އިންޑިއާ އިން 55 އަހަރު ފަހުން އޭޝިއަން ކަޕްގައި ފުރަތަމަ މޮޅު ހޯދައިފި

Advertisement

އިންޑިއާ އިން 55 އަހަރު ފަހުން އޭޝިއަން ކަޕްގައި ފުރަތަމަ މޮޅު ހޯދައިފި

ޢަލީ ޝަހީމް
ސުނިލް ޗެތުރީގެ ގޯލަށް ފަހު އިންޑިއާ ކުޅުންތެރިން އުފާފާޅު ކުރަނީ. މިރޭގެ މެޗުގައި ތަފާތަކަށްވީ ޗެތުރީ

އޭއެފްސީ އޭޝިއަން ކަޕްގެ ގްރޫޕް އޭ ގައި 4-1 އިން ތައިލެންޑް ބަލިކޮށް 55 އަހަރު ފަހުން އިންޑިއާއިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. އޭޝިއަން ކަޕްގައި މީގެ ކުރިން ތިން ފަހަރު ކުޅެފައިވާ އިންޑިއާ އެންމެ ފަހުން މުބާރާތުގެ މެޗަކުން މޮޅުވީ 1964 ވަނަ އަހަރުގެ މުބާރާތުގައި ހޮންގްކޮން އަތުންނެވެ. ހަތަރު ޓީީމު ވާދަކުރި 1964 ވަނަ އަހަރުގެ މުބާރާތުގައި އެޓީމު ވަނީ މުބާރާތް ބޭއްވި ޗެމްޕިއަން އިސްރާއީލްގެ ފަހަތުން ދެ ވަނަ ހޯދައިފައެވެ. އެފަހަރު މުބާރާތުގައި ހަތަރު ޓީމު ކުޅުނީ ލީގު އުސޫލުން އެއް ވަނަ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. ހޮންގްކޮން ގެ އިތުރުން އެޓީމު ވަނީ އެފަހަރުގެ މުބާރާތުގައި ސައުތު ކޮރެއާ ވެސް ބަލިކޮށްފައެވެ. 

1964 އަހަރުގެ ފަހުން 1984 އަދި 2011 ވަނަ އަހަރު ވެސް އިންޑިއާ ވަނީ އޭޝިއަން ކަޕްގައި ކުޅެފައެވެ. 1984 ވަނަ އަހަރުގެ މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ އެއް މެޗު އެޓީމުން ވަނީ އެއްވަރު ކޮށްފައެވެ. 2011 ވަނަ އަހަރުގެ މުބާރާތުން އެޓީމު ކެޓީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވެގެންނެވެ. އެ މުބާރާތުގައި އިންޑިއާ ކޮޅަށް ގްރޫޕް ސްޓޭޖުގެ ތިން މެޗުން 13 ގޯލު ވަންއިރު އެޓީމަށް ޖެހުނީ އެންމެ ތިން ގޯލެވެ.

Advertisement

މި ގްރޫޕުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ޔޫއޭއީ އާއި ބަހްރޭން ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މޮޅާއެކު އިންޑިއާ މިވަގުތު އޮތީ ގްރޫޕު އޭ ގެ އެއް ވަނައިގައެވެ. ކޮންމެ ގްރޫޕަކުން އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކުގެ އިތުރުން ތިން ވަނަ ހޯދާ އެންމެ ރަނގަޅު ހަަތަރު ޓީމަށްވެސް މިފަހަރުގެ މުބާރާތުގައި ގަދަ 16 އިން ފުރުސަތު ލިބޭނެއެވެ. އިންޑިއާއިން ހޯދި ބޮޑު މޮޅާއެކު އެޓީމަށް މިހާރުވެސް ވަނީ ގަދަ 16 އަށް ދިއުމުގެ ފުރުސަތު ތަނަވަސްވެފައެވެ. 

އިންޑިއާއިން މިރޭގެ މެޗަށް ނުކުތްއިރު އެޓީމު އޮތީ ޑިސެމްބަރު މަހު ނެރުނު ދުނިޔޭގެ ރޭންކިންގައި 97 ވަނައިގައެވެ. ތައިލެންޑް އޮތީ ދުނިޔޭގެ ރޭންކިންގެ 118 ވަނައިގައެވެ. މިރޭގެ މެޗު ފަށައިގެން ތައިލެންޑުން ރަނގަޅަށް ކުޅެމުން ދަނިކޮށް އިންޑިއާއިން ލީޑު ނެގީ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސުނިލް ޗެތުރީ ޖެހި ގޯލުންނެވެ. އެކަމަކު މެޗުގެ 33 ވަނަ މިނެޓުގައި ތައިލެންޑުގެ ކެޕްޓަން ޓީރަސިލް ޑަންގްޑާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 

ދެ ވަަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އިންޑިއާގެ ދެ ވަނަ ގޯލުވެސް ޖަހައިދިނީ އުމުރުން 34 އަހަރުގެ ސުނިލް ޗެތުރީ އެވެ. އޭރިޔާ ބޭރުން ޗެތުރީ އަށް ލިބުނު ބޯޅަ އެއްފަހަރުން އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. މިއީ އިންޑިއާގެ ގައުމީ ޓީމަށް ކުޅުނު 105 ވަނަ މެޗުގައި ޗެތުރީ ޖެހި 67 ވަނަ ގޯލެވެ. ތައިލެންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރަމުން ދަނިކޮށް އިންޑިއާ އިން ވަނީ ތިން ވަނަ ގޯލެއް ޖަހައި މެޗުން މޮޅުވުމުގެ އުއްމީދު އާކޮށްފައެވެ. މި ގޯލު 68 ވަނަ މިނެޓުގައި ޖަހައިދިނީ އަނިރުދް ތަޕާ އެވެ. މިއީ އިންޑިއާގެ ޓީމަށް ތަޕާ ޖަހައިދިން ފުރަތަމަ ގޯލެވެ. އިންޑިއާގެ ހަތަރު ވަނަ ގޯލު 80 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖޭޖޭ ލައިޕެކުލުއާ އެވެ. ކޮލިފައިންގައި އިންޑިއާ ޓީމަށް ހަތް ގޯލު ޖަހައިދިން ޖޭޖޭ މި ގޯލު ޖެހީ ކުޅެން އެރިތާ ތިން ވަނަ މިނެޓުގައެވެ. 

އޭޝިއަން ކަޕްގެ ދެ ވަނަ މެޗުގައި މިމަހުގެ 10 ވަނަ ދުވަހު އިންޑިއާ ނުކުންނާނީ މުބާރާތް ބާއްވާ ޔޫއޭއީ އާއި ދެކޮޅަށެވެ. މި މެޗު ފަށާނީ އެރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު އެވެ. އޭޝިއަން ކަޕްގައި މިއަދު ކުޅުނު ގްރޫޕް ބީ ގެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ ވަނީ ޖޯޑެން އަތުން 1-0 އިން ބަލިވެފައެވެ. މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ އޮސްޓްރޭލިއާ ކޮޅަށް ޖޯޑެން ގެ ހަމައެކަނި ގޯލު ޖެހީ 26 ވަނަ މިނެޓުގައި އަނަސް ބިން ޔާސީން އެވެ. 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *