ބޮެޑެތި ޓީމުތައް އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް ދަތުުރުކޮށްފި
އިނގިރޭސި އެފްއޭ ކަޕް ގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ އަދި އާސެނަލް އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވަނީ 2-0 އިން އަމިއްލަ ދަނޑުގައި ޗެމްޕިއަންޝިޕްގައި ކުޅޭ ރެޑިން ބަލިކޮށްފައެވެ. މި މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން 22 ވަނަ މިނެޓުގައި ޖެހީ ހުއާ މަޓާ އެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބޭނުންކުރި މި މެޗުގައި މަޓާ ވައްދާލި ޕެނަލްޓީ ދީފައިވަނީ ވީއޭއާރުގެ އެހީތެރިކަން ހޯދުމަށްފަހު އެވެ. މަޓާއަށް ރެޑިންގެ ކުޅުންތެރިއަކު ކުރި ފައުލަށް ރެފްރީ ފުރަތަމަ ޕެނަލްޓީ ދީފައެއް ނުވެއެވެ. އެވަގުތު އެބޯޅަ ޔުނައިޓެޑްގެ ފްރެޑް އަށް ލިބުމުން އޭނާ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ހުރީ އޮފްސައިޑް މަގާމެއްގައެވެ. ރެފްރީ ވީއޭއާރުގެ އެހީތެރިކަން ހޯދައި މަޓާ އަށް ކުރީ ފައުލެއް ކަމަށް ބަލައި ޕެނަލްޓީ ދިނީ އޭގެ ފަހުންނެވެ. މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ އެއީ ވަރަށް ފަސޭހަ ނިންމުމެއް ކަމަށާއި ވީއޭއަރުގެ އެހީތެރިކަން ހޯދައި އެހާ ގިނަ ވަގުތު ނަގަން ނުޖެހޭ ކަމަށެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔުނައިޓެޑްގެ ދެ ވަނަ ގޯލު ޖެހީ އަލެކްސިސް ސަންޗޭޒް ދިން ބޯޅައަކުން ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ އަށް ހުސްކޮށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ ގޯލްކީޕަރު ކައިރިން ނައްޓާފައި ގޮހެވެ. ޔުނައިޓެޑުން މެޗު ކާމިޔާބު ކުރިނަމަވެސް ރެޑިން އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި ޔުނައިޓެޑަށް އުނދަގޫތަކެއް ކުރިމަތި ކުރުވައިފައެވެ. ރޭގެ މެޗަށް ޔުނައިޓެޑް ނުކުތީ އެންމެ ފަހުން ލީގުގައި ނިއުކާސަލްއާ ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. މެޗަށްފަހު ސޯލްޝެއާ ބުނީ ގިނަ ބަދަލު ތަކަކާއެކު ކުޅެން ނުކުތުމުން ކުޅުންތެރިންގެ ގުޅުން ނުފެނުނު ކަމަށާއި، އެކަމަކު މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
ރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މޮޅުވީ ނޮޓިންހަމް ފޮރެސްޓާއި ވާދަކޮށް 2-0 އިންނެވެ. ރޭގެ މެޗުގައި ޗެލްސީގެ ކެޕްޓަން ބޭންޑް އެޅީ ފްރާންސްގެ މޮނާކޯއާ ގުޅުމާއި ގާތަށް ގޮސްފައިވާ ސްޕެއިންގެ މިޑްފީލްޑަރު ސެސް ފެބްރިގާސެ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އަށް ޕެނަލްޓީއެއް ލިބުނުއިރު ފެބްރިގާސް ފޮނުވާލި ބޯޅަ ނޮޓިންހަމްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފުގައިި ޗެލްސީ އަށް ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް އެޓީމަށް ބޭނުމެއް ނުހިފުނެވެ.
ދެ ވަނަ ހާފުގައި ޗެލްސީގެ ދެ ގޯލުވެސް ޖެހީ އަލްވާރޯ މޮރާޓާ އެވެ. މެޗުގެ 49 ވަނަ މިނެޓާއި 59 ވަނަ މިނެޓުގައި މޮރާޓާގެ ދެ ގޯލުވެސް ޖެހީ ބަޔާން މިއުނިކުން ފާރަލަމުން އަންނަ އިންގްލެންޑްގެ 18 އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ ކަލުމް ހުޑްސޮން-އޮޑޯއީ ތަނަވަސްކޮށްދިން ދެ ފުރުސަތުންނެވެ. އިންގްލެންޑާއެކު 2017 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އޮޑޯއީ ހޯދުމަށް ބަޔާނުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޮޑޯއީ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުގައި ފެބްރިގާސް 85 ވަނަ މިނެޓުގައި ބަދަލުކުރި ވަގުތު ޗެލްސީގެ ސަޕޯޓަރުން ވަނީ އޭނާއަށް އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ބެލެވޭ ގޮތުގައި ރޭ ޗެލްސީގެ ޖާޒީގައި ފެބްރިގާސް ކުޅުނީ ފަހު މެޗެވެ.
ރޭ އާސެނަލް ވަނީ ރަށުން ބޭރުގައި ބްލެކްޕޫލް 3-0 އިން ބަލިކޮށް ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފައެވެ. ގިނަ ބަދަލުތަކަކާއެކު ނުކުތް އާސެނަލް ޓީމުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޒުވާން ފޯވާޑް ޖޯސެފް ވިލޮކް އެވެ. އާސެނަލްގެ ފަހު ގޯލު މެޗުގެ 82 ވަނަ މިނެޓުގައި ޖެހީ އެލެކްސް އިވޯބީ އެވެ.
ޕްރިމިއާ ލީގުގެ ޓީމުތަކުގެ ތެރެއިން ބާންލީ، ވެސްޓް ހޭމް އާއި އެވަޓަން، ކްރިސްޓަލް ޕެލޭސް އަދި ބްރައިޓަން އިން ވަނީ ހަތަރު ވަނަ ބުރު ޔަގީން ކޮށްފައެވެ. ބްރައިޓަން ރަށުން ބޭރުގައި މޮޅުވީ ބޯންމައުތާ ވާދަކޮށް 3-1 އިންނެވެ. ލީގުގެ ޓީމުތަކުގެ ތެރެއިން ރޭ މުބާރާތުން ކެޓީ ރަށުން ބޭރުގައި ބްރިސްޓަލް ސިޓީއާ ވާދަކޮށް 1-0 އިން ބަލިވި ހަޑަސްފީލް ޓައުންއާއި ގިލިންހަމް އަތުން 1-0 އިން ބަލިވި ކާޑިފް ސިޓީ އެވެ. އަދި، ނިއުކާސަލް އާއި ސައުތެމްޓަން ރޭ ކުޅުނު މެޗުތައް އެއްވަރުވުމުން އެޓީމުތައް ހަތަރު ވަނަ ބުރަށް ކޮލިފައިވާނީ ދެ ވަނަ ލެގްގެ މެޗުތަކަށް ފަހު އެވެ.
އެފްއޭ ކަޕްގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީ ނުކުންނާނީ ރޮތަހަމް ޔުނައިޓެޑާއި ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 7 ޖަހާއިރު އެވެ.
Advertisement
Leave a Reply