ލިވަޕޫލުން ފުރުސަތު ނުލިބުމުން ސޮލާންކޭ އާއި ކްލައިން ބޯންމައުތަށް

ލިވަޕޫލުން ފުރުސަތު ނުލިބުމުން ސޮލާންކޭ އާއި ކްލައިން ބޯންމައުތަށް

ޢަލީ ޝަހީމް

އިނގިރޭސި ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ފޯވާޑް ޑޮމިނިކް ސޮލާންކޭ އާއި ޑިފެންޑަރު ނަތޭނިއެލް ކްލައިން ތާވަލުގެ 12 ވަނައިގައި އޮތް ބޯންމައުތަށް ބަދަލުވެއްޖެ އެވެ. ސޮލާންކޭ 19 މިލިއަން ޕައުންޑަށް ދާއިމީ ޓްރާންސްފާ އެއް ހެދިއިރު ކްލައިން ބަދަލުވީ މި ސީޒަން ނިމެންދެން ލޯނެއްގެ ގޮތަށެވެ.

އުމުުރުން 21 އަހަރުގެ ސޮލާންކޭ މި ހަފްތާގެ ކުރީކޮޅު ލޯން އެއްބަސްވުމެއްގެ ދަށުން ކްރިސްޓަލް ޕެލޭސް އަށް ބަދަލުވުމާއި ގާތަށް ދިޔައެވެ. އެކަމަކު ސޮލާންކޭގެ ފިޓްނެސް މައްސަލައިގައި އެ ކްލަބުން އޭނާ ގެންގޮސްފައެއް ނުވެއެވެ. ކްރިސްޓަލް ޕެލޭސްގެ ކޯޗު ރޯއީ ހޮޖްސަން ބުނެފައިވަނީ ލީގުގައި މިހާތަނަށް އެންމެ 19 ގޯލު ޖަހައިފައިވާ ކްރިސްޓަލް ޕެލޭސް އަށް މިވަގުތު މުހިއްމީ ފިޓްނެސް ރަނގަޅު ޓީމުގައި ބަރާބަރަށް ކުޅެވޭނެ ކުޅުންތެރިއެއް ކަމަށެވެ. ސޮލާންކޭ ބޯންމައުތަށް ބަދަލުވުމުން އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ޖެމައިން ޑެފޯ ރޭންޖާސް އާ ގުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސޮލާންކޭ ދާއިމީ އެއްބަސްވުމެއްގެ ދަށުން ބޯންމައުތަށް ބަދަލުވީ އިނގިރޭސި ފުޓްބޯޅަ ގަވައިދުގެ ދަށުން މިމަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ސޮލާންކޭ އަށް އެ ކްލަބަށް ބަދަލުވެވެން ނެތުމުންނެވެ.

“މި ކްލަބަކީ ވަކި ދިމާލަކަށް ދާ ޓީމެއް. އަހަރެން ކަހަލަ އުމުރުގެ ކުޅުންތެރިއަކަށް މިއީ ބަދަލުވާން ވަރަށް ރަނގަޅު ކްލަބެއް” ބޯންމައުތަށް ބަދަލުވުމަށްފަހު ސޮލާންކޭ ބުންޏެވެ.

ސޮލާންކޭ އެންމެ ބޮޑަށް ފާހަަގަ ކުރެވުނީ 2017 ވަނަ އަހަރު 20 އަަހަރުން ދަށުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިންގްލެންޑް ކާމިޔާބު ކުރިއިރު ދެއްކި މޮޅު ކުޅުމުންނެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ސޮލާންކޭ ހޯދިއިރު އެ އަހަރު އޭނާ ވަނީ އިނގިރޭސި ސީނިއާ ޓީމުގައި ހިމެނި އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލް އާއި ދެކޮޅަށް ކުޅެފައެވެ. ކުރިން ޗެލްސީއަށް ކުޅުނު ސޮލާންކޭގެ ކޮންޓްރެކްޓް އެ ކްލަބާއެކު ހަމަވުމުން ލިވަޕޫލަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ލީގުގައި މި ސީޒަނުގައި ލިވަޕޫލަށް އެއްވެސް މެޗެއް ކުޅެފައިނުވާއިރު އަނިޔާގެ ސަބަބުން ގިނަ މެޗުތަކުގައި ލިވަޕޫލްގެ ބެންޗުން ވެސް ސޮލާންކޭ އަށް ފުރުސަތު ލިބިފައެއް ނުވެއެވެ. އެކަމަކު މިދިޔަ ސީޒަނުގައި ސޮލާންކޭ ވަނީ 21 މެޗު ލިވަޕޫލަށް ކުޅެދީފައެވެ. 16 މެޗުގައި ބެންޗުން އެރިއިރު އޭނާއަށް މުޅި ސީޒަނުގައިވެސް ޖެހުނީ އެންމެ ގޯލެކެވެ. ލިވަޕޫލުގެ ފޯވާޑް ލައިންގައި ރޮބާޓޯ ފިރްމީނޯ އާއި ސަޑިއޯ މާނޭ އަދިި މުހައްމަދު ސަލާހް ފަދަ ދުނިޔޭގޭ ފެންވަރުގެ ކުުޅުންތެރިން ތިބުމުން ލިވަޕޫލް ޓީމުން ސޮލާންކޭ އަށް ފުރުސަތު ލިބުމަކީ ހަނި ކަމެކެވެ.

ޗެލްސީގައި ހޭދަކުރި ތިން ސީޒަނުގައިވެސް ފުރަތަމަ ޓީމުގައި ހިމެނިގެން ލީގުގެ އެއްވެސް މެޗެއްގައި ސޮލާންކޭ ކުޅެފައެއް ނުވެއެވެ. ޗެލްސީގެ ތިން އަހަރުގެ ތެރެއިން 16-2015 ވަނަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ސޮލާންކޭ ކުޅުނީ ނެދަލެންޑްސް ގެ ވިޓެސީ އަށެވެ. އެޓީމުގައި ކުޅުނު 25 މެޗުގައި ސޮލާންކޭ ވަނީ ހަތް ގޯލު ޖަހައިފައެވެ.

ލިވަޕޫލުން ބޯންމައުތަށް ބަދަލުވި ޑިފެންޑަރ ކްލައިން އަކީ އަނިޔާގެ ސަބަބުން އެޓީމުން ގިނަ ދުވަސްތަކެއް ވަންދެން ނުފެނި ހުރި ކުޅުންތެރިއެކެވެ. ސައުތެމްޓަނުން 2015 ވަނަ އަހަރު 12.5 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވި 27 އަހަރުގެ ކްލައިން މި ސީޒަނުގައި ލިވަޕޫލަށް ކުޅެފައިވަނީ އެންމެ ފަސް މެޗެވެ. ކުރިން ފުރަތަމަ އެގާރައިން ފުރުސަތު ލިބުނު ކްލައިންގެ ބަދަލުގައި ލިވަޕޫލުން އެ މަގާމުގައި މިހާރު ބޭނުންކުރަނީ ޒުވާން ޑިފެންޑަރު ޓްރެންޓް އަލެކްޒެންޑަރ-އާނޯލްޑް އެވެ.

ބޯންމައުތުން ކްލައިން ލޯނު އެއްބަސްވުމެއްގެ ދަށުން ގެންދިޔައީ މިވަގުތު އެޓީމުގައި އެ މަގާމަށްކުޅޭ ސިމޮން ފްރަންސިސް އާއި އެޑަމް ސްމިތް އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާއި ދުރަށްދާން ޖެހުމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *