ޑި ބްރޭނާ އާއެކު އަމާޒަކީ ލިވަޕޫލް އަތުލުން: ގާޑިއޯލާ

Advertisement

ޑި ބްރޭނާ އާއެކު އަމާޒަކީ ލިވަޕޫލް އަތުލުން: ގާޑިއޯލާ

ޢަލީ ޝަހީމް
ރޭ ކުޅުނު އެފްއޭ ކަޕް މެޗުގައި ޑި ބްރޭނާ. މިދިޔަ ސީޒަނުގައި ސިޓީން ލީގު ހޯދިއިރު ޑި ބްރޭނާ މޮޅު ކުޅުމެއް ދެއްކި

މިދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީން ލީގު ހޯދިއިރު އެޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކެވިން ޑި ބްރޭނާ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައުމުން ލީގުގައި ލިވަޕޫލާ ދެމެދު އޮތް ފަރަގު ނައްތާލެވިދާނެކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. ރޭ އެފްއޭ ކަޕްގައި ޗެމްޕިއަންޝިޕްގެ ރޮތަހަމް 7-0  ބަލިކުރި މެޗަށްފަހު ގާޑިއޯލާ ބުނީ ލިވަޕޫލުން ލީގުގައި އެވަރުގެ ފަރަގެއް ހޯދީ ސިޓީގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަނިޔާގައި ހުރި ދުވަސްވަރު ކަމަށެވެ.

މި ސީޒަނުގައި އުމުރުން 27 އަހަރުގެ ޑި ބްރޭނާ ވަނީ ދެ ފަހަރެއްގެ މަތިން އަނިޔާވެ ކުޅުމާއި ދުރަށް ދާންޖެހިފައެވެ. އޮގަސްޓް މަހު ޕްރެކްޓިހުގައި ޑި ބްރޭނާގެ ކަނާތު ކަކުލަށް އަނިޔާވެ ފުރަތަމަ ފަހަރަށް ކުޅުމާ ދުރަށް ދާން ޖެހުމުންވެސް ގާޑިއޯލާ ވަނީ ޑި ބްރޭނާ ނެތްތަން ފޫބައްދަން އުނދަގޫ ވާނެކަމަށް ބުނެފައެވެ.

Advertisement

“ޑި ބްރޭނާ ނެތްތަން ފޫބައްދަން އުނދަގޫވާނެ. އަހަރެމެން އުއްމީދުކުރަނީ ހުރިހާ ކުޅުންތެރިންގެ އެހީއާ އެކު އޭނާ ނެތުމުން އެކުގައި މަސައްކަތްކޮށް އޭނާ އެނބުރި އަންނަންވާ އިރަށް އަހަރެމެން ރަނގަޅު ޓްރެކުގައި އޮންނަން” އޮގަސްޓް މަހު ޑި ބްރޭނާއަށް ލިބުނު އަނިޔާއާއި ގުޅޭގޮތުން ގާޑިއޯލާ ބުންޏެވެ.

މިިދިޔަ ސީޒަނުގައި ސިޓީން 100 ޕޮއިންޓް ހަމަކޮށް ލީގު ނިންމާލިއިރު ފިޓުކޮށް ހުރި ޑި ބްރޭނާ ލީގުގައި ނުކުޅެނީ އެންމެ މެޗެއްގައެވެ. 37 މެޗުގައި ކުޅެ އަށް ގޯލު ޖެހިއިރު އޭނާ ވަނީ 16 ގޯލުން ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. ލީގުގައި މި ސީޒަނުގައި ޑި ބްރޭނާ މިހާތަނަށް ކުޅެފައިވަނީ އެންމެ ހަ މެޗެވެ.

“އަހަރެން ވަރަށް ގިނަ ފަހަރު ބުނެފިން ޑި ބްރޭނާ މުހިއްމުވާވަރު. އޭނަ ނެތި މިދިޔަ ސީޒަނުގަ އަހަރެމެންގެ ކާމިޔާބީ ނުލިބިދާނެ. މިހާތަނަށް ނަތީޖާއަށް ބަލާއިރު އަހަރެމެން ވަރަށް ރަނގަޅު އެކަމަކު އަހަރެމެންނާ ވާދަވެރި ލިވަޕޫލުން އޮތީ ރަނގަޅު ނަތީޖާތަކެއް ނެރެފަ” އެފްއޭ ކަޕް މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އަނިޔާއިން ސަލާމަތްވެފައިވާ ޑި ބްރޭނާ އާއެކު އުއްމީދަކީ ލީގުގައި ލިވަޕޫލް އަތުލުންކަމަށެވެ.

“ލިވަޕޫލް ކުރީގައި އޮތީ އަހަރެމެން ޑި ބްރޭނާ ނެތި. މިހާރު އޭނާ ހުރީ އަނިޔާއިން ސަލާމަތްވެ ތާޒާކޮށް. ޑި ބްރޭނާ އާއެކު މި ކުރާ މަސައްކަތުގައި އިތުރު ކުރިއެރުން ލިބޭނެ. މިއަދު އޭނަ އަކީ ކެޕްޓަން އަދި މުހިއްމުކަން އޭނަ ދައްކުވައިދީފި” ގާޑިއޯލާ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމު ވަނީ 2-1 އިން ލިވަޕޫލް ބަލިކޮށް ލީގު ހޯދުމަށް ކުރާ މަސައްކަތުގައި އުއްމީދެއް ހޯދައިފައެވެ. ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ އެޓީމާއި ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.

އެފްއޭ ކަޕްގައި ރޭ ސިޓީން ރޮތަހަމް ކޮޅަށް ހަތް ގޯލު ޖެހިއިރު ޑި ބްރޭނާގެ ކެޕްޓަންކަމުގެ ދަށުން ނުކުތީ ވަރުގަދަ ޓީމެކެވެ. ސިޓީން ޖެހި ހަތް ގޯލުގެ ތެރެއިން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލު ރަހީމް ސްޓާލިން ޖެހިއިރު ދެ ވަނަ ގޯލަކީ ރޮތަހަމްގެ ސެމި އަޖަޔީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ތިން ވަނަ ގޯލު ޖެހީ ޒުވާން ކުޅުންތެރިޔާ ފިލް ފޮޑެން އެވެ. ދެ ވަނަ ހާފުގައި ސިޓީގެ ގޯލުތައް ޖަހައިދިނީ ގެބްރިއަލް ޖިސޫސް، ރިޔާދް މާރެޒް، ނިކޮލަސް އޮޓަމެންޑީ އަދި ލިރޯއީ ސާނޭ އެވެ.

މެޗުން ހޯދި ބޮޑު މޮޅާއެކު ގާޑިއޯލާ ބުނީ މެޗު ނެގީ ވަރަށް ސީރިއަސްކޮށް ކަމަށާއި، ވަކި މުބާރާތެއް ނުނަގައި ސިޓީން މަސައްކަތް ކުރާނީ ހުރިހާ މެޗަކުން ވެސް މޮޅުވާން ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *