ފުޓްބޯޅައިން ރަން ހޯދި 2018 ގެ އަނދިރި ފަރާތް

Advertisement

ފުޓްބޯޅައިން ރަން ހޯދި 2018 ގެ އަނދިރި ފަރާތް

ޢަބްދުﷲ އަޝްރަފް
ސުޒުކީ ކަޕް ކާމިޔާބުކުރި ކުޅުންތެރިން ތައްޓާއެކު. ރަން ކާމިޔާބީ ހޯދިޔަސް މިދިޔަ އަހަރަކީ ފުޓްބޯޅައިގައި ގޮންޖެހުން ބޮޑު އަހަރެއް. ފޮޓޯ: މިހާރު

ނިމިގެންދިޔަ 2018 ވަނަ އަހަރަކީ ދިވެހި ފުޓްބޯޅައިގައި ފާހަގަކޮށްލެވުނު ގިނަ ކަންތައްތަކެއް ހިނގި އަހަރެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ތަށި ދެ ވަނަ ފަހަރަށް އުފުލާލުމުގެ ހިތްހަމަޖެހުން ގައުމީ ޓީމުން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ހޯދައިދިންއިރު އެ ކާމިޔާބީ މަތިން ހަނދާން ނެތޭ ވަރުގެ ހިތި އަދި ލަދުވެތި ތަޖްރިބާތަކެއް ކުޅުންތެރިންނާއި ދިވެހި ފުޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އެ އަހަރުގެ ތެރޭގައި ވަނީ ކޮށްފައެވެ. މި ބަލާލަނީ އޭގެ ތެރެއިންވެސް ފާހަގަކޮށްލެވުނު ބައެއް ކަންކަމަށެވެ.  

ދަގަނޑޭ ގައުމީ ޓީމުން ބާކީ ކުރުން

Advertisement

ދިވެހި ފުޓްބޯޅައިގައި 2018 ވަނަ އަހަރު ހިނގި ކަންކަމުގެ ތެރެއިން ގިނަ ބައެއްގެ ނަފްރަތާ ރުޅިވެރިކަން އެންމެ ބޮޑަށް އަމާޒުވި އެއް ކަމަކީ ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ( ގައުމީ ޓީމުން ބާކީ ކުރުމެވެ. އަޝްފާގަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން އެއީ އެންމެ ގިނަ ދިވެހިން ލޯބިވާ ކުޅުންތެރިޔާއެވެ. މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖޭގައި ކުޅެން އޮތް މެޗުން އެންމެ ފަހު ވަގުތު ދަގަނޑޭ ބާކީ ކޮށްލުންވީ ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކަށް ޝޮކަކަށެވެ. ގައުމީ ޓީމުގެ ކޯޗް ކަމާ ހަވާލުވެ ހުރި ޕީޓާ ސެގާޓް ދަގަނޑޭ ބާކީކުރި މައްސަލައިގައި އެކި ފަހަރު ދެއްކީ އެކި އުޒުރެވެ. ދިވެހި ސަޕޯޓަރުންނަށް އެކަންވީ ބޮޑު ޖޯކަކަށެވެ. އެމީހުންގެ ރުޅި ހައްތަހާ އިތުރުވުން ނޫން ކަމެއް ނުވިއެވެ. އެކަމަކު މާގިނަ ދުވެހެއް ނުވެ އެކަންވެސް އޮބުނީ އެވެ.

 

ދަގަނޑޭ ލާއޯސް ކޮޅަށް ގޯލު ޖެހުމަށްފަހު. ސުޒުކީ ކަޕް ސްކޮޑުން ފުރުސަތު ނުލިބުމުން ސަޕޯޓަރުންނަށް ގަބޫލެއް ނުކުރެވުނު. ފޮޓޯ: މިހާރު

ދެން އައީ ސާފް ޗެމްޕިއަންޝިޕެވެ. ބޫޓާން މެޗުން އަޝްފާގް ބާކީ ކޮށްފައި އޮތަސް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އެ މުބާރާތުގެ ސްކޮޑް އިއުލާން ކުރާއިރު ލިސްޓްގައި ދަގަނޑޭގެ ނަން އޮންނާނެ ކަމަށެވެ. އެކަމަކު ކަންވީ ދިމާ އިދިކޮޅަށެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލި ސްކޮޑްގައި ތިބި ކުޅުންތެރިންގެ އަދަދު ތިރީހަށް އެރިއިރުވެސް މުޅި ސީޒަން ގައި މޮޅަށް ކުޅެމުން އައި ދަގަނޑޭގެ ނަމެއް އެއަކު ނެތެވެ. ސަޕޯޓަރުންނަށް އެހިސާބުން ސަހަރޯ ހީވިއެވެ. ހުރިހާ ބާރެއް ކުރީ ސޯޝަލް މީޑިޔާގެ އެކި ނެޓްވޯކް ތަކަށެވެ. ދަގަނޑޭ ނެތި ސާފް ޗެމްޕިއަންޝިޕް ތަށި ބޭނުންނުވި ދިވެހިންވެސް އޭރު ތިއްބެވެ. އެކަމަކު ތަށި ލިބުމާއެކު އެކަންވެސް މަޑު މަޑުން ފޭދިގެން ދިޔައީއެވެ. އެއާއެކުވެސް ބަދަލު ނައިސް އޮތީ ދަގަނޑޭ އަށް ދިވެހިންގެ ހިތުގައި އޮތް ލޯތްބެވެ.

އޭއެފްސީ ކަޕުން އަލަށް ޖާގަ ގެއްލުން

ދިވެހި ފުޓްބޯޅައިގެ ހަބަރުތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނަ ބަޔަކަށް ސިހުން ގެނުވި އެއް ހަބަރަކަށްވީ އޭއެފްސީ ކަޕްގައި ރާޢްޖެއަށް ކަނޑައަޅައިފައި އޮތް ޖާގަ ގެއްލުމެވެ. އެނގިފައިވާ ގޮތުގައި ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުނީ ކްލަބްތަކުގެ ލައިސަންސިން އާ ގުޅޭ ކަންކަން ފުރިހަމަ ކުރަން އޭއެފްސީ އިން ރާއްޖެއަށް ދީފައިވާ މުއްދަތު ހަމަވިއިރުވެސް އެކަން ނުކޮށް އޮތުމުންނެވެ. މުއްދަތު ހަމަވިއިރު ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުވެ އޮތުމާއި ގުޅިގެން ރާއްޖެއަށް ފުރުސަތު ނުދޭން ނިންމިކަން އޭއެފްސީ އިން އެންގި ފަހުން އެފްއޭއެމުން އިތުރު ފުރުސަތަކަށް އޭއެފްސީގައި އެދުނެވެ. އެކަމަކު އޭއެފްސީއިން އެ ނިންމުން ބަދަލުކުރާކަށް ބޭނުމެއް ނުވިއެވެ.

 

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް ކޮލިފައިންގައި ޓީސީގެ ފޭދޫ އިއްބެ ބެންގަލުރޫ ކޮޅަށް ގޯލު ޖެހުމަށްފަހު. ދިވެހި ލީގު ހޯދި ޓީސީ އަށް މިއަހަރު އޭއެފްސީ ކަޕުން ޖާގައެއް ނެތް. ފޮޓޯ: މިހާރު

ދިވެހި ފުޓްބޯޅައަށް ސަޕޯޓްކުރާ ގިނަ ބަޔަކަށް ގަބޫލުކުރަންވެސް ދަތިވި މި މައްސަލައިގައި އެފްއޭއެމުން އިނގިލި ދިއްކުރީ ކްލަބްތަކަށެވެ. އަނެއްކޮޅުން ކްލަބްތަކުން ބުނެފައިވަނީ އެފްއޭއެމުން ލިބެންޖެހޭ އެއްބާރުލުން އެންމެ ފުރިހަމައަށް ކްލަބްތަކަށް ނުލިބުނީކަމަށެވެ. ހަގީގަތަކީ ކްލަބް ލައިސަންސިން އާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގައި މި ދެ ފަރާތުގެވެސް ޒިންމާ އޮތް ކަމެވެ. ކޮންމެއަކަސް 2004 ވަނަ އަހަރު ތައާރަފްކުރި އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުމުން އެންމެ ބޮޑު ދެރައެއް ލިބުނު އެއް ބަޔަކީ ކުޅުންތެރިންނެވެ. އޭއެފްސީ ކަޕްގައި ކުޅުމަކީ ޔަގީނުންވެސް އެއް ވަނަ ޑިވިޝަންގައި ވާދަކުރާ ކްލަބްތަކަށް ކުޅޭ ގިނަ ކުޅުންތެރިންގެ އުއްމީދަކަށް ވާނެއެވެ. މި ލިބުނު ތަޖްރިބާއިން ފިލާވަޅު ލިބިގަނެ އެފްއޭއެމާއި ކްލަބްތަކުން މިއަހަރު އެކަން ތަކުރާރު ނުކުރާނެކަމަށް އުއްމީދުކުރުން ނޫން ގޮތެއް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް މިވަގުތަކަށް ނެތެވެ.

ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލަ އިންތިހާގައި

މިދިޔަ އަހަރު އެއް ވަނަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުރިމަތިވި ބޮޑެތި މައްސަލަތަކުގެ އަސްލަކަށްވެފައި އޮތީ ކުޅުންތެރިންނަށް މުސާރަ ނުދެވުން ކަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މުސާރައިގެ ބޮޑެތި މައްސަލަތަކާ ހުރެ ކުޅުންތެރިން ޕްރެކްޓިހަށް ނައުން އޮތީ މިދިޔަ އަހަރު އާއްމު ކަމަކަށްވެފައެވެ. މާލީ މައްސަލަތައް މިއަހަރު އެންމެ ބޮޑަށް ކުރިމަތިވި ވިކްޓަރީ ސްޕޯޓްސް ކްލަބުން ބުނެފައިވާ ގޮތުގައި އެ ޓީމުންވެސް ވިއްސަކަށް ކުޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ ނުދީ އެބަ އޮތެވެ. މިދިޔަ އަހަރު ނިއު ރޭޑިއަންޓުން މުސާރަ ނުދީގެން ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ) ހުށަހެޅި މައްސަލައެއް އެފްއޭމުން ބަލައި ފަހުންވަނީ އަޝްފާގާއި ނިއުރޭޑިއަންޓާއި ދެމެދު ވެފައި އޮތް އެއްބަސްވުން އެ އިދާރާއިން އުވާލައިފައެވެ.

2017 ވަނަ އަހަރުގެ އެފްއޭކަޕް ތައްޓާއެކު ދަގަނޑޭ އަދި އިމްރާން. މި ދެކުޅުންތެރިންނަށްވެސް މިދިޔަ އަހަރު މުސާރައިގެ މައްސަލަ ދިމާވި. ފޮޓޯ: ސަން އެމްވީ

ކޮންމެ އަހަރެއްގެ ސީޒަނެއް ނިމޭ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މުސާރައާ ގުޅޭ މައްއސަލަތައް ހުށަހަޅަން ކުޅުންތެރިންނަށް ފުރުސަތު ދީފައި އޮންނައިރު މިއަހަރު ވެގެންދާނެ ކަމަށް ބެލެވެނީ އެފަދަ މައްސަލަތައް އެންމެ ގިނަ އަދަދަކަށް ހުށަހަޅާނެ އަހަރަށެވެ. މުސާރައިގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މަހުގެ ތެރޭގައި އެފްއޭއެމުން ވަނީ މުސާރަދިނުމުގައި އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ކަނޑައަޅައިފައެވެ. މި އުސޫލުގައިވާ ގޮތުން ކުޅުންތެރިއަކަށް އެންމެ ގިނަ ވެގެންވެސް ދެވޭނީ އަހަރަކު ތިން ލައްކަ ރުފިޔާގެ މުސާރައެކެވެ. އެފްއޭއެމުން މި އެޅި ފިޔަވަޅާއެކު ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލައަށް މިހާރަށްވުރެ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

މުހިއްމު ބައެއް މުބާރާތްތައް ކެންސަލްކުރަންޖެހުން

މިދިޔަ އަހަރު ފުރަތަމަ މިކަން ކުރިމަތިވީ ސީޒަން ހަމަ ފެށި ތަނާއެވެ. 2009 ވަނަ އަހަރުން ފެށިގެން ސީޒަން ހުޅުވުމުގެ ގޮތުން ބާއްވަމުން އައި ޗެރިޓީ ޝީލްޑް މެޗް ކުޅެން މިދިޔަ އަހަރުގެ ކަލަންޑަރުގައި ކަނޑައެޅި ތާރީހް އައި އިރު ރާއްޖޭގައި އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެންމެ ފަހުން އެ ހާލަތު ދިގުލައިގެން ދިއުމާއެކު އެހެން މުބާރާތްތައް ބާއްވާ ތާރީހްތަކަށް ބަދަލު ގެންނަން ޖެހި ކްލަބްތަކަށް ދަތިވާނެ ކަމަށް ބަލައި އެ މެޗް ފަހުން ނުބާއްވާ ގޮތަށް ނިންމީއެވެ.

