ފެބްރިގާސް މޮނާކޯ އަށް ބަދަލުވުމާ ގާތަށް

Advertisement

ފެބްރިގާސް މޮނާކޯ އަށް ބަދަލުވުމާ ގާތަށް

ޢަލީ ޝަހީމް

ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ފްރާންސްގެ މޮނާކޯއާ ގުޅެން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޗެލްސީގެ އާ ކޯޗު މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި އުމުރުން 31 އަހަރުގެ ފެބްރިގާސް އަށް ކުޅެން ފުރުސަތު ލިބެނީ މަދު ފަހަރަކު އެވެ. މި ސީޒަނުގެ ނިޔަލަށް ފެބްރިގާސްގެ ކޮންޓްރެކްޓް ހަމަވާއިރު އަލުން އެއްބަސްވުން އާ ކުރާނެ ކަމަކަށް ނުބެލެވެއެވެ.

ފެބްރިގާސް ކްލަބް ބަދަލުކުރަން ބޭނުންވިޔަސް ކްލަބުގައި އޭނާ ބަހައްޓަން ބޭނުންވާ ކަމަށް ސާރީ ވަނީ ބުނެފައެވެ.

“ސެސް ނެތި އަހަރެމެންނަށް މައްސަލަތަކެއް ދިމާވާނެ. އަހަރެން ބޭނުން އޭނަ ހުންނަން. އެކަމަކު އަހަންނަކަށް ނޭނގޭ ސެސް އަދި ކްލަބުގެ ނިންމުމެއް” ސާރީ ބުންޏެވެ.

ސާރީ ބުނީ ފެބްރިގާސް ކްލަބް ދޫކޮށްލައިފި ނަމަ އެފެންވަރުގެ އެހެން ކުޅުންތެރިއަކު ހޯދަން ފަސޭހަ ނުވާނެކަމަށެވެ.

މޮނާކޯގެ އިތުރުން ފެބްރިގާސް އަށް އެންމެ ޝައުގުވެރިވަނީ އިޓަލީގެ އޭސީ މިލާނެެވެ. އެކަމަކު ފެބްރިގާސް ގެންނަން އެޓީމުން ކުރަންޖެހޭ ހަރަދު ބޮޑުވާތީ މިލާނަށް އެ ފުރުސަތު އޮތީ ހަނިވެފައެވެ. އަދި، ފައިނޭންޝިއަލް ފެއާޕްލޭގެ ގަވައިދުގެ ދަށުން އެޓީމަށް މާބޮޑު ހަރަދެއް ކުރެވެން ނެތުމަކީވެސް މިލާނަށް ފެބްރިގާސްގެ ސޮއި ހޯދަން ކުރިމަތިވާ މައްސަލައެކެވެ.

މޮނާކޯގެ މިހާރުގެ ކޯޗަކީ 2003 އިން 2007 ވަނަ އަހަރާއި ހަމައަށް ފެބްރިގާސް އާއެކު އާސެނަލަށް ކުޅުނު ތިއެރީ އޮންރީ އެވެ. ފެބްރިގާސް މޮނާކޯއާ ގުޅިއްޖެ ނަމަ އޮންރީ އާއެކު ކުރަން އޮތް މަސައްކަތް ކުޑައެއް ނޫނެވެ. ލީގުގައި ކުޅުނު 18 މެޗަށްފަހު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ. ރެލިގޭޝަނުން ސަލާމަތްވާން ބޭނުންނަމަ އެޓީމު ދެ ވަނަ ބުރުގައި ކުރަން އޮތް މަސައްކަތް ބޮޑެވެ. އޮންރީ އެޓީމާއި ހަވާލުވުމަށް ފަހުވެސް ހަމައަކަށް އެޅިފައިނުވާއިރު ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗުން އެޓީމު ވަނީ ބަލިިވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *