ފުލަމް އަތުން އާސެނަލް މޮޅުވިއިރު ރަމްސޭ ފެންވަރު ދައްކާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފުލަމް 4-1 އިން ބަލިކުރިއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އާރޮން ރަމްސޭ ފެންވަރު ދައްކާލައިފި އެވެ. މި ސީޒަނުގެ ނިޔަލަށް އާސެނަލްގެ ކޮންޓްރެކްޓް ހަމަވާ ރަމްސޭ ރޭގެ މެޗުގައި ވަނީ އެޓީމުން 2-1 އިން ކުރީގައި އޮއްވައި މުހިއްމު ގޯލެއް ޖަހައިދީފައެވެ.
މިމަހުގެ ޓްރާންސްފާ ބާޒާރު މިހާރު ފެށިފައިވާއިރު އުމުރުން 28 އަހަރުގެ ރަމްސޭ އަށް ޔޫރަޕްގެ ބޮޑު ފަސް ކްލަބަކުން ހުށަހެޅުން ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕެއިންގެ ރެއާލް މެޑްރިޑް، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަދި ފްރާންސްގެ ގަދަބާރު ޕީއެސްޖީ ހިމެނެއެވެ. މި ސީޒަނުގެ ކުރިން ރަމްސޭ އާ އެއްބަސްވުމެއްގައި ސޮއި ނުކޮށްފިނަމަ ހިލޭ ޓްރާންސްފާއެއްގެ ދަށުން އަންނަ ސީޒަނުގައި ކްލަބް ބަދަލު ކުރެވޭނެއެވެ. ރަމްސޭގެ ހާލަތު މިހާރު އޮތް ގޮތުން އިއްޔެ ހުޅުވުނު ޓްރާންސްފާ ބާޒާރުގައިވެސް އޭނާ ކްލަބް ބަދަލު ކުރުމުގެ ފުރުސަތު އެބައޮތެވެ.
ރޭ އާސެނަލްގެ ފުރަތަމަ ގޯލު ޖެހީ ގްރަނިޓް ޒަކާ އެވެ. އޭގެފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ދެ ވަނަ ހާފުގައި އެލެކްޒަންޑަރ ލަކަޒެޓް އެވެ. ލަކަޒެޓް ގޯލް ޖަހައި 2-0 އިން ކުރީގައި އޮއްވައި ފުލަމްގެ އަބޫބަކުރު ކަމާރާ ވަނީ ގޯލެއް ޖަހައި ލީޑު ކުޑަކޮށްފައެވެ. އާސެނަލް 2-1 އިން ކުރީގައި އޮއްވައި ކޯޗު އުނާއި އެމެރީ ވަނީ ރަމްސޭ ކުޅެން އަރުވައިފައެވެ. މޮޅުވާން މަޖުބޫރު މެޗުގައި އާސެނަލް ގެ ތިން ވަނަ ގޯލު 79 ވަނަ މިނެޓުގައި ޖެހީ ރަމްސޭ އެވެ. އޭގެ ފަހުން އެޓީމުގެ ހަތަރު ވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓުގައި ޖެހީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ.
ރޭ ޓޮޓެންހަމްވެސް ވަނީ 3-0 އިން ރަށުން ބޭރުގައި ކާޑިފް ބަލިކޮށްފައެވެ. އެޓީމުގެ ތިން ގޯލުވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ގޯލު ހެރީ ކޭން ޖެހިއިރު ދެ ވަނަ ގޯލު ޖެހީ ކްރިސްޓިއަން އެރިކްސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ގޯލު ޖެހީ ސޮން ހެއުން މިން އެވެ.
ރޭގެ މެޗުތަކަށްފަހު ލީގު ތާވަލުގައި ޓޮޓެންހަމް ވަނީ އަލުން ދެ ވަނައަށް ޖެހިލައިފައެވެ. އަދި، އާސެނަލް ވަނީ ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ދެ ޕޮއިންޓަށް ކައިރި ކޮށްފައެވެ. ލީގުގެ އެއް ވަނައިގައި 54 ޕޮއިންޓާއެކު ލިވަޕޫލް އޮތް އިރު ދެ ވަނަ ޓޮޓެންހަމަށް ލިބެނީ 48 ޕޮއިންޓާއެކު އެވެ. 47 ޕޮއިންޓާއެކު ތިން ވަނައިގައި މެންޗެސްޓަރ ސިޓީ އޮތްއިރު ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. ޗެލްސީގެ ފަހަތުން އާސެނަލް ފަސް ވަނައިގައި އޮތީ 41 ޕޮއިންޓާއެކު އެވެ.
ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަނާއި ދެކޮޅަށް ކުޅޭމެޗު ކާމިޔާބު ކޮށްގެން ޗެލްސީއަށް ސިޓީއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވޭނެއެވެ. އަނެއްކޮޅުން ލީގު ތާވަލުގައި އެންމެ ކުރީގައި އޮތް ދެ ޓީމު މާދަމާރޭ ވާދަކުރާއިރު މި މެޗުން ސިޓީ މޮޅުވެއްޖެ ނަމަ އެޓީމަށް އަލުން ދެ ވަނަ ލިބި ލިވަޕޫލާ އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. ލިވަޕޫލް މޮޅުވެއްޖެ ނަމަ ލީގުގައި އެއް ވަނައިގައި އެޓީމަށް ބޮޑު ލީޑެއް ލިބޭނެ އެވެ.
Advertisement


Leave a Reply