ދެން ކުރިމަތިވި އަނެއް މައްސަލައަކީ ދިވެހި ޕްރިމިއަރ ލީގް މާބޮޑަށް ދިގުލައިގެން ދިއުމެވެ. އެންމެ ބޮޑު އެއް ސަބަބަކަށް ދިމާވީ ސާފް ސުޒުކީ ކަޕްގައި ވާދަކުރި ގައުމީ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުން ދެމަހަށްވުރެ ގިނަ ދުވަހަށް ލީގް މެދުކަނޑާލައިފައި ބާއްވަންޖެހުމެވެ. ނަތީޖާއަކަށްވީ ރާއްޖޭގައި ބާއްވަމުންއައި އެންމެ ދުވަސްވީ އެއް މުބާރާތް ކަމަށްވާ އެފްއޭ ކަޕް ކެންސަލް ކުރަންޖެހުމެވެ. އަދި، ޑިސެމްބަރު މަސް އައިސް ޖެހުނު އިރުވެސް ދިވެހި ޕްރިމިއަރ ލީގް ނުނިމި އޮތުމާއެކު އެފްއޭއެމުން ކްލަބްތަކާ މަޝްވަރާ ކުރުމަށްފަހު ނިންމީ ޕްރެޒިޑެންޓްސް ކަޕް އަންނަ އަހަރަށް ލަސްކުރާށެވެ. މުސާރަ ނުދެވުމުގެ މައްސަލަތައް އިންތިހާއަށް ކުރިމަތިވި ސީޒަނެއްގައި ކްލަބްތަކަށްވެސް ރަގަޅީ އެގޮތް ކަމަށް ވާތީއެވެ.

ފުޓްބޯޅައިގެ އިހުގެ ރަސްގެފާނު ހާލުގައި ޖެހުން

މިދިޔަ އަހަރު އެއް ވަނަ ޑިވިޝަންގައި ވާދަކުރި ކްލަބްތަކުގެ ތެރެއިން ގިނަ ކްލަބްތަކަކަށް ބޮޑެތި މާލީ މައްސަލަތައް ކުރިމަތިވިއިރު އޭގެ އެންމެ ނުރަގަޅު އަސަރެއް ކުރިތަން ފެނުނީ ވިކްޓަރީންނެވެ. 1972 ވަނަ އަހަރު އުފެދި ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި ދެފަހަރަށް މިލްކް ކޮށްފައިވާ ވިކްޓަރީގެ ފަރާތުން މި ސީޒަންގައި ފެނުނީ ކްލަބްގެ މުޅި ތާރީހްގައިވެސް ތަޖްރިބާކުރި އެންމެ ލަދުވެތި މަންޒަރުރުތަކެވެ. ކުޅުންތެރިން ހަމަ ނުވުމުގެ ސަބަބުން މި ދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ޓީސީ އާ ދެކޮޅަށް ކުޅެން އޮތް މެޗާއި އޭގެ ފަހުން ދެ ވަނަ ބުރުގައި އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ހާޒިރުވެފައެއް ނުވެއެވެ. އޭގެ ފަހުން ނިލަންދޫއާ ދެކޮޅަށް ވިކްޓަރީއިން ކުޅުނު މެޗެއްގައި ބެންޗުން އަރުވާނެ ކުޅުންތެރިއަކު ނެތިގެން އެޓީމަށް ޖެހުނީ ބަދަލު ގޯލް ކީޕަރު ކުޅެން އަރުވާށެވެ.

 

ވިކްޓްރީ މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓާއި ކުޅުނު މެޗެއްގެ ތެރެއިން. މުސާރައިގެ މައްސަލައިގައި ދިވެހި ލީގުގެ ދެ މެޗަކަށް އެޓީމުން ހާޒިރު ނުވުން ވެގެންދިޔައީ ފުޓްބޯޅައަށް ލިބުނު ލަދަކަށް.

ވިކްޓަރީ ހާލަތު މިހާ ގޯސް ހިސާބަކަށް ދިއުމުގެ ހަމައެކަނި ސަބަބަކީ މާލީ ހާލަތު ދަށްވުން ނޫން ކަމަށާއި، އެއީ ޓީމް ރަގަޅަށް ނުހިންގުމުގެ ސަބަބުން ކުރިމަތިވި ހާލަތެއް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކުރިން ވިދާޅުވެފައެވެ. ވިކްޓަރީ އަށް ބޮޑެތި މައްސަލަތަކެއް ދިމާވެ  ކްލަބް އެންމެ ހާލުގައި ޖެހުނު ދަނޑިވަޅުގައި އޭރު އެ ކްލަބްގެ ޗެއާމަނަކަށް ހުންނެވި ރައްޔިތުންގެ މަޖްލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ވައިސް ޗެއާމަންގެ މަގާމް ފުރުއްވަމުން ގެންދެވި ރައްޔިތުންގެ މަޖްލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެކަމަކު އާ އަހަރަކާއި ކްލަބް ކުރިމަތިލައިފައި މިވަނީ އަނެއްކާވެސް އުއްމީދުތަކަކާއެކުއެވެ. މިއީ އޭގެ ތަފްސީލަށް ދާން އެންމެ މުނާސަބު ފުރުސަތެއް ނޫނެވެ.

