ގޯލްކީޕަރުން ތަމްރީނު ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެފްއޭއެމް އިން ރަނުގެ ފުރުސަތެއް

Advertisement

ގޯލްކީޕަރުން ތަމްރީނު ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެފްއޭއެމް އިން ރަނުގެ ފުރުސަތެއް

ޢަލީ ޝަހީމް

ގޯލްކީޕަރުން ތަމްރީނު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގޯލްކީޕިން ކޯޗިން ސެޓްފިކެޓް ކޯހެއް ފަށަން ތައްޔާރުވެއްޖެ އެވެ. ފަސް ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެފްއޭއެމް އިން ވަނީ ޒުވާން ކީޕަރުންނަށާއި، ގޯލް ކީޕަރުންގެ ކޯޗުން އަދި ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ކޯހުގައި ބައިވެރިވުމުގެ ފޯމު އެފްއޭއެމް ހައުސް އިން ލިބޭއިރު މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ކޯހުގައި ތަމްރީނު ދެއްވާނީ އޭއެފްސީގެ ތަޖުރިބާކާރު ގޯލްކީޕިން އިންޓްރަކްޓަރެކެވެ.

ޓުވާޑްސް ފިއުޗާގެ ދަށުން އެފްއޭއެމް އިން ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ގިނަ ހަރަކާތްތަކެއް މި އަހަރަށްވެސް ވަނީ ޝެޑިއުލް ކޮށްފައެވެ. ދިވެހި ގޯލްކީޕަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރާއްޖޭގައި ވަރަށް އަވަހަށް ގޯލްކީޕަރުންނަށް ހާއްސަ އެކަޑެމީއެއް އުފައްދާނެކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ އަހަރު ވަނީ ވިދާޅުވެފައެވެ.  ބައްސާމް ވިދާޅުވީ ކީޕަރުންގެ އެކަޑެމީއެއް ފެށްޓުމަށްޓަކައި މިހާރު ހުރިހާ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އެކަޑެމީ ހިންގުމުގައި އިސްކޮށް ހުންނާނީ ގައުމީ ޓީމުގެ ގޯލް ކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް ކަމަށެވެ. މި އެކަޑެމީ އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެއްވަނަ ޑިވިޝަން ކްލަބްތަކުގައި ދިވެހި ކީޕަރުން ބޭތިއްބުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

“ކީޕަރުންގެ އެކަޑެމީއެއް ފެށްޓުމަށްޓަކާ މިހާރު ހުރިހާ މަސައްކަތެއް ކުރެވެމުން ދަނީ. މީގަ އިސްކޮށް ހުންނާނީ އަޅުގަނޑުމެންގެ ނޭޝަނަލް ޓީމު ގޯލް ކީޕަރު އަސްލަމް. 2020 ވަނަ އަހަރުގެ ސީޒަންގައި ތިބޭނީ ދިވެހި ކީޕަރުން. އަޅުގަނޑުމެން މިއަންނަ އަހަރު ދޫކޮށްލާފަ 2020 ވަނަ އަހަރު އެއްވެސް ބޭރު ގޯލް ކީޕަރަކަށް ވަކި މުއްދަތަކަށް ރެޖިސްޓަރ ނުވެވޭ ގޮތް ހަދާނަން” ބައްސާމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް މިފަހަރުގެ ތަޖުރިބާ އަޅުގަނޑަށް ހީވަނީ ހުރިހާ އެންމެނަށްވެސް އެނގޭނެ ކަންނޭނގެ. ފައިސަލް ފުރުސަތު ލިބިގެން ދިޔަ ވަރަކުން ފެނިގެން ދިޔައީ ވަރަށް ތަފާތު ގޯލް ކީޕަރެއްގެ ގޮތުގައި. އޭގެ ނަތީޖާއަކަށް ވެގެންމިދިޔައީ އަޅުގަނޑުމެން ތަށި ކާމިޔާބު ކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެއް ފަރާތަކީ ފައިސަލް. އެއާއެކީގައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ފައިސަލް” ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދެއްކި މުހައްމަދު ފައިސަލަށް ތައުރީފް ކުރަމުން ބައްސާމް ވިދާޅުވިއެވެ.

ރާއްޖެއަށް ގޯލްކީޕަރުންގެ މުހިއްމުކަން ބޮޑުވެފައިވާއިރު މިހާތަނަށް އުފުދެނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ މިދިޔަ އާދިއްތަ ދުވަހުގެރޭ ރަސްމީކޮށް ގައުމީ ޓީމަށް ކުޅުނު ހުއްޓާލައިފައެވެ. 9199 ވަނަ އަހަރުން ފެށިގެން އިމްރާން ވަނީ މެދުކެނޑުމެއްނެތި 17 އަހަރުވަންދެން ގައުމީ ޓީމުގެ ގޯލު ބަލަހައްޓައިފައެވެ.

ބިދޭސީ ކީޕަރުންނަށް 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުޅުމުގެ ފުރުސަތު ލިބިގެންނުދާއިރު، އެއްވަނަ ޑިވިޝަނުގެ ކްލަބްތަކަށް ވަނީ ދިވެހި ކީޕަރުން އުފައްދައި 2020 ވަނަ އަހަރާއި ހަމައަށް އެ ކުޅުންތެރިންގެ ބޭނުން ކުރުމަށް މުއްދަތެއް ދީފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *