ބާސެލޯނާ އުހަށް އަރާއިރު ރެއާލް އަމިއްލަ ރަށުގައިވެސް ބިކަވަނީ
ސްޕެނިޝް ލީގުގައި ރޭ ގެޓާފޭ އަތުން މޮޅުވެ ބާސެލޯނާ އެއްވަނައިގައި ލީޑް ފުޅާ ކުރިއިރު ރެއާލް ސޮސިއެޑާޑް އަތުން ބަލިވެ ރެއާލް މެޑްރިޑް ޓޭބަލްގެ ފަސް ވަނަ އަށް ވެއްޓިއްޖެއެވެ. ބާސެލޯނާއަށް އެއްވަނައިގައި ލީޑް ފުޅާ ކުރުމުގެ ފުރުސަތު ލިބުނީ ޓޭބަލްގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ޓޭބަލްގެ ތިން ވަނައިގައި އޮތް ސެވިއްޔާއާއި ވާދަކޮށް ކުޅުނު މެޗް 1-1 އިން އެއްވަރުވުމުންނެވެ. ބާސެލޯނާ އަށް 40 ޕޮއިންޓް ލިބިފައި އޮތް އިރު އެތްލެޓިކޯ މެޑްރިޑަށް ލިބިފައި އޮތީ 35 ޕޮއިންޓެވެ.
ރެއާލްއަށް ހަތަރު ވަނަ މަގާމް ގެއްލުނީ ރޭ އެ ޓީމް ކުޅުނު މެޗުން ބަލިވުމުގެ އިތުރުން ކުރިން ރެއާލްގެ ފަހަތުން ޖެހިގެން އޮތް ޑިޕޯޓިވޯ އަލާވެސް ހޮނިހިރު ދުވަހުގެ ރޭ ވެލެންސިއާ އާއެކު ކުޅުނު މެޗް ކާމިޔާބުކުރުމުންނެވެ. ޑިޕޯޓިވޯ އަލާވެސް 31 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް އިރު ރެއާލް ފަސް ވަނައިގައި އޮތީ ޑިޕޯޓިވޯ އަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ. ކޮންމެ ޓީމެއްވެސް ލީގުގައި މިހާތަނަށް ވަނީ 18 މެޗް ކުޅެފައެވެ.
ބާސެލޯނާ އިން ރޭ ރަށުން ބޭރުގައި ގެޓާފޭ ބަލިކުރީ 1-2 އިންނެވެ. ހުރިހާ ގޯލްތަކެއްވެސް މެޗްގެ ފުރަތަމަ ހާފްގައި ފެނުނު މި މެޗްގައި ފުރަތަމަ ދެ ލަނޑުވެސް ޖެހީ ބާސެލޯނާއިންނެވެ. ފުރަތަމަ ގޯލް މެޗްގެ 20 ވަނަ މިނެޓް ގައި އާޖެންޓީނާގެ ލިއޮނެލް މެސީ ވަރަށް ހަނި އޭންގަލަކުން ކާމިޔާބުކުރިއިރު މި ގޯލަކީ އޭނާ ސްޕެނިޝް ލީގުގައި ކާމިޔާބުކުރި 399 ވަނަ ލަނޑެވެ. ބާސެލޯނާއަށް މެޗްގައި ލީޑް ފުޅާކޮށްދިނީ 39 ވަނަ މިނެޓްގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. މެޗްގައި ގެޓާފޭ އިން ޖެހި ހަމައެކަނި ލަނޑު ޖަހައިފައިވަނީ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމީ މަޓާ އެވެ. މެޗްގެ ނަތީޖާ ހަމަހަމަކުރަން ފަހު ހާފް ގައި ގެޓާފޭ ވަރަށް ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގެޓާފޭގެ ޖޯގެ މޮލީނާ އަށް ލިބުނު ބޯޅައި ބާސެލޯނާގެ ގޯލްކީޕަރު ގާތުން ކަޓުވާލެވުނު ނަމަވެސް ހުހަށް އޮތް ގޯލްގެ ތެރެއަށް އެ ބޯޅަ ވައްދާލެވޭ ގޮތެއް ނުވިއެވެ. މޮލީނާ ޖެހި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.
ރެއާލް މެޑްރިޑް އަމިއްލަ ރަށުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން ބަލިވީ 0-2 އިންނެވެ. ރެއާލް ސޮސިއެޑުން މެޗްގެ ފުރަތަމަ ލަނޑުޖަހައި ލީޑް ނަގައިފައިވަނީ މެޗް ފަށައިގެން ތިން ވަނަ މިނެޓް ގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމްގެ ވިލިއަން ޖޯސޭ އެވެ. މި ޕެނަލްޓީ އަކީ ސޮސިއެޑާޑް ގެ މިކެލް މެރީނޯ އަށް ރެއާލްގެ ކަސެމީރޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.
ރެއާލް މެޑްރިޑް އެއް ލަނޑުގެ ތަފާތަކުން ފަހަތުގައި އޮއްވައި އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗް ނިމެން ބައި ގަޑިއިރު އޮއްވައި އެ ޓީމްގެ ލޫކަސް ވަޒްކޭޒް އަށް ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. ވަޒްކޭޒް އަށް ރަތް ކާޑް ދައްކައިފައިވަނީ ސޮސިއެޑާޑްގެ މެރިނޯއަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ދެވަނަ ރީނދޫ ކާޑަށް ފަހު އެވެ. ރެއާލް މެޑްރިޑްގެ އެއް ކުޅުންތެރިއަކު މަދުވުމުން އޭގެ ފައިދާ ނަގައި ސޮސިއެޑާޑުން ލީޑް ފުޅާކުރީ މެޗް ނިމެން ހަތް މިނެޓަށް ވެފައި އޮއްވައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ރުބެން ޕާޑޯ އެވެ.
ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ރެއާލް މެޑްރިޑަށްވެސް ލިބުނު މެޗްގައި އަނިޔާގެ ސަބަބުން ގެރެތް ބޭލް ކުޅެފައި ނުވާ އިރު އިސްކޯ މި މެޗްގައި ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެކަމަކު މި މެޗްގައި ރެއާލް އަށް ކުޅޭ ބްރެޒިލްގެ ޒުވާން ފޯވާޑް ވިނީޝަސް ޖޫނިއާ އަށް ފުރަތަމަ އެގާރައިން ވަނީ ޖާގަ ދީފައެވެ. މިއާއެކު އޭނާ ހިމެނިފައިވަނީ 2000 ވަނަ އަހަރުގެ ފަހުން އުފަންވި ކުޅުންތެރިންގެ ތެރެއިން ސްޕެނިޝް ލީގުގައި ކުޅެން ރެއާލުން ފުރުސަތުދިން ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައެވެ. ވިނީޝަސް ޖޫނިއާ ވަނީ މި މެޗްގައި ރަގަޅު ކުޅުމެއް ދައްކައިފައެވެ.
އެންމެ ފަހުން އޮތް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު ރެއާލް މެޑްރިޑް މިހާތަނަށް ލީގުގައި އަދި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އަނެއް ކޮޅުން ސޮސިއެޑާޑް ރެއާލް މެޑްރިޑްގެ މައްޗަށް މި ހޯދި މޮޅަކީ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމަށްފަހު ހޯދި މޮޅެކެވެ.
Advertisement
Leave a Reply