ގިނަ ދިވެހި ކޯޗުން ބުނަނީ މިރޭ މޮޅުވުން ގާތީ ސިޓީ ކަމަށް
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރެއަކީ ބޮޑު ރެއެކެވެ. ޓޭބަލްގެ އެއް ވަނައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ މިރޭ ވާދަކުރާއިރު ދެ ޓީމަށް ވެސް މި މެޗްގެ މުހިއްމުކަން ވަރަށް ބޮޑެވެ. ސިޓީއަށްވުރެ ހަތް ޕޮއިންޓް ކުރީގައި އޮތް ލިވަޕޫލަށް މިރޭގެ މެޗް ކާމިޔާބުކުރެވިއްޖެ ނަމަ އެ ޓީމެއް ނުވަ ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ. އެއާއެކު އެކަން ވެގެންދާނީ 1990 ގެ ފަހުން އިނގިރޭސި ލީގުގެ ތަށި ފުރަތަމަ ފަހަރަށް ހޯދަން ލިވަޕޫލް ކުރާ މަސައްކަތަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ލިވަޕޫލް އަތުން މިފަހަރު އެއް ވަނަ ދެން ޓީމަކަށް އަތުލެވޭނެ ނަމަ އެ ޓީމަކަށް ވާނީ ސިޓީއެވެ. ކަން މިހެން އޮތް އިރު މިރޭގެ މެޗުން ސިޓީ ބަލިވެއްޖެނަމަ އަލުން ލިވަޕޫލާ އަރާ ހަމަކުރުން ފަސޭހަ ނުވާނެކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވެސް އެއްބަސްވެއެވެ.
ކޮންމެއަކަސް މި ހުރިހާ ސަބަބުތަކާ ހުރެ މިރޭގެ މެޗަށް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. ދެ ޓީމްގެ ސަޕޯޓަރުން މިރޭ ނަތީޖާ ނުކުންނާނެ ގޮތެއް ބަލަން ކެތް މަދުވެފައެވެ. ދެ ޓީމްގެ ކޯޗުންގެ ކަމަކަށް އޮތީ އެއް ޓީމް އަނެއް ޓީމަށް ތައުރީފް ކުރުމެވެ. އެހެންވެ އެވާހަކަތައް އިތުރަށް ނުދައްކައި މިފަހަރު އަހަރެމެން މި ގެނެސްދެނީ މިރޭގެ މެޗާ ދޭތެރޭ ދިވެހި ބައެއް ކޯޗުންގެ ހިޔާލު ހުރި ގޮތެވެ.
އެންމެ ފުރަތަމަވެސް އޮތީ މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗްގެ އެވޯޑް އިހަކަށް ދުވަހު ހާސިލްކުރި މުހައްމަދު ނިޒާމް (ނިޒާމްބެ) މިރޭގެ މެޗާ ބެހޭ ގޮތުން ބުނާ ވާހަކައެވެ.
“މާދަމާރޭ (މިރޭ)ގެ މެޗްގަ އަހަރެންނަށް ހީވަނީ މޮޅުވުމުގެ ފުރުސަތު ބޮޑީ ސިޓީ އަށް ހެން. އެއީ އަހަރެންނަށް މިހާ ހިސާބަށް އައިއިރު ސިޓީގެ ޑިފެންސް ތަންކޮޅެއް އޮގަނައިޒް ވެފަ އެ މީހުން އެ ކުޅޭ ޕްރެސިންގް ގޭމްވެސް ތަންކޮޅެއް އިފެކްޓިވް އީ. ދެން އަނެއްކޮޅުން ލިވަޕޫލް މިދިޔަ ހުރިހާ މެޗަކަށް ބަލާއިރުވެސް ޑިފެންސް ލައިން ޑިފެންސަށް އަންނައިރު ފެންނަނީ ތަންކޮޅެއް ޑިސްއޮގަނައިޒްކޮށް ހާއްސަކޮށް މެދުތެރެ މިހާރު. ސިޓީގެ އެންމެ ވަރުގަދަ އެކައްޗަކީ އެމީހުންގެ ޑިފެންސާއި އެމީހުންގެ މެދުތެރެ. އެޓޭކިންގް ގަވެސް އެމީހުން އިންޖީނެއްގެ ގޮތުގަ ބޭނުންކުރަނީ އެމީހުންގެ މެދުތެރެ. ދެ ޓީމްގެ މިޑްފީލްޑް ލައިނަށް ބަލާއިރު އަހަރެންނަށް ތަންކޮޅެއް ސްޓްރޯންގް ސިޓީގެ މެދުތެރެ. އެއީ ބޮޑަށް ސިޓީގެ މައްޗަށް ބުރަވެވޭ ސަބަބަކީ.” މިދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގް ޓީސީ އަށް ކާމިޔާބުކޮށްދިން ކޯޗް ބުންޏެވެ.
މިދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގްގައި ގްރީން ސްޓްރީޓަށް އިރުޝާދުދިން ކޯޗް ޢަލީ ސުޒޭންވެސް ބޮޑަށް ބުރަވަނީ ސިޓީގެ ކޮޅަށެވެ. ސުޒޭން ބޮޑަށް ބަލައިފައިވަނީ މިހާރު ދެ ޓީމް އޮތް ހާލަތަށެވެ.
“މީގަ ބުނަންޖެހެނީ ލިވަޕޫލް އަންނަނީ މެޗަކަށް ފަހު މެޗެއް ކޮންމެވެސް ގޮތަކުން ރަގަޅު ނަތީޖާއެއް ނެރެމުން. އެހެންވީމަ ލިވަޕޫލް ނޫނޭ ބުނެފިއްޔާ ބައެއް މީހުން ހިތަށް އަރާފާނެ ހަމަ އެހެން ބުނެލީއޭ. އެކަމަކު މިހާރު ކޮންމެ ގޮތެއް ވިޔަސް ސިޓީ މިއޮތީ މިސީޒަންގަ އެމީހުންނަށް ވާނެ ހުރިހާ ގޯހެއް އަނެއްހެން ވެފަ. އެހެންވީމަ މިހާރު އެމީހުން ޕްރެޝަރ ގެ ތެރެއިން ނުކުންނަން އެންމެ ރަގަޅު މެޗް މި މެޗަކީ ދެން އަނެއްކާ ސިޓީއާއި ލިވަޕޫލާއި އާއްމުކޮށް ކުޅޭއިރުގަ އެޑްވާންޓޭޖްތަކެއް ލިވަޕޫލަށް ނެގޭނެ ވަރަށް މަދު ގޮތްތަކެއް ކަންނޭނގެ ހުރީ. ދެން އަނެއްކަ ލިވަޕޫލް މިދިޔަ އަހަރު ދެއްކި ޕާފޯމެންސް މިއަހަރު ޓީމެއްގެ ގޮތުގަ ރަގަޅީ. އެހެންވީމަ ޓީމެއްގެ ގޮތުގަ އެއިންނަ އެންމެ މައިގަނޑު ލިންކް ހުއްޓުވާލެވިއްޖެއްޔާ ސިޓީއަށް ހަމަ ގައިމުވެސް އެޑްވާންޓޭޖް ބޮޑީ.” ވިކްޓަރީ ގެ އިތުރުން މާޒިޔާ އަށްވެސް ކުރިން އިރުޝާދު ދިން ކޯޗް ބުންޏެވެ. މީގެ އިތުރުން މެޗްގެ ނަތީޖާ ސިޓީކޮޅަށް ބުރަވުމުގެ ފުރުސަތު ބޮޑު ކަމަށް ސުޒޭންއަށް ގަބޫލުކުރެވޭ އެހެން ކަމެއް އޭނާ ފާހަގަކުރިއެވެ.
“ގާޑިއޯލާ އަކީ މިކަހަލަ މުހިއްމު މެޗްތަކުގަ ވަރަށް ނުރައްކާ މީހެއް. އޭނަގެ ވިސްނުމާ، އޭނަގެ މޮޑަން ފިލޯސަފީ ގެ ތެރެއިން ކާމިޔާބު ނެރޭ ގިނަ ފަހަރަށް. އެހެންވީމަ އަހަރެންނަށް ހަމަ ބޮޑަށް ބުރަ ވެވެނީ ސިޓީ މޮޅުވާނެކަމަށް.” ސުޒޭން ބުންޏެވެ.
ދެން އޮތީ ރާއްޖޭގެ ގައުމީ ޓީމް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެ ޓީމްގެ އެސިސްޓެންޓް ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) ގެ ވާހަކައެވެ. މޯހަން އަށް ކިތަންމެ ރަގަޅަށް ދެ ޓީމްގެ ތަފާތު އަލިފުން ޔާ އަށް އެނގިފައި އޮތަސް އޭނާއަށް މެޗްގެ ނަތީޖާއާ ދޭތެރޭ އެއްޗެއް ބުނާކަށް ފަސޭހައެއް ނުވިއެވެ. ފުރަތަމަ މޯހަން ފެށީ ސިޓީގެ ވާހަކައެވެ.
“ސިޓީ އިން ކުޅޭ މެޗްތަކުގެ ސްޓެޓިސްޓިކްސް އަށް ބަލައިފިކަމަށް ވަންޏާ ބޯޅަ ގެންގުޅޭ އަދަދާއި ކައިރިކުރާ ވަރަށްވެސް ގިނަ ފަހަރު ޗާންސް ކްރިއޭޓް ކޮށްފައެއް ނުހުރޭ. އެހެން ނަމަވެސް ކްރިއޭޓްކުރާ ޗާންސަކީ ގިނަ ފަހަރަށް ވަރަށް އޯޕަންކޮށް އިންނަ ޗާންސެއް ގޮތަށް ފެނިގެންދަނީ.” މޯހަން ބުންޏެވެ.
“އެއާ ހިލާފަށް ލިވަޕޫލަކީ ވަރަށް ޕްރެސްކޮށްގެން ކުޅޭ ޓީމެއް. އަނެއް ޓީމަށް ޕާސިންގެ ގޭމެއް ކުޅެން ޗާންސް ނުދީ، ލިބުނީމަ ވަރަށް އަވަސް ކައުންޓަރ އެޓޭކެއް ފާޑަށް ދުއްވައިގަންނަ ބައެއް އެމީހުންގެ ތިބީ. އެގޮތުން ވަރަށް ބޮޑު ތްރެޓަކަށް މިވަނީ އިދިކޮޅު ޑިފެންސް ލައިނަށް. ދެން ސިޓީ ކުޅޭ ސްޓައިލްގެ ގޮތުން ބޯޅަ ގެއްލިއްޖެއްޔާ ވަރަށް ބޮޑު ޕްރެޝަރ އަކަށް ދާނެ. އޭރުން އެ ލިބޭ ގެޕްތަކުން އަރާ ލިވަޕޫލް ނުރައްކާކުރާނެ.” ލިވަޕޫލްގެ ކުޅުމުގެ ވައްޓަފާޅިއާ އޭގެ ނަތީޖާ ކިޔައިދެމުން އަނެއްކާވެސް މޯހަން ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ލިވަޕޫލް މިކުޅޭ ސްޓައިލުން ވާ ގޮތަކީ އެ ޕްރެސިންގް ޖައްސާތަނުން ސަލާމަތްވެގެން ސިޓީ ނިކުމެއްޖެ ކަމަށް ވަނީ ވިއްޔާ އިދިކޮޅުގަ ބޮޑު ޖާގައެއް ފަހަތުގަ އޮންނާނެ. ވަރަށް ބޮޑަށް ހުސްކޮށް އޮންނާނީ. އެއްވެސް ބަޔަކަށް މެޗްގެ ކޮންޓްރޯލް ލިބޭނެ ކަމަކަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ. އެހެން ނަމަވެސް ސިޓީން ތަންކޮޅެއް ގިނައިން ބޯޅަ ގެންގުޅެފާނެއޭ. އެކަމަކު އަޅުގަނޑަށް ހީވަނީ ގިނަ ޗާންސަސް ކްރިއޭޓްކުރާ ތަން ފެންނާނީ ލިވަޕޫލުންހެން.” މިދިޔަ އަހަރު އީގަލްސްގެ ކޯޗަކަށް ހުރި މޯހަން ދެ ޓީމަށް ހުރި ފުރުސަތުތައް ކިޔައިދެމުން ބުންޏެވެ.
މޯހަން އެކޭ އެއް ގޮތަށް މެޗްގެ ނަތީޖާއާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ދެން އެންމެ އުނދަގޫވީ މިދިޔަ އަހަރު ކްލަބް ވެލެންސިޔާ އަށާއި އަދި ނިއުރޭޑިއަންޓަށް އިރުޝާދުދިން ސޮބާހް މުހައްމަދެވެ. އެކަމަކު ސޮބާހް އަށް ވެސް ބޮޑަށް ބުރަވެވުނީ ސިޓީ ކޮޅަށެވެ.
“ދެޓީމަކީވެސް ހަމަ މޮޅު ދެ ޓީމް. ފިފްޓީ ފިފްޓީ ޗާންސެއް އޮތްކަމަށް އަހަރެން ދެކެނީ. ކޮންމެ ގޮތަކަށްވެސް މެޗް އެނބުރިގެން ހިގައިދާނެ. އެކަމަކު އަހަރެންނަށް ހީވާ ގޮތުން ސިޓީ މޮޅުވާނީ. ލިވަޕޫލަށް ބޮޑަށް ޕްރެޝަތ ވާނީވެސް މެޗް. އެއީ އެމީހުންނަށް ލިބިފަ އޮތް ލީޑް ހިފަހައްޓަން ޕްރެޝަރ ގަ ސިޓީއާ ދެކޮޅަށް ނުކުންނަން ޖެހުނީމަ.” ސޮބާ ބުންޏެވެ.
މިރޭ ރާއްޖޭގެ ގަޑިން 1 ޖަހާއިރު ފަށާ ސިޓީއާއި ލިވަޕޫލް މެޗާ ގުޅޭ ގޮތުން “ފަހުމިނެޓް” ގެ ފަރާތުން ފަސް ކޯޗެއްގެ ހިޔާލު ހޯދިއިރު ލިވަޕޫލް މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައިވަނީ ހަމައެކަނި މުހައްމަދު ނަޒީހް އެވެ.
“ލިވަޕޫލް އޮތީ ރަގަޅު ފޯމެއްގަ. އެމީހުންގެ އިތުބާރު ބޮޑު ވާނެ ކަމަށް ބެލެވެނީ. އަނެއް ކޮޅުން އެމީހުންގެ ހުރިހާ މޮޅެތި ކުޅުންތެރިން ތިބީ ފިޓްކޮށް. ސިޓީގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭ. އަދި ޑި ބްރޭނާ ފަދަ މުހިއްމު ބައެއް ކުޅުންތެރިން ތިބީ އެންމެ ރަގަޅު ފޯމެއްގަ އެއް ނޫން. އެހެންވީމަ އަހަރެންނަށް ބޮޑަށް ބުރަވެވެނީ ލިވަޕޫލް ކޮޅަށް. އެކަމަކު މެޗް ކުޅެނީ ސިޓީގެ ދަނޑުގަ ކަމަށް ވާތީ ކޮންމެ ވަގުތަކުވެސް އެ ހާލަތު ބަދަލުވެދާނެ.” މިދިޔަ އަހަރުގެ މާލޭ ލީގްގައި ޔުނައިޓެޑް ވިކްޓަރީ އަށް އަދި ޕްރިމިއަރ ލީގްގެ ފަހުކޮޅު ވިކްޓަރީ އަށް ކޯޗްކޮށްދިން ނަޒީހް ބުންޏެވެ.
Advertisement
Leave a Reply