ކޭން ފުލުފުލުގައި ރެކޯޑް ހަދަނީ

Advertisement

ކޭން ފުލުފުލުގައި ރެކޯޑް ހަދަނީ

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކާޑިފް ސިޓީ ކޮޅަށް ޖެހި ގޯލާއެކު ޓޮޓެންހަމް ހޮޓްސްޕާސް އާއެކު ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ ޓީމެއް ކޮޅަށް ގޯލް ޖަހައި އިންގްލެންޑްގެ ހެރީ ކޭން ރެކޯޑް ހަދައިފިއެވެ.

ޓޮޓެންހަމް އިން ކޭން ޕްރިމިއާ ލީގަށް ތައާރަފް ވީ 13-2012 ވަނަ ސީޒަނުގައެވެ. އެ ސީޒަނުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް މެޗުގެ 86 ވަނަ މިނެޓުގައި ކުޅެން ނުކުތްއިރު ސީޒަނުގެ ބާކީބައި ކޭން ހޭދަކުރީ އޭރު ލީގުގައި ކުޅުނު ނޯވިޗް ސިޓީ ގައެވެ. ލޯނު  އެއްބަސްވުމެއްގެ ދަށުން ނޯވިޗް ސިޓީ އަށް ބަދަލުވެ ލީގުގައި އެޓީމާއެކު ކޭން ކުޅުނީ އެންމެ ތިން މެޗެވެ. ސީޒަން ނިންމާލުމަށްފަހު އެނބުރި ޓޮޓެންހަމާއި ގުޅުމަށްފަހު ކޭން ފެނުނީ އެޓީމުގެ މައި ތަނބުގެ ގޮތުގައެވެ.

ވޭތުވެދިޔަ ހަ އަހަރު ލީގުގައި ކޭން ކުޅެން ނުކުތް 28 ޓީމުކޮޅަށްވެސް ވަނީ ގޯލު ޖަހައިފައެވެ. ކާޑިފް ސިޓީ ކޮޅަށް ރޭ ގޯލު ޖެހިއިރު އެންމެ ފަހުން ލީގުގައި އެޓީމާ ދެކޮޅަށް ކުޅުނު ތިން މެޗުގައިވެސް ކޭން އަށް ގޯލް ޖެހިފައެއް ނުވެއެވެ. މި ސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުގައި ކޭން ވަނީ 14 ގޯލު ޖަހައި އާސެނަލްގެ ޕިއޭ އެމެރިކް އޮބާމަޔަން އާއެކު ލަނޑު ލިސްޓުގެ އެއް ވަނައަށް އަރައިފައެވެ.

ރޭ ކުޅުނު މެޗުގެ ތިން ވަނަ މިނެޓުގައި ޖެހި ގޯލާއެކު ކޭން އަށް ވަނީ އާ އަހަރުގެ ފުރަތަމަ ދުވަހު ޖެހިޖެހިގެން ފަސް ސީޒަނުގައި ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުންވެސް ޖާގަ ލިބިފައެވެ. މީގެ ކުރިން އާ އަހަރުގެ ފުރަތަމަ ދުވަހު ޖެހިޖެހިގެން ފަސް ސީޒަނުގައި ގޯލު ޖަހައިފައިވަނީ ލިވަޕޫލްގެ ލެޖެންޑް ސްޓީވެން ޖެރާޑާއި މެންޗެސްޓަރ ޔުނައިޓެޑްގައި ވިދާލި އެންޑީ ކޯލް އެވެ.

ކޭން ގެ އިތުރުން ރޭ ޓޮޓެންހަމްގެ ގޯލުތައް ޖަހައިދިނީ ކްރިސްޓިއަން އެރިކްސަން އާއި ސޮން ހެއުން މިން އެވެ. ކާޑިފް ސިޓީ ކޮޅަށް ކޭން ޖެހި ގޯލާއެކު މިހާތަނަށް އޭނާ ވަނީ ލީގުގައި އަލަށް ޕްރޮމޯޓްވި ޓީމުތަކާ ދެކޮޅަށް ކުޅުނު 11 މެޗުގައި 15 ގޯލު ޖަހައިފައެވެ.

ޓޮޓެންހަމަށް މިހާތަނަށް ކުޅުނު 241 މެޗުގައި ކޭން ވަނީ 158 ގޯލު ޖަހައިފައެވެ. އުމުރުން 25 އަހަރުގެ ކޭން އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ހަ ގޯލު ޖަހައި ރަން ބޫޓު ހޯދިއިރު ކޭން ވަނީ ވޯލްޑް ކަޕްގެ ޑްރީމް ޓީމުގައިވެސް ހިމެނިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *