ސިޓީގެ ޒުވާން ތަރި ޑިއާޒް ރެއާލް މެޑްރިޑަށް

Advertisement

ސިޓީގެ ޒުވާން ތަރި ޑިއާޒް ރެއާލް މެޑްރިޑަށް

ޢަލީ ޝަހީމް

އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީއަށް ކުޅޭ ސްޕެއިންގެ ބްރަހިމް ޑިއާޒް ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ އެވެ. މީޑީއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 19 އަހަރުގެ ޑިއާޒް ހަ އަހަރާއި ބައިގެ މުއްދަތަކަށް ރެއާލަށް ބަދަލުވީ 15 މިލިއަން ޕައުންޑަށެވެ.

އުމުުރުން 14 އަހަރުގައި ޑިއާޒް ސިޓީ އަށް ބަދަލުވީ ސްޕެއިންގެ މަލާގާގެ އެކަޑެމީން 2013 ވަނަ އަހަރު އެވެ. ސިޓީގައި ހޭދަކުރި މުއްދަތުގައި ޑިއާޒް އެޓީމަށް 15 މެޗު ކުޅެދިންއިރު މި ސީޒަނުގައި ފެނިފައިވަނީ ހަތަރު މެޗުންނެވެ. ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅޭ ޑިއާޒް ސިޓީގެ ޖާޒީގައި އެންމެ ފަހުން ކުޅުނީ ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި މިިދޔަ މަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެން އެޓީމު މޮޅުވި މެޗުގައެވެ.

Advertisement

ޑިއާޒް އެންމެ ބޮޑަށް ވިދާލީ 2017 ވަނަ އަހަރު އޮތް ޔޫއެފާ 17 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ސްޕެއިން ޓީމުންނެވެ. އަޒަރުބައިޖާންގައި ކުރިއަށް ދިޔަ އެ މުބާރާތުގައި ޕޯޗުގަލްގެ ފަހަތުން ދެ ވަނަ ސްޕެއިން ހޯދިއިރު ޑިއާޒް ވަނީ ތިން ގޯލު ޖަހައި މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އެ މުބާރާތުގެ ކުރިންވެސް ސިޓީގެ ޒުވާން ޓީމުގައި ޑިއާޒް ވަނީ ކުޅެފައެވެ. ސިޓީގެ ޒުވާން ޓީމާއެކު 2016 އަދި 2017 ވަނަ އަހަރުގެ އެފްއޭ ޔޫތް ކަޕްގެ ފައިނަލުގައި ޗެލްސީ އަތުން ބަލިވިއިރު ޑިއާޒް ވަނީ އެޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެއަށްފަހު ސިޓީގެ ސީނިއާ ޓީމުން ޑިއާޒް ފުރަތަމަ ފެނުނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އެވެ.

ސިޓީގައި އޮތް ވަރުގަދަ ސްކޮޑާއެކު އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ޒުވާން ޓީމުގެ ކުޅުންތެރިންނަށް އާއްމުކޮށް ފުރުސަތު ދެނީ ކަޕް މެޗުތަކުގައެވެ. ޑިއާޒް ވަނީ ލީގު ކަޕްގައި ނޮވެމްބަރު މަހު ފުލަމް އާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލު ޖަހައިފައެވެ.

ސިޓީން ވަނީ 2017 ވަނަ އަހަރު އުމުރުން 18 އަހަރުގެ ޖޭޑޮން ސަންޗޯ އަށް މިލިއަން ޕައުންޑަށް  ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ވިއްކާލައިފައެވެ. ޑޯޓްމަންޑަށް ބަދަލުވުމަށްފަހު ސަންޗޯ އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި ޑޯޓްމަންޑަށް ސަންޗޯ ވަނީ ހަތް ގޯލު ޖަހައިދީ އަށް ގޯލު ޖަހަން ފުރުސަތު ތަނަަވަސް ކޮށްދީފައެވެ. ޑޯޓްމަންޑުގައި ދައްކަމުންދާ މޮޅު ކުޅުމާއެކު މިހާރު އިންގްލެންޑްގެ ސީނިއާ ޓީމުންވެސް ފުރުސަތު ލިބިފައިވާ ސަންޗޯ ވަނީ ގައުމީ ޓީމަށް ތިން މެޗު މިހާތަނަށް ކުޅެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *