ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީގެ ޔޫތް ފުޓްބޯޅަ މުބާރާތް ފަށައިފި

Advertisement

ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީގެ ޔޫތް ފުޓްބޯޅަ މުބާރާތް ފަށައިފި

ޢަބްދުﷲ އަޝްރަފް
އިއްޔެ ފެށި މުބާރާތުގެ ތެރެއިން. ފޮޓޯ: ފީއަލީ ޑިވެލޮޕްމެންޓް ސޮސައިޓީ

ފ. ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުން އެރަށުގެ 18 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ. އެފްޑީއެސް ޔޫތް ފުޓްބޯލް ޗެލެންޖް 2019 ގެ ނަމުގައި ފީއަލީ ރަސްމީ ބޯޅަދަނޑުގައި ކުރިއަށްގެންދާ މި މުބާރާތުގައި އިއްޔެ ދެ މެޗް ކުޅެފައިވެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ ޖެކް ސްޕެރޯ އާއި ޔަންގް ބޯއިސް އެވެ. މި މެޗް 2-12 އިން ކާމިޔާބުކުރީ ޖެކްސްޕެރޯ އެވެ. އިއްޔެ ހަވީރު ކުޅުނު ދެ ވަނަ މެޗްގައި ނައިޓް ކިންގް އާއި ޖޫނިއަރ ކިންގް ވާދަކޮށް 1-7 އިން މެޗް ކާމިޔާބުކޮށްފައިވަނީ ނައިޓް ކިންގެވެ.

ޖުމްލަ ހަތަރު ޓީމުން ވާދަކުރާ މި މުބާރާތް އިންތިޒާމްކޮށްފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅޭ ގޮތަށް ހަމަޖައްސައިފައިވަނީ މި މަހުގެ ދިހަ ވަނަ ދުވަހު އެވެ.

2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސްކޫލް ބޮޑު ޗުއްޓީ އާ ދިމާކޮށް ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ އިން ކުރިއަށްގެންދާ މި މުބާރާތަކީ ފީއަލީގައި ޒުވާން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް އެހީތެރިވެދިނުމުގެ އިތުރުން ސްކޫލް ޗުއްޓީގެ ދުވަސްތައް ރަގަޅު ގޮތުގައި ހޭދަކުރުމަށް އެހީތެރިވެދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ރަށުން ބޭރު ކުޅުންތެރިންގެ ގޮތުގައި ޓީމް ލިސްޓްގައި ހިމެނެނީ ގިނަވެގެން ދެ ކުޅުންތެރިންގެ ނަމެވެ. މުބާރާތުގެ ގަވައިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމަކުންވެސް 18 އަހަރުން ދަށުގެ އެކި އުމުރުފުރާ ތަކުގެ ކުޅުންތެރިން ހިމަނަންޖެހެއެވެ.

މުބާރާތް އިންތިޒާމްކުރާ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ އަކީ 2006 ވަނަ އަހަރު އުފައްދައިފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ފަރާތުން އަންނަނީ ގިނަ ކުޅިވަރު ހަރަކާތްތަކެއް ރަށުގައި ހިންގުމުގެ އިތުރުން ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފީއަލީގެ އެކި ޓީމުތައް ވަނީ ކުޅިވަރުގައި ރާއްޖޭގެ ފެންވަރުގައާއި އަތޮޅު ފެންވަރުގައިވެސް ކާމިޔާބީތައް ހޯދައިފައެވެ. މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ފ. ނިލަންދޫގައި ކުރިއަށްދިޔަ ވޮލީބޯލް ޗެމްޕިއަންޝިޕް ފީއަލީގެ އެކުވެރި ޒުވާނުންގެ ގުޅުމުން ކާމިޔާބު ކުރިއިރު ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފެންވަރުގައި ބޭއްވި ބަށި މުބާރާތްތަކުގެ ޗެމްޕިއަންކަން އެތައް ފަހަރަކު އެރަށުގެ ޓީމުތަކުން ވަނީ ހޯދައިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *