ޗެމްޕިއަން ބަލިވިއަސް ފަލަސްތީނުން ޕޮއިންޓެއް ހޯދައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް ގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ގްރޫޕް ބީ ގެ ފުރަތަމަ މެޗްގައި ޖޯޑަން އަތުން އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިޔާ ބަލިވިއިރު ދެވަނަ މެޗްގައި ސީރިޔާ އާއި ފަލަސްތީން ވާދަކޮށް އެއްވަރުވެއްޖެއެވެ.
އޭޝިއަން ކަޕްގައި އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ޖޯޑަން އާ ވާދަކޮށް އޮސްޓްރޭލިޔާ ބަލިވީ 0-1 އިންނެވެ. މި މެޗްގައި ޖޯޑަން އިން ޖެހި ހަމައެކަނި ލަނޑު ޖަހައިފައިވަނީ މެޗްގެ ފުރަތަމަ ހާފްގެ މެދެއްހާ ހިސާބުގައި އެ ޓީމްގެ އަނަސް ބާނީ ޔާސީން އެވެ. މި ލަނޑު ޔާސީން ކާމިޔާބުކޮށްފައިވަނީ އޭނާއަށް ލިބުނު ބޯޅައެއް ވަރަށް ބާރަށް ބޮލުން ޖަހައި އޮސްޓްރޭލިޔާގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އޭޝިޔާގެ ފުޓްބޯޅަ މައި އިދާރާ އޭއެފްސީ އިން އެންމެ ފަހުން ނެރެފައިވާ ރޭންކިންގް ގައި އޮސްޓްރޭލިޔާ ތިން ވަނައިގައި އޮތް އިރު ޖޯޑަން އޮތީ 19 ވަނައިގައެވެ.
އިއްޔެ ކުޅުނު ގްރޫޕް ބީ ގެ ދެވަނަ މެޗްގައި ސީރީއާއާ ވާދަކޮށް ފަލަސްތީނު ކުޅުނު މެޗް އެއްވަރުވީ 0-0 އިންނެވެ. މިއީ އޭޝިއަން ކަޕްގެ ތާރީހްގައިވެސް ފަލަސްތީނުން ހޯދި ފުރަތަމަ ޕޮއިންޓެވެ. އެންމެ ފަހުން 2015 ވަނަ އަހަރު އޮސްޓްރޭލިޔާގައި އޮތް އޭޝިޔަން ކަޕްގައި އަލަށް ވާދަކުރިއިރު އެ މުބާރާތުގައި ފަލަސްތީން ކުޅުނު ހުރިހާ މެޗަކުންވެސް އެ ޓީމް ވަނީ ބަލިވެފައެވެ. ރޭ ފަލަސްޓީނުނުން ސީރިޔާއާ ދެކޮޅަށް ކުޅުނު މެޗްގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދައްކައިފައިވާއިރު މެޗްގެ އެންމެ ފަހު 22 މިނެޓް އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗްގެ 68 ވަނަ މިނެޓްގައި ފަލަސްތީނުގެ މުހައްމަދު ސަލީހް އަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ.
Advertisement


Leave a Reply