ބޮޑެތި ކްލަބްތަކުން ފާރަލި ޕުލިސިޗް ޗެލްސީ އަށް

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޓަށް ކުޅޭ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިޗްގެ ސޮއި އިނގިރޭސި ކްލަބް ޗެލްސީން ހޯދައިފިއެވެ. އުމުުރުން 20 އަހަރުގެ އެމެރިކާގެ ތަރި ޕުލިސް ޗެލްސީއަށް ވިއްކާލަން ޑޯޓްމަންޑުން މިއަދުގެ ވަގުތެއްގައި ވަނީ އެއްބަސްވެފައެވެ. ޗެލްސީން ޕުލިސިޗްގެ ސޮއި ހޯދިޔަސް މި ސީޒަނުގެ ނިޔަލަށް ލޯނެއްގައި ގޮތުގައި ޕުލިސިޗް ހުންނާނީ ޑޯޓްމަންޑުގައެވެ.
ރިޕޯޓުތައް ބުނާގޮތުން ޕުލިސިޗް ޗެލްސީން ގެންދިޔައީ 58 މިލިއަން ޕައުންޑަށެވެ. ޕުލިސިޗްގެ ކޮންޓްރެކްޓްގައި ބާކީ ދޮޅު އަހަރު އޮތްނަމަވެސް ބޮޑު އަގެއް ހުށަހަޅައިފިނަމަ އޭނާ ވިއްކާލައިގެން އާމްދަނީ އިތުރު ކުރުމަށް ޑޯޓްމަންޑުން މީގެ ކުރިންވެސް ދިޔައީ ވިސްނަމުންނެވެ. ޔޫރަޕްގެ ބޮޑެތި ކްލަބަތަކުން ޕުލިސިޗަށް ދިން ސަމާލުކަން ބޮޑުވީ މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ޕްރީ ސީޒަން މެޗުތަކުގައި ދެއްކި މޮޅު ކުޅުމުންނެވެ. އިނގިރޭސި ލީގުން ޗެލްސީގެ އިތުރުން ލިވަޕޫލާއި އާސެނަލުންވެސް ދިޔައީ ޕުލިސިޗަށް ފާރަލަމުންނެވެ. އަދި، ސްޕެއިންގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް ޕުލިސިޗަށް ޝައުގުވެރިވިއެވެ.
ޕުލިސިޗް ޑޯޓްމަންޑުގެ ޒުވާން ޓީމާއި ގުޅުނީ 2015 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގެ ޖަރުމަނު ލީގުގައި ޕުލިސިޗް ވަނީ 32 މެޗު ކުޅެ ހަތަރު ލަނޑު ޖަހާފައެވެ. 27 މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނުއިރު ފަސް ލަނޑު ޖަހަން އޭނާ ވަނީ މަގުފަހި ކޮށްދީފައެވެ. މި ސީޒަނުގައި މިހާތަނަށް ޑޯޓްމަންޑަށް ލީގުގައި ކުޅެދިން 10 މެޗުގައި އެއް ގޯލު ޕުލިސިޗް ވަނީ ޖަހައިފައެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައި ނުވިނަމަވެސް ޕުލިސިޗަކީ އެގައުމުގައިވެސް މިހާރު އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާއެވެ. އެމެރިކާގެ ގައުމީ ޓީމަށް މިހާރުވެސް 23 މެޗު ކުޅެ ނުވަ ގޯލު ޖަހައިފައިވާއިރު އޭނާ ވަނީ އުމުރުން 17 އަހަރުގައި ވޯލްޑް ކަޕް ކޮލިފައިންގައި ލަނޑުވެސް ޖަހާފައެވެ.
ޕުލިސިޗްގެ ޓްރާންސްފާ އަށްފަހު ޑޯޓްމަންޑުގެ ޑިރެކްޓަރ މައިކެލް އޯކް ބުނީ ޕްރިމިއާ ލީގުގައި ކުޅުމަކީ ޕުލިސިޗްގެ ހުވަފެނެއް ކަމަށާއި، އެހެންވެ ޕުލިސިޗްގެ ކޮންޓްރެކްޓް އެ ކްލަބަށް އާނުކުރެވުނު ކަމަށެވެ.
“އަބަދުވެސް ކްރިސްޓިއަންގެ ހުވަފެނެއް އެއީ ޕްރިމިއާ ލީގުގައި ކުޅުން. އެކަމުގެ ނަތީޖާއެއްގެ ގޮތުން މި ޓީމަށް އޭނާގެ ކޮންޓްރެކްޓް އަލެއް ނުކުރެވުނު. ޗެލްސީން ޕުލިސިޗް ގެންދަން ހުށަހެޅީ ކްލަބަށް ފައިދާ ވާވަރުގެ ބޮޑު އެއްބަސްވުމެއް” ޑޯންޓްމަންޑުގެ ޑިރެކްޓަރ ބުންޏެވެ.
ޖަރުމަނު ލީގުގައި އެއް ވަނައިގައި އޮތް ޑޯޓްމަންޑް ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުންވެސް ޖާގަ ހޯދައިފައެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެޓީމު ނުކުންނާނީ އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. ސީޒަނުގެ ބާކީ ހަ މަސް ދުވަހު ޑޯޓްމަންޑަށް ކުޅުމަށްފަހު އަރިމަތިން އަދި ފޯވާޑްގެ ފަހަތުންވެސް މޮޅަށް ކުޅޭ ޕުލިސިޗް ޗެލްސީގެ ޖާޒީގައި ފެންނާނީ އަންނަ ސީޒަނުގައެވެ.
Advertisement


Leave a Reply