ބަންދުން ވީއްލުނު ދުވަހު ނަސްރީ ވެސްޓް ހޭމް އަށް ސޮއިކޮށްފި
އިނގިރޭސި ކްލަބް އާސެނަލުން ވިދާލި ފްރާންސްގެ މިޑްފީލްޑަރު ސާމިރު ނަސްރީ މަނާބޭހަށް ޕޮޒިޓިވްވުމުން ދީފައިވާ 18 މަސްދުވަހުގެ ސަސްޕެންޝަން ނިމުމާއެކު އިނގިރޭސި ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ސޮއިކޮށްފި އެވެ. ނަސްރީ ވެސްޓް ހޭމްއަށް ސޮއިކުރިއިރު އޭނާގެ މައްސަލަ ބަލަމުން ގެންދިޔަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ދީފައިވާ ސަސްޕެންޝަނުގެ މުއްދަތު ހަމަވީ މިއަދު އެވެ.
18 މަސް ދުވަހަށް ނަސްރީ ސަސްޕެންޑް ކުރަން ނިންމީ މެންޗެސްޓަރ ސިޓީ އިން ލޯނު އެއްބަސްވުމެއްގެ ދަށުން 16-2017 ވަނަ ސީޒަނުގައި ސްޕެއިންގެ ސެވިއްޔާ އަށް ކުޅުނުއިރު، ވޯލްޑް އެންޑިޑޯޕިން އެޖެންސީ (ވާޑާ) އިން މަނާ ބޭހެއްގެ ގޮތުގައި ލިސްޓު ކޮށްފައިވާ ބޭހެއް މަލްޓި ވިޓަމިން ތެރެއަށް އަޅައިގެން ބޭނުންކުރުމުންނެވެ.
2016 ވަނަ އަހަރުގެ އޮގަސްޓް މަހު ނަސްރީގެ ސަސްޕެންޝަން ދަމަހައްޓަން ނިންމައިފައިވާއިރު އޭނާގެ އަދަބު ފެށީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހު އެވެ. ނަސްރީ ވެސްޓް ހޭމް އަށް ސޮއިކުރިއިރު އޭނާގެ ސަސްޕެންޝަނުގައި ހުރި ދުވަސްވަރު ވެސްޓް ހޭމް އާއެކު މެޑިކަލް ހެދިކަމަށް އޭރު މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.
ނަސްރީ އެންމެ ފަހުން ކުޅެފައިވަނީ ތުރުކީގެ އަންތަލިޔަސްޕޯ އަށެވެ. މިދިޔަ އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހުން ފެށިގެން އެއްވެސް ކްލަބަކަށް ނަސްރީ ކުޅެފައިނުވާއިރު ވެސްޓް ހޭމް އާއެކު ނަސްރީ އެއްބަސްވުމަކަށް އައީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު ވެސްޓް ހޭމް އިން ބޭނުންވެއްޖެ ނަމަ ނަސްރީގެ ކޮންޓްރެކްޓް އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކުރެވޭނެއެވެ.
ފްރާންސްގެ މާސޭ އިން ފުޓްބޯޅަ ކެރިއަރު ފެށި ނަސްރީ އެންމެ ބޮޑަށް ފާހަގަ ކުރެވުނީ 2008 ވަނަ އަހަރު އާސެނަލާއި ގުