މުއްނި ކަޕް ފުޓްސަލް މުބާރާތް މުލަކުގައި ފަށައިިފި

Advertisement

މުއްނި ކަޕް ފުޓްސަލް މުބާރާތް މުލަކުގައި ފަށައިިފި

ޢަލީ ޝަހީމް
މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: މުއްނި ކަޕް

މ. މުލަކު ޒުވާނުންނަށް އަމާޒުކޮށްގެން މުލަކުއަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ހަސަން (މުއްނި) ބާއްވާ މުއްނި ކަޕް ފުޓްސަލް މުބާރާތް އިއްޔެ އެރަށުގައި ފަށައިފި އެވެ. މިއީ މުއްނިގެ އިސްނެގެވުމުގެ މަތިން އެރަށުގެ ޒުވާނުންނަށް ބާއްވާ ދެ ވަނަ ފުޓްސަލް މުބާރާތެވެ. 

މި އަހަރުގެ މުބާރާތުގައި ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި މިސްޔޫ ޓީމާއި، މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވި ދި ގޯޅިއަންސް އާއި އެފްސީ ގެލެކްސީ، ޕޮލިސް، ފޮބިޑެން ސިޓީ އަދި އެމްވައިއެސް އެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި މިސްޔޫ ޓީމާއި އެފްސީ ގެލެކްސީ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަން މިސްޔޫ ޓީމު ހުއްޓުވުމުގައި މޮޅު ކުޅުމެއްދެއްކި ގެލެކްސީ ޓީމުގެ ގޯލްކީޕަރު އާދަމް އަހުމަދު މަނިކް އެވެ. 

މުބާރާތުގައި ރޭ ދެ މެޗު ކުޅުނުއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެމްވައިއެސް އާއި ޕޮލިސް ޓީމެވެ. މި މެޗު ނިމުނީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ޓީމުގެ އަބްދުﷲ ޖަމީލް އެވެ. ރޭ ކުޅުނު ފަހު މެޗުގައި މިދިޔަ އަހަރުގެ ރަނަރަޕް ދި ގޯޅިއަންސް ވަނީ 2-1 އިން ފޮބިޑެން ސިޓީ އަތުން ބަލިވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފޮބިޑެން ސިޓީގެ ހަސަން އިބްރާހީމް އެވެ. މުބާރާތުގެ އިއްޔެ ކުޅުނު މެޗުތައް ޝަރަފްވެރި ކޮށްދެއްވީ މުލަކުގެ ކުރީގެ ބައެއް ކުޅުންތެރިންނާއި މ. އަތޮޅުގެ ޕޮލިސް ކޮމާންޑަރެވެ. 

 

މުބާރާތުގެ މެޗް ޝެޑިއުލް. ފޮޓޯ: މުއްނި ކަޕް

މުބާރާތުގެ މިއަދުވެސް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި އެމްވައިއެސް އާއި ދި ގޯޅިއަންސް ވާދަކުރާއިރު މިރޭ ކުޅޭ ފުރަތަމަ މެޗުގައި އެފްސީ ގެލެކްސީ ނުކުންނާނީ ފޮބިޑެން ސިޓީއާ ދެކޮޅަށެވެ. އަދި މިރޭ ކުޅޭ ފަހު މެޗުގައި ޕޮލިސް ޓީމާއި މިސްޔޫ ޓީމު ވާދަކުރާނެ އެވެ.

ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާއިރު ސެމީ އަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ސެމީ ފައިނަލްގެ މެޗުތައް މިމަހުގެ 11 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅެނީ ޖެހިގެން އަންނަ ދުވަހު އެވެ.   

މުއްނި ކަޕްގެ ފުރަތަމަ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަހަރުގެ އޮގަސްޓް މަހު އެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ކުޅިވަރުގެ މައިދާނުގައި ޒުވާނުންނަށް އޮތް ފުރުސަތުތައް އިތުރު ކުރުން ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ރާއްޖޭގައި ފޯރިއާއެކު ކުރިއަރަމުން އަންނަ ފުޓްސަލް އިން ހުނަރުވެރި ޒުވާނުންތަކެއް އުފައްދައި ގައުމީ ލެވެލްގައި އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި މުބާރާތް ޒުވާނުންނަށް ހާއްސަ ކުރުމުގެ އެއް ސަބަބު ކަމަށް އިންތިޒާމު ކޮމިޓީން ބުނެފައިވެއެވެ. މިފަހަރުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *