ހަތަރު މެޗުން މޮޅުވުމާއެކު ސޯލްޝެއާގެ އުއްމީދުތައް ހަތްވަނަ އުޑަށް

Advertisement

ހަތަރު މެޗުން މޮޅުވުމާއެކު ސޯލްޝެއާގެ އުއްމީދުތައް ހަތްވަނަ އުޑަށް

ޢަބްދުﷲ އަޝްރަފް

މެންޗެސްޓަރ ޔުނައިޓެޑް ކުޅޭ ކޮންމެ މެޗެއްވެސް އެޓީމަށް ކާމިޔާބުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ކްލަބްގެ ކޯޗް ކަމާ ވަގުތީގޮތުން ހަވާލުވި ކޯޗް ނޯވޭގެ އޮލެ ގޮނަ ސޯލްޝެއާ ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ކަމާ ސޯލްޝެއާ ހަވާލުވި ފަހުން މިހާތަނަށް އެ ޓީމް ކުޅުނު ހަތަރު މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެއާއެކު ސޯލްޝެއާ ހިމެނިފައިވަނީ ސަރ މެޓް ބަސްބީ ގެ ފަހުން ކޯޗް ކަމާ ހަވާލުވި މީހުންގެ ތެރެއިން އެކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ހަތަރު މެޗު ކާމިޔާބުކުރި ހަމަ އެކަނި ކޯޗަށެވެ. ބަސްބީ ވެސް 1946 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗް ކަމާ ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ ހަތަރު މެޗް ވަނީ ކާމިޔާބުކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑް ދެން ކުޅޭ މެޗަކީ އިނގިރޭސި އެފްއޭ ކަޕްގައި ރެޑިންގް އާ ދެކޮޅަށް މިއަދު ހަވީރު 5:30 ގައި ކުޅެން ހަމަޖެހިފައި އޮތް މެޗެވެ. މި މެޗްގެ ކުރިން އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް ސޯލްޝެއާ ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކޮންމެ މެޗެއްވެސް ކާމިޔާބުކުރެވޭނެ ކަމަށެވެ.

“މިކަހަލަ ކްލަބަކަށް އާދެވުނީމަ މެޗްތަކުން މޮޅުވާން އުއްމީދުކުރަންޖެހޭނެ. އަދި ހަތަރު މެޗުން މޮޅުވީމަ ދެން ކުޅޭ މެޗުންވެސް މޮޅުވާނެ ކަމަށް އުއްމީދުކުރަންޖެހޭނެ. އަހަރެން އެއްގޮތަކަށްވެސް ނުވިސްނަން އަހަރެމެންނަށް ކާމިޔާބު ނުކުރެވިދާނެ ކަމަކަށް. އަހަރެމެންނަށް ހުރިހާ މެޗެއްވެސް ކާމިޔާބު ކުރެވޭނެ.” ކުރިން ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ އާ ވަގުތީ ގޮތުން ޔުނައިޓެޑްގެ ކޯޗްކަން ހަވާލުކޮށްފައިވަނީ އެ ކްލަބްގެ ކުރީގެ ކޯޗް ހޯސޭ މޮރީނިއޯ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން ސޯލްޝެއާ ކޯޗްކޮށްދެމުން އައީ ނޯވޭގެ ކްލަބެއް ކަމަށްވާ މޯލްޑޭ އަށެވެ. އެ ކްލަބުން ސޯލްޝެއާ ޔުނައިޓެޑަށް ދޫކޮށްފައިވަނީ އެނބުރި ކޯޗެއްގެ ގޮތުގައި އަލުން އޭނާ އެކްލަބަށް އަންނާނެކަމަށް އުއްމީދުކުރާ ކަން ކްލަބުން ހާމަކުރުމަށްފަހު އެވެ. ކަން މިހެން އޮތް ނަމަވެސް އިހަކަށްދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސޯލްޝެއާ ބުނެފައިވަނީ ޔުނައިޓެޑް ދޫކޮށްދާން އޭނާ ބޭނުން ނުވާ ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *