ދިވެހި މަސްވެރިންގެ ފުޓްބޯޅަ ދަނޑު، ކަނޑުމަތީގައި

ފުޓްސަލް ދަނޑު ހަދައިފައިވާ ދޯނި ކަނޑުމަތީގައި. ފޮޓޯ: ދިވެހި މަސްވެރިން

ކުޅިވަރުގެ ވަސީލަތްތަކުގެ ތެރެއިން މިފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެ އާއްމުވި އެކައްޗަކީ ފުޓްސަލް ދަނޑުތަކެވެ. ބޭރުގެ މެޗްތައް ޓީވީން ބަލާއިރު ނޫނީ ނުފެންނަ އެކި ޑިޒައިންތައް އެކުލެވޭ ޓާފް އެޅި ދަނޑުތަކާއެކު ޒުވާނުންނަށް ލިބުނު އުފާވެރިކަން ބޮޑެވެ. އެއާއެކު އޭގެ ބޭނުން ހިފައި ބައެއް ޒުވާނުން ފެށީ އެމީހުންގެ ހުނަރު ތަރައްގީ ކުރާށެވެ. އަނެއް ބަޔަކު އެމީހުންގެ އެކުވެރިންނާއެކު މުނިފޫހިފިލުވާލާށެވެ. އެމީހުންގެ ތެރޭގައި ވަރަށް މަދު ފަހަރެއްގައި ނުނީ ނުހިމެނޭނެ އެއްބަޔަކީ ޔަގީނުންވެސް މަސްވެރިންނެވެ. ފުޓްބޯޅަ ކުޅޭ ހިތް އެމީހުންގެ ނެތީމައެއް ނޫނެވެ. ރަށުގައި މަޑުކޮށްގެން ހުރެވެން އެމީހުންނަށް ނެތީއެވެ.

މަސްވެރިކަމަށް ނުކުންނަ ޒުވާނުން އިތުރުވަމުން އަންނަ އިރު އޭގެ ތެރޭގައި ފުޓްބޯޅައަށް ވަރަށް ލޯބިކުރާ ކުދިން މަދެއްވެސް ނޫނެވެ. މަސްވެރިކަމުގައި ބޭނުންކުރަމުންއައި ދޯނި ފަހަރަށް ބޮޑެތި ބަދަލުތަކެއް އައިސް ދޯނީގައި ގިނަ ބޭނުންތަކެއް ފުއްދެން ހުރިއިރު އެކުދިންނަށް ގަބޫލުކުރެވުނު އެއް ކަމަކީ ފުޓްބޯޅަ ކުޅެވޭނެ ގޮތެއްވެސް ދޯނީގައި ހަމަޖެހެން ވާނެކަމެވެ. އެ ވިސްނުމާއެކު ފެށި މަސައްކަތް އެންމެ ފަހުން ދިވެހި މަސްވެރިން މިވަނީ ހަގީގަތަކަށް ހަދައިފައެވެ. އެންމެ ހެޔޮވަރުގެ ފުޓްސަލް ދަނޑަކަށް ނުވިޔަސް ދޯނީގެ ނިސްބަތުން ކަނޑުމައްޗަށް ހެޔޮވަރު ދަނޑެއް ހަދައި މިހާރު އެދަނޑުގައި ކުޅެންވެސް ފެށީއެވެ.

“މިކަމުގެ ވިސްނުން އައި އެއް ސަބަބަކީ ފުޓްބޯޅަ ކުޅޭ ހިތް އެހާ ވޭ. އެކަމަކު މަހަށް ދިއުމުގެ ސަބަބުން އެކަން ގިނަ ފަހަރަށް އޮންނަނީ ނުވެފަ. އެހެންވީމަ ބޭނުންވީ މަސް ދޯނި ތެރޭގަވެސް މިކަން ފަށަން. މިހާރު މިތިބަ ޒުވާނުންވެސް ބޭނުންވާނެ ހަފްތާއަކު ދެތިން ފަހަރު ކުޅެލަން މިހެން ހުސްކޮށް ތިބޭއިރު. އެހެންވީމަ މިހާރު ބޭނުންވަނީ މަހަށް ގޮސް އުޅެމުންވެސް މިކަން ކުރަން.” ދަނޑު ތައްޔާރުކުރުމުގެ ހިޔާލު އުފަންކޮށް އެކަމުގެ އަމަލީ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރި އުމުރުން އެންމެ 20 އަހަރުގެ ހަސަން ސާޖިން ބުންޏެވެ.

