުޑްސަން އޮޑޯއީ ގެންދަން ބޭނުންވާ ސަބަބެކެވެ.
ޗެލްސީގެ ޓީމުން ހުޑްސަން އޮޑޯއީ އަށް މަދުން ފުރުސަތު ލިބުނު ނަމަވެސް އެންމެ ފަހުން އެފްއޭ ކަޕްގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ހުޑްސަން އޮޑޯއީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. އެމެޗުން ޗެލްސީ 2-0 އިން މޮޅުވިއިރު އަލްވާރޯ މޮރާޓާ އަށް ދެގޯލު ޖަހަންވެސް މަގުފަހި ކޮށްދިނީ ހުޑްސަން އޮޑޯއީ އެވެ. ކޮންމެއަކަސް އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ ބަޔާނަށް ބަދަލުވެއްޖެ ނަމަ ސަންޗޯ ގޮތަށް ޖަރުމަނު ލީގުގައި ވިދުންގަދަ ތަރިއަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
ޔުވެންޓަސް އިން ޑީބަލާ ވިއްކާލަނީ؟
90 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހުށަހަޅައިފި ނަމަ އިޓަލީގެ ޔުވެންޓަސް އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑީބަލާ އެ ކްލަބުން ވިއްކާލާނެ ކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓު ކޮށްފި އެވެ. ޓްރާންސްފާ ބާޒާރުގައި އުމުރުން 25 އަހަރުގެ ޑީބަލާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި ބަޔާން މިއުނިކާއި، މެންޗެސްޓާގެ ދެ ކްލަބް އަދި ޕީއެސްޖީ ހިމެނެއެވެ. ޔޫރަޕްގައި މިވަގުތު ތިބި އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ޑީބަލާ ވަނީ އިޓަލީގެ ޕެލާމޯ އިން 2015 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވުމަށްފަހު ގިނަ ކާމިޔާބީތަކެއް އެ ކްލަބާއެކު ހޯދައިފައެވެ. އެކަމަކު ޔުވެންޓަސް އާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރު ބަލިވުމުން ޑީބަލާ އެންމެ ބޭނުންވާ ތަށި އަދި ވަނީ ލިބޭގޮތް ނުވެފައެވެ. ރިޕޯޓުތައް ބުނާގޮތުން ޑީބަލާ ކްލަބް ބަދަލުކުރާނަމަ އެންމެ ބޮޑަށް އަމާޒު ހިފާނީ ޗެމްޕިއަންސް ލީގު ނެގޭ ފެންވަރުގެ ޓީމަކަށް ބަދަލުވުމަށެވެ.
ޑީބަލާ ކްލަބް ބަދަލުކުރާ ވާހަކަ މީގެ ކުރިންވެސް ތަކުރާރުކޮށް ދެކެވިފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުމުގެ ފުރުސަތު އޮތްތޯ މިދިޔަ ނޮވެމްބަރު މަހު އެހުމުން އޭނާ ބުނީ ވިސްނުން ހުރީ ޔުވެންޓަސް އާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށެވެ. ޔުވެންޓަސް އިން ވަނީ 2016 ވަނަ އަހަރު 89 މިލިއަން ޕައުންޑުގެ ރެކޯޑު އަގަކަށް ޕައުލް ޕޮގްބާ ވެސް ޔުނައިޓެޑަށް ވިއްކާލައިފައެވެ.
2015 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވުމަށްފަހު ޑީބަލާ ވަނީ ކުޅުނު 162 މެޗުގައި 75 ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އަދި، މި ސީޒަނުގައި މިހާތަނަށް ކުޅުނު 22 މެޗުގައި ޑީބަލާ ވަނީ ހަތް ގޯލު ޖަހައިފައެވެ.
Advertisement
Leave a Reply