ނިލަންދޫގައި 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެއް ފަށައިފި
ފ. ނިލަންދޫ ޖަމިއްޔަތުއް ޝަބާބުން އިންތިޒާމުކޮށް އެރަށުގައި މީލާދީ އާ އަހަރަށް މަރުހަބާ ކިއުމުގެ ގޮތުން 14 ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ފުޓްބޯޅަ މުބާރާތެއް އިއްޔެ ފަށައިފިއެެވެ. އެރަށުގެ ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތް އަތޮޅުގެ ރަށްތަކަށް ހުޅުވާލި ނަމަވެސް މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ނިލަންދޫގެ ހަތަރު ޓީމަކުންނެވެ.
ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންުޗްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތް ޝަރަފްވެރި ކޮށްދެއްވީ އެރަށުގެ ބޭންކް އޮފް މޯލްޑިވްސް އޮފީހުގެ މެނޭޖަރ އަހުމަދު ރައުޝާން އެވެ. މުބާރާތް ފެށުމުގެ ރައްމިއްޔާތުގައި ދާދިފަހުން ރޮކްސްޓްރީޓަށް ތިން ވަނަ ޑިވިޝަން ކާމިޔާބުކޮށްދިން ކޯޗު އެރަށަށް އުފަން ފަރުހާދު އިސްމާއީލް (ފަރޭ) އާއި ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރި ނިލަންދޫ ޓީމުގެ ކެޕްޓަން އަހުމަދު އަލީ (ކޭޑީ) އަދި އެރަށުގައި އެއް ފެންވަރެއްގައި ގިނަ ދުވަހު ފުޓްބޯޅަ ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ އަމްޖަދު އަލީ (އަމްޖޭ) އަދި ޝަބާބު ޖަމިއްޔާގެ ރައީސް އަލީ ވަހީދު ވެސް ވަނީ ބައިވެރިވެފައެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވި ހަތަރު ޓީމަކީ އެސްޖީސީ ސްޕޯޓްސް އާއި ޖަސްޓް ފޯ ފަން، އެސްޖީ ޖޫނިއާސް އަދި އެސްސީ ފަހުލަވާން ޓީމެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އެސްޖީސީ ސްޕޯޓްސް އާއި ޖަސްޓް ފޯ ފަން އެވެ. މި މެޗުގެ 12-1 އިން އެސްޖީސީ ސްޕޯޓްސް ކާމިޔާބު ކުރިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެސްޖީސީގެ ނަބްހާން އިބްރާހީމް އެވެ. ދެ ވަނަ މެޗުގައި އެސްޖީ ޖޫނިއާސް އާއި އެސްސީ ފަހުލަވާލުން ބަައްދަލުކުރި މެޗު 11-1 އިން ކާމިޔާބުކުރީ ފަހުލަވާން ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަހުލަވާނުގެ ޓީމުގެ ރަޒާން އިބްރާހީމް އެވެ.
މުބާރާތުގެ ފައިނަލަށް ދަތުުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު ކުުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
Advertisement
Leave a Reply