ދޯނިގައި ހެދި ދަނޑުގައި މަސްވެރިން ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން. ފޮޓޯ: ދިވެހި މަސްވެރިން

މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކުރުވައި ދޮށީގެ މަސްވެރިކަން ކުރިއެރުވުމުގެ މަގްސަދުގައި ހިންގަމުން އަންނަ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ “ދިވެހި މަސްވެރިން” އެ ޖަމިއްޔާ އަށް ނިސްބަތްވާ ބައެއް މެންބަރުން މަހަށް ދާ ދޯނީގައި މިދިޔަ މަހުގެ ތެރޭގައި ދަނޑެއް ހެދީ ކާޕެޓް އަޅައިގެންނެވެ. މަސް ދޯނީގެ ހުރަހަށް ވާ ގޮތަށް ޑެކް މަތީގައި ތައްޔާރުކޮށްފައިވާ 27 ފޫޓް 15 ފޫޓްގެ މި ދަނޑު ބަލާލަންވެސް ހިތްގައިމެވެ. ފުޓްސަލް ދަނޑެއްގައި ހުންނަ ހުރިހާ ރޮނގެއް ފާހަގަވާ ގޮތަށް ދަނޑު ކުރަހާފައި އޮތް އިރު ދެކޮޅުގައި ކުޑަ ދެ ގޯލް ހުރެ އެވެ. އޭގެ އިތުރުން ކުޅޭ ގަޑިތަކުގައި ދަނޑުގެ ދެ ކޮޅުގައި ބޯޅަ ދޯނިން ބޭރަށް ނުދާނެހެން ދާގަނޑެއް ހަރުކޮށްފައި ހުރެއެވެ.

“ދިވެހި މަސްވެރިން” ޖަމިއްޔާ ގެ ހިންގާ ކޮމިޓީގައިވެސް އިސްކޮށް ހަރަކާތްތެރިވާ ގެމަނަފުށްޓަށް އުފަން ޒުވާން މަސްވެރިޔާ ހަސަން ސާޖިން ގަބޫލުކުރާ ގޮތުގައި މި ދަނޑުގެ ސަބަބުން ޒުވާނުންގެ ހިތުގައި މަސްވެރިކަމަށް ލޯބި ޖެހުން އިތުރުވެ އެ މަސައްކަތާ ދޭތެރޭ ދެކޭގޮތް ބަދަލުވާނެއެވެ.    

“ގިނަ ފަހަރަށް މަސްވެރިން މި ތިބެނީ ސަތޭކަ ދިހަވަރަކަށް ފޫޓް ނުވަތަ ސަތޭކަ ފަނަރަވަރަކަށް ފޫޓް ދޯންޏެއްގެ ތެރޭގަ ގިނަ ފަހަރަށް މި ތިބެނީ ފްރީކޮށް. އެހެންވީމަ ބޭނުންވަނީ މީހާ ހެލްތީ ކޮށް ހުންނަން ތަންކޮޅެއް ފޮރެޝްކޮށް ނޫނީ ކަސްރަތުކޮށްލާފަ މީހާ ފިޓްކޮށް ހުންނަން.” ޒުވާނުންގެ ހިތުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސާޖިން ބުންޏެވެ.

ދޯނިގައި ކުޅުނު ތްރީ އޮން ތްރީ މެޗުގެ ތެރެއިން. ފޮޓޯ: ދިވެހި މަސްވެރިން

“ދިވެހި މަސްވެރިން” އަކީ “ގެމަނަފުށި މަސްވެރިން” ގެ ނަމުގައި ފުރަތަމަ އުފެދި މިފަހަކަށް އައިސް ދިވެހިންގެ މެދުގައި ބޮޑު މަގްބޫލްކަމެއް ހޯދައިފައިވާ ޖަމިއްޔާ އެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު “ގެމަނަފުށި މަސްވެރިން” ގެ ނަމުގައި އުފެއްދި ޖަމިއްޔާ އާ އަހަރާއެކު ރީބްރޭންޑްކޮށް “ދިވެހި މަސްވެރިން” ގެ ނަމަށް ބަދަލުކޮށްފައިވާއިރު ޖަމިއްޔާގެ އަމާޒުތައް ގުޅިފައިހުރީ ޒުވާނުންނާއެވެ. ވެބްސައިޓް މެދުވެރިކޮށް ޖަމިއްޔާގައި ރަޖިސްޓްރީވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައިވާ މި ޖަމިއްޔާގެ ރީބްރޭންޑް ކުރުމާ ގުޅުވައިގެން ބޭއްވި އެންމެ މުހިއްމު އެއް ހަރަކާތް އޮތީވެސް ދޯނީގައި އެންމެ ދިހަ ވަރަކަށް މިނެޓް ތެރޭ ރާވާލެވޭ ގޮތަށް ހަދައިފައިވާ ދަނޑުގައެވެ. ތްރީ އޮން ތްރީ އުސޫލުން ކުޅުނު މެޗް ފެނުނީވެސް ވަރަށް ރަސްމީ މެޗެއްގެ ގޮތުގައެވެ. މެޗް ފެށުމުގެ ކުރިން ދެ ޓީމް ދަނޑުގެ ކުރިމަތީގައި އެތުރި އެއް ޓީމްގެ ކުޅުންތެރިންނާއި އަނެއް ޓީމްގެ ކުޅުންތެރިން ސަލާމްކުރިއެވެ. މެޗަށް އިންސާފް ކުރަން ރެފްރީ އެއް ހުއްޓެވެ. ދެޓީމް ތިބީ އެއް ބަޔަކު އަނެއް ބަޔަކާ ވާ ގޮތަށް ދެ ކުލައިގެ ޖޯޒީގައެވެ. ކަނޑު މަތީގައި ކުޅޭ މެޗެއްހެން ހީވެސް ނުވެއެވެ.   

“މިއީ ހަމަ ވަރަށް ރަގަޅު ކަމެއް މަސްދޯނި ތެރޭގަ ކުރަން. އެއީ އަހަރެމެން އެން ނުލިބި ތިބޭއިރު މުނިފޫހިފިލުވުމަށް ކުރަން ވަރަށް ފައްކާ ކަމެއް މިއީ. އަނެއްކާ ކޮންމެ މަސްވެރިއަކީ ފިޓްކޮށް ހުންނަންޖެހޭނެ މީހެއް. އެހެންވީމަ ފިޓްކޮށް ހުންނަން އަހަރެމެން ކުރަންޖެހޭ ކަމެއް މިއީ.” މެޗްގައި ބައިވެރިވި އުމުރުން 24 އަހަރުގެ ޢަލީ ނާއިލް ބުންޏެވެ.

މަސް ދޯނީގައި ފުޓްބޯޅަ ކުޅޭ ގޮތަށް ދަނޑެއް ހެދުމުން އުފާވެރިކަން ލިބުނީ ހަމައެކަނި އެ ދޯނިމަހަށް ދާ ޒުވާނުންނަށް އެކަންޏެއް ނޫނެވެ. 

“އުއްމީދެއްވެސް ނުކުރަން މަސް ދޯންޏެއްގެ ތެރޭގަ މިކަހަލަ ފުރުސަތެއް ލިބިދާނެ ކަމަކަށް. ދެން މިކަހަލަ ފުރުސަތެއް ލިބުނީމަ ވަރަށް އުފާވެސްވި. އަދި ކުޅުނީމަ ވަރަށް ވަރުބަލިވެސްވި.” ދަނޑު ތައްޔާރުކޮށްފައިވާ ދޯނީގައި މަހަށްދާ އުމުރުން 52 އަހަރުގެ އަހްމަދު ސައީދު ބުންޏެވެ.

ކޮންމެއަކަށް މަސް ދޯންޏެއްގައި ދަނޑެއް ހަދައިގެން ފުޓްބޯޅަ ކުޅެން އަދި ކިރިޔާ މި ފެށީއެވެ. މުސްތަގްބަލްގައި މިއަށްވުރެ ފެންވަރު ރަގަޅުކޮށް ދަނޑުތައް ދޯނީގައި ހަދައި މާ ފޯރިއާއެކު ފުޓްބޯޅަ ކުޅޭ މަންޒަރަކީ ނުފެންނާނެ މަންޒަރެކޭ މިހާރު ބުނެވޭކަށް ނެތެވެ.    

avatar