އެފްއޭ ކަޕްގެ ބޮޑު މޮޅާއެކު ޓޮޓެންހަމަށް ކްލަބް ރެކޯޑެއް
އިނގިރޭސި އެފްއޭ ކަޕްގައި ލީގު ދޭއްގައި ކުޅޭ ޓްރެންމެރޭ ރޯވާސް ރޭ 7-0 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން ކްލަބް ރެކޯޑެއް ހަދައިފި އެވެ. ރޭގެ ބޮޑު މޮޅަކީ އެ ކްލަބުގެ ތާރީހުގައިވެސް ރަށުން ބޭރުގައި ހޯދި އެންމެ ބޮޑު މޮޅެވެ. ޓޮޓެންހަމަށްވުރެ 74 ދަރަޖަ ދަށުގައި އޮތް ޓްރަންމެރޭ ކޮޅަށް އެޓީމުން ޖެހި ހަތް ގޯލުގެ ތެރެއިން ފެނާންޑޯ ލޮރެންޓޭ ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފައެވެ.
އެންމެ ފަހުން ލީގުގައި ވެޓްފޯޑާއި ދެކޮޅަށް ޓޮޓެންހަމުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް އަށް ބަދަލެއް ރޭގެ މެޗުގައި މައުރީސިއޯ ޕޮޗެޓީނޯ ވަނީ ގެނެސްފައެވެ. އެޓީމުގެ ހެރީ ކޭން އާއި ކްރިސްޓިއަން އެރިކްސަން ބެންޗުގައި އިން އިރު އެއް ނަންބަރު ކީޕަރު ހޫގޯ ލޮރިސް ވެސް ރޭގެ މެޗުގައި ފެނިފައެއް ނުވެއެވެ. އެކަމަކު މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސޮން ހެއުން މިން ވަނީ ފުރަަތަމަ އެގާރައިގައި ހިމަނައިފައެވެ.
މީގެ 135 އަހަރު ކުރިން އުފެދުނުު ޓްރެންމެރޭ އަކީ ލީގު ދޭއްގައި ވާދަކުރާ އާދައިގެ ޓީމެކެވެ. ލީގު ދޭއްގައި އެޓީމު މިވަގުތު އޮތީ ނުވަ ވަނައިގައެވެ. އެޓީމަށް އެފްއޭ ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 04-2003 ވަނަ ސީޒަނުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ވަރުގަދަ ޓޮޓެންހަމް ކައިރީ ރޭ އެޓީމަށް މާ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.
ލޮރެންޓޭގެ އިތުރުން ރޭގެ މެޗުގައި ޓޮޓެންހަމްގެ ގޯލުތައް ޖަހައިދިނީ ސާޖް އޮރިއޭ އާއި ސޮން އަދި ހެރީ ކޭން އެވެ. ޓޮޓެންހަމްގެ ފުރަތަމަ ގޯލު 40 ވަނަ މިނެޓުގައި އޮރިއޭ ޖެހިއިރު ދެ ވަނަ ގޯލު 48 ވަނަ މިނެޓުގައި ޖެހީ ލޮރެންޓޭ އެވެ. ތިން ވަނަ ގޯލު 55 ވަނަ މިނެޓުގައި އޮރިއޭ ޖެހީ ސޮން ދިން ބޯޅައަކުންނެވެ. އޭގެ ދެ މިނެޓު ފަހުން ސޮން ވަނީ ޓޮޓެންހަމްގެ ހަތަރު ވަނަ ގޯލު ޖަހައިދީފައެވެ. ދެން ފެނުނީ މެޗުގެ 71 ވަނަ މިނެޓާއި 72 ވަނަ މިނެޓުގައި ލޮރެންޓޭ ޖެހި ދެ ގޯލާއެކު އޭނާ ހެޓްރިކް ފުރިހަމަ ކުރިތަނެވެ. ޓޮޓެންހަމްގެ ފަހު ގޯލު މެޗުގެ 82 ވަނަ މިނެޓުގައި ޖެހީ ކޭން އެވެ. ރޭގެ ގޯލާއެކު ކޭން ވަނީ ޓޮޓެންހަމްގެ ތާރީހުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކްލިފް ޖޯންސްގެ އަދަދާ އެއްވަރުކޮށްފައެވެ. އުމުރުން 25 އަހަރުގެ ކޭން ރޭ ޖެހި ގޯލަކީ ޓޮޓެންހަމަށް އޭނާ ޖަހައިދިން 159 ވަނަ ގޯލެވެ.
Advertisement
Leave a Reply