ފ. ނިލަންދޫގައި 14 އަހަރުން ދަށަށް ބޭއްވި ފުޓްބޯޅަ މުބާރާތް ފަހުލަވާން ކާމިޔާބު ކޮށްފި
ފ. ނިލަންދޫ ޖަމިއްޔަތުއް ޝަބާބުން އިންތިޒާމުކޮށް އެރަށުގައި މީލާދީ އާ އަހަރަށް މަރުހަބާ ކިއުމުގެ ގޮތުން 14 ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބް ފަހުލަވާން ކާމިޔާބުކޮށްފި އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ނިލަންދޫ ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 6-1 އިން އެސްޖީސީ ސްޕޯޓްސް ބަލިކޮށްގެންނެވެ.
މި މުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރުވެސް ވާދަކުރީ މި ދެޓީމެވެ. މިދިޔަ އަހަރުގެ ފައިނަލް ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކުރީ އެސްޖީސީ ސްޕޯޓްސް އެވެ. ފަހުލަވާން ޓީމުން ބުނީ މި އަހަރު ލިބުނު ކާމިޔާބީއަކީ މިދިޔަ އަހަރު ފައިނަލުގައި ވީ ބަލި ހަނދާން ނައްތާލަން ޓީމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ.
ފައިނަލް މެޗް ނިމުމުން މުބާރާތުގެ ވަނަ ވަނަ ހޯދި ކުޅުންތެރިންނަށާއި ޓީމުތަކަށް ޓްރޮފީއާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާނުގެ އިތުރުން ޔޫޔޫއެމްގެ ފައުންޑަރ މުސްތަފާ ނައީމް އާއި ޝަބާބުގެ އިސްވެރިންގެ އިތުރުން މަގާމުތައް ހާސިލް ކުރި ކުދިންގެ ބެލެނިވެރިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަހުލަވާނުގެ ޢަލީ މައިސަން އެވެ. މުބާރާތުގެ މޮޅު 6 ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ އެކުދިންގެ ބެލެނިވެރިންނެވެ. މޮޅު 6 ކުޅުންތެރިންނަށް ހޮވުނީ ފަހުލަވާނުގެ ރަޒާން އިބްރާހިމް މުޙައްމަދުއާއި އިބްރާހިމް މުނީޒު ، އެސް.ޖީ.ސީގެ މުސްލިހު މޫސާއާއި އަބްދުﷲ ޖަމީލުއާއި ނަބްހާން އިބްރާހިމް ގެ އިތުރުން ޖޭއެފްއެފްގެ މުހައްމަދު ޝުވާއު އަލީއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަހުލަވާނުގެ އިބްރާހިމް މުނީޒްއެވެ. ފެއާރޕްލޭ ޓީމަކަށް އެސްޖީސީ ޖޫނިއަރސް ހޮވުނުއިރު 3 ވަނަ ހޯދީ ޖޭއެފްއެފް އެވެ. ރަނަރަޕް ހޯދި އެސްޖީސީއަށް ހަނދާނީ ލިޔުމާއި މެޑަލް އަދި ޓްރޮފީ ހަވާލު ކޮށް ދެއްވީ ޝަބާބުގެ ސީނިއަރ ނައިބްރައީސް ނަސްރުﷲ ޖަލީލެވެ. ޗެމްޕިއަންކަން ހޯދި ފަހުލަވާނަށް ތަށްޓާއި ހަނދާނީ ލިޔުމާއި މެޑަލް އަދި ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗުން ހުށަހަޅާފައިވާ ގިފްޓް ކާރޑް ޙަވާލުކޮށްދެއްވީ ޝަބާބުގެ ރައީސް އަލީ ވަހީދު އާއި ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗްގެ މެނޭޖަރ އަހުމަދު ރައުޝާންއެވެ.
ފަހުލަވާން އަދި އެސްޖީސީ ސްޕޯޓްސްގެ އިތުރުން މިފަހަރުގެ މުބާރާތުގައި ބައިވެރިވީ ޖަސްޓް ފޯ ފަން އަދި އެސްޖީ ޖޫނިއާސް އެވެ. އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކުރެވުނު މިފަހަރުގެ މުބާރާތުގައި ބައިވެރިވި ހަތަރު ޓީމަކީވެސް ނިލަންދޫގެ ޓީމުތަކެވެ.
މި މުބާރާތް ކުރިޔަށް ގެންދިއުމުގައި ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗްގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު ހިންގަވާ އޭކޭ ފައުންޑޭޝަނާއި ނިލަންދޫ ޔޫތު ސެންޓަރު އަދި ނިލަންދޫގެ ދަރިއެއްކަމަށްވާ އެމާހައުސް މުޙައްމަދު ޢުމަރުގެ އެހީތެރިކަން ލިބުނު ކަމަށް މުބާރާތް އިންތިޒާމުކުރި ޖަމިއްޔަތުއް ޝަބާބުން “ފަހުމިނެޓް” އަށް މައުލޫމާތު ދީފައިވެއެވެ.
ކޮންމެ އަހަރަކުވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ނިލަންދޫ ގައި ތަފާތު ކުޅިވަރު ހަރަކާތްތައް އެރަށުގެ ޖަމިއްޔާތަކުން ކުރިއަށް ގެންދެއެވެ. ދާދިފަހުން ނިލަންދެ އަތޮޅަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބޭއްވިއިރު ފުޓްބޯޅައިގެ ގިނަ މުބާރާތްތަކެއް ކޮންމެ އަހަރަކުވެސް އެރަށުގައި ކުރިއަށްގެންދެއެވެ. މުބާރާތް އިންތިޒާމު ކުރި ފަރާތުން ބުނީ މިފަހަރުގެ މުބާރާތްވެސް ނިންމާލެވުނީ ކާމިޔާބު ކަމާއެކު ކަމަށާއި، އަންނަ އަހަރުވެސް އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން މި މުބާރާތް ކުރިއަށް ގެންދާނެކަމަށެވެ.
Advertisement
Leave a Reply