ފާގަސަން އަލުން ޔުނައިޓެޑްގެ ޕްރެކްޓިހަށް

Advertisement

ފާގަސަން އަލުން ޔުނައިޓެޑްގެ ޕްރެކްޓިހަށް

ޢަބްދުﷲ އަޝްރަފް
ފާގަސަން ޔުނައިޓެޑަށް އިރުޝާދު ދިން ދުވަސްވަރު މިހާރުގެ ކޯޗު ސޯލްޝެއާއެކު.

މެންޗެސްޓަރ ޔުނައިޓެޑްގެ ތާރީހް ދުށް އެންމެ ކާމިޔާބު ކޯޗް ސަރ އެލެކްސް ފާގަސަން ގިނަ ދުވަސްތަކަކަށްފަހު ޓީމްގެ ފަރިތަކުރުންތައް ބާއްވާ ދަނޑަށް ޒިޔާރަތްކޮށްފިއެވެ. މިހާރު އުމުރުން 77 އަހަރު ފުރިފައިވާ ފާގަސަން މިދިޔަ ހޮނިހިރު ދުވަހު ކެރިންގްޓަން އަށް މިކުރި ޒިޔާރަތުގައި ޔުނައިޓެޑްގެ ކޯޗްކަމާ މިހާރު ހަވާލުވެ ހުރި އަދި ކުރިން ކްލަބަށް ކުޅެފައިވާ އޮލެ ގުނަ ސޯލްޝެއާ އާއި ވަނީ ބައްދަލުކޮށްފައެވެ.

2013 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗް ކަމުން ފާގަސަން އިސްތިއުފާ ދިން ފަހުން އެ މަގާމާއި ހަވާލުވި ޑޭވިޑް މޯޔެސް އާއި ލުއި ވެން ހާލް ގެ ދުވަސްވަރު އޭނާ ޔުނައިޓެޑްގެ ފަރިތަކުރުންތައް ބާއްވާ ތަނަށް އެންމެ ފަހަރަކުވެސް ގޮސްފައެއް ނުވެއެވެ. އެކަމަކު އެންމެ ފަހުން ޔުނައިޓެޑްގެ ކޯޗް ކަމުން ވަކިކުރި ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ ދައުވަތު ދީގެން އޭނާ ކޯޗްކޮށްދިން އިރު ކުޅުންތެރިން ފަރިތަކުރާތަން ބަލާލަން ފާގަސަން ދިޔައެވެ.

“އޭނަ އައިސް ކޯޗިންގް ސްޓާފުންނާއި ވާހަކަ ދައްކައި އަހަރެމެންނަށް ހިތްވަރުދިން.” ފަރިތަކުރުންތައް ބާއްވާ ދަނޑަށް ފާގަސަން ކުރި ޒިޔާރަތާ ގުޅޭގޮތުން ވާހަކަދައްކަމުން ސޯލްޝެއާ ބުންޏެވެ.

ފާގަސަންގެ ކޯޗްކަމުގެ ދަށުން ސޯލްޝެއާ ޔުނައިޓެޑާ ގުޅުނީ 1996 ވަނަ އަހަރުއެވެ. އޭގެ ފަހުން ޔުނައިޓެޑްގައި ހުރެ ސޯލްޝެއާ ވަނީ އެއް ފަހަރު ޗެމްޕިއަންސް ލީގް ހޯދުމުގެ އިތުރުން ޕްރިމިއަރ ލީގް ހަ ފަހަރަށް ހޯދައި އެފް އޭ ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފައެވެ.

ސަރ އެލެކްސް ފާގަސަން އަކީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހް ދުށް އެންމެ ކާމިޔާބު ކޯޗެވެ. ފާގަސަން ވަނީ މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރި 26 އަހަރު ދުވަހުގެ ތެރޭގައި 38 ތަށި ހޯދައިފައެވެ. އޭގެތެރޭގައި 13 ޕްރިމިއާ ލީގާއި ދެ ޗެމްޕިއަންސް ލީގު ހިމެނެއެވެ. 2013 ވަނަ އަހަރު ފާގަސަން ޔުނައިޓެޑް ދޫކޮށްލި ފަހުން އެޓީމަށް އަދި ލީގު ތަށީގައި އަތްލެވޭ ގޮތެއް ނުވެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅު ވަނީ ސިކުނޑިއަށް ކުރިމަތިވި ސިއްހީ މައްސަލައަކާއި ގުޅިގެން ފާގަސަން ވަނީ ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. އަދި އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގެ އައިސީޔީގައިވެސް ފާގަސަންއަށް ފަރުވާ ދީފައިވެއެވެ. 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *