ޔުނައިޓެޑް ދޫކޮށްލާކަށް ބޭނުމެއް ނޫން: ސޯލްޝެއާ

Advertisement

ޔުނައިޓެޑް ދޫކޮށްލާކަށް ބޭނުމެއް ނޫން: ސޯލްޝެއާ

ޢަލީ ޝަހީމް

މި ސީޒަން ނިމުމުން މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންނުވާ ކަމަށް އެޓީމުގެ ކޯޗުކަމާ ވަގުތީގޮތުން ހަވާލުވެހުރި އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ. ސޯލްޝެއާ މިހެން ބުނީ ލީގުގައި އެންމެ ފަހުން ނިއުކާސަލްއާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވި މެޗަށްފަހު ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.

ޔުނައިޓެޑްގެ ކޯޗުކަނަށް ސޯލްޝެއާ މި ސީޒަން ނިމެންދެން ހަމަޖެއްސީ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެޓީމު ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. ސޯލްޝެއާ ކްލަބާއި ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ ހަތަރު މެޗުންވެސް ވަނީ މޮޅުވެފައެވެ. ގަދަ ހަތަރެއްގެ އުއްމީދު ގެއްލިފައިވައި އޮތް ޔުނައިޓެޑް މިހާރު އޮތީ 38 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ. ފަސް ވަނައިގައި އޮތް އާސެނަލް އާއި އެޓީމާއި ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.

ފުރަތަމަ ހަތަރު މެޗު ކާމިޔާބު ކުރުމާއެކު ސޯލްޝެއާ ވަނީ އެ ކްލަބުގެ ތާރީހުގައިވެސް ފުރަތަމަ ހަތަރު މެޗު ކާމިޔާބުކުރި ދެ ކޯޗުންގެ ތެރޭގައި ހިމެނިފައެވެ. މީގެ ކުރިން އެ ކްލަބާއެކު ފުރަތަމަ ހަތަރު މެޗު ކާމިޔާބު ކުރީ 1946 ވަނަ އަހަރު ސަރ ބަޓް ބަޒްބީ އެވެ. ބަޒްބީ ވަނީ ޔުނައިޓެޑަށް ކޯޗުކޮށްދިން ދުވަސްވަެު ފަސް ފަހަރު ލީގު ކާމިޔާބު ކޮށްފައެވެ.

ސޯލްޝެއާ ބުނީ ފުރަތަމަ ހަތަރު މެޗުން މޮޅުވެ ތާރީހުގެ ތެރެއަށް ދިއުމަށްފަހު އޭނާއަށް މުހިއްމީ ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރުން ކަމަށެވެ.

“އަހަރެން ވިސްނަނީ ދެން އޮންނަ މެޗަށް. ފުރަތަމަ ހަތަރު މެޗުން މޮޅުވެގެން ދެން އޮތް ހަތަރު މެޗުވެސް މި ކްލަބުގައި ހުރެގެން ކާމިޔާބު ކުރެވޭނެ. ޗެލެންޖަކީ އެއީ އަދި އަހަރެމެންނަކީ އެފެންވަރު ހުރި ޓީމެއް” ސޯލްޝެއާ ބުންޏެވެ.

އުމުރުން 45 އަހަރުގެ ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާއި ވަގުތީ ގޮތުން ހަވާލުވީ އޭނާ އިރުޝާދު ދެމުންދިޔަ ނޯވޭގެ މޯލްޑޭގެ ހުއްދައާއި އެކު އެވެ. ސޯލްޝެއާ ޔުނައިޓެޑަށް ވަގުތީ ގޮތުން ދޫކޮށްލުމަށްފަހު މޯލްޑޭ އިން ބުނެފައިވަނީ އެޓީމާއި އަލުން ސޯލްޝެއާ ގުޅޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ސޯލްޝެއާ އަށް ވަގުތީ އެއްބަސްވުމެއް ދިނުމަށްފަހު އަންނަ ސީޒަނަށް ދާއިމީ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ޔުނައިޓެޑުން ދަނީ ކުރަމުންނެވެ. އެޓީމުން އެންމެ ޝައުގުވެރިވަނީ ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށެވެ. އެކަމަކު ސޯލްޝެއާ ޔުނައިޓެޑާއެކު ރަނގަޅު ނަތީޖާތަކެއް ނެރެފި ނަމަ އޭނާއަށް ދާއިމީ އެއްބަސްވުމެއް ދިނުމުގެ ފުރުސަތު އެބައޮތެވެ.

ސޯލްޝެއާގެ އިރުޝާދުގެ ދަށުން އެފްއޭކަޕްގައި މާދަމާ ރޭ ޔުނައިޓެޑް ނުކުންނާނީ ރެޑިންއާ ދެކޮޅަށެވެ. އެއަށްފަހު ލީގުގައި މިމަހުގެ 13 ވަނަ ދުވަހު  ވެމްބްލީ ސްޓޭޑިއަމްގައި ޓޮޓެންހަމާއި ދެކޮޅަށް ކުޅޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *