އަންހެނުންގެ ވޮލީ ފައިނަލްގައި މަންތާ ކުއީން އާއި ފަހެލި ވާދަކުރަނީ

ގއ، ނިލަންދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށް އެރަށުގެ އަންހެނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީ މުބާރާތުގެ ފައިނަލްގައި މަންތާ ކްއީން އާއި ފަހެލި ބައްދަލުކުރާ ގޮތަށް ހަމަޖެހިއެއްޖެއެވެ. ކައުންސިލް ވިލާގިއޯ ވޮލީ ޗެލެންޖް 2018 ގެ ނަމުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ނިލަންދޫ ރަސްމީ ވޮލީ ކޯޓްގައެވެ.
ހަތަރު ޓީމަކުން ވާދަކުރި މި މުބާރާތުގެ ފައިނަލަށް މަންތާ ކްއީން ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާގޮތަށް މުބާރާތް ރާވައިފައި އޮތް އިރު ދެ ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކުރި ފަހެލި ބަލިވެފައިވަނީ ހަމައެކަނި މަންތާ ކްއީން އަތުންނެވެ.
މަންތާ ކްއީން އާއި ފަހެލިގެ އިތުރުން މި މުބާރާތުގައި ދެން ވާދަކޮށްފައިވަނީ ސުޕަރ ގާލްސް އާއި އަނގަލަވާ އެވެ. ނިލަންދޫގެ އަންހެނުންގެ ކިބައިގައި ވޮލީ ކުޅުމުގެ ޝައުގުވެރިކަން އިތުރުކޮށް ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއް ރަށުގެ އަންހެނުންނަށް ހޯދައިދިނުމަށް މަގުފަހި ކުރުމުގެ ގޮތުން ކައުންސިލުން އިންތިޒާމްކޮށްގެން މިފަދަ މުބާރާތެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
Advertisement


Leave a Reply