ދިވެހި ފުޓްބޯޅަ ބަދަލުކޮށްލި ކްލަބް ވެލެންސިޔާ ރެލިގޭޓްވުން

ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް އެންމެ ބޮޑު ހައިރާންކަމެއް މިދިޔަ އަހަރު ގެނުވި އެއް ހަބަރަކަށް ކްލަބް ވެލެންސިޔާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުން ވާނެއެވެ. މީގެ ގާތްގަނޑަކަށް 40 އަހަރު ކުރިން އުފެދުނު ކްލަބް ވެލެންސިޔާގެ ތާރީހްގައިވެސް މިހިސާބަށް ކްލަބް ވެއްޓުނު މިއީ ފުރަތަމަ ފަހަރެވެ. އަށްޑިހައިގެ އަހަރުތަކާއި ހަމަޔަށް ރާއްޖޭގައި ކުޅެމުންއައި ރަސްމީ  ބޮޑު ބޯޅަ ހަމަ ބިމުގައި ބާއްވައިގެން ރީތި ޕާސިން ގޭމެއް ފުރަތަމަ ކުޅެން ފެށި ވެލެންސިޔާއަކީ ރެލިގޭޓް ވިއެއްކަމަކު ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުން ނުފޮހެވޭނެ ނަމެކެވެ. މާލޭގެ ވަކި އަވަށަކަށް ނިސްބަތް ނުވިއަސް ކްލަބް އުފެދުނީއްސުރެ ކްލަބް ލޯބި ދިވެހި ފުޓްބޯޅައިން ފަނޑުވުމާ ހަމަޔަށްވެސް އެންމެ ގިނަ ޒުވާނުން ސަޕޯޓްކުރި ޓީމަކީ އެއީއެވެ. މަހަކު 7500 ރުފިޔާގެ މުސާރައަކަށް އޭރު ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ މޯނިންގްސަން މޫސާ މަނިކް (ކުޑަ މޫސަ) ގެންދިއުމުގެ އިތުރުން ރާއްޖޭގެ އޭރު ތިބި މޮޅު އެތައް ކުޅުންތެރިންނެއް މުސާރައަށް ގެންގޮސް މުޅި ދިވެހި ފުޓްބޯޅައިގެ ހިންގުމުގެ ވައްޓަފާޅި ބަދަލުކޮށްލީވެސް ވެލެންސިޔާއިންނެވެ. އެކަމަކު މިފަހުން މާލީ ބޮޑެތި މައްސަލަތައް ކުރިމަތިވަމުން އައިސް ކްލަބް ހީނަރުވެ އެންމެ ފަހުން ދެ ވަނަ ޑިވިޝަނަށް ވެއްޓުނީ އެވެ.

 

ވެލެންސިއާ ޓީމު މީގެ އަހަރުތަކެއް ކުރިން ކާމިޔާބީ ހޯދުމަށްފަހު. ފުޓްބޯޅަ ބަދަލުކޮށްލި ޓީމު މިދިޔަ އަހަރު ވަނީ ރެލިގޭޓް ވެފަ.

ކްލަބް ވެލެންސިޔާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ މިދިޔަ އަހަރުގެ މާލޭ ލީގައި އެންމެ ފުލަށް ދިޔަ ދެ ޓީމް ގެ ތެރޭގައި ހިމެނި ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށް ކުޅުނު ދެ މެޗުން 2-4 ގެ އެގްރިގޭޓް ނަތީޖާއިން ބަލިވެގެންނެވެ. އަންނަ އަހަރު ދެވަނަ ޑިވިޝަނުން ވެލެންސިޔާ ފެނިދާނެތޯ ކުރެވޭ ސުވާލު އަދި އޮތީ ޖަވާބެއްގެ އިންތިޒާރުގައެވެ. ބަލަން ތިބެމާ ހިނގާށެވެ.  

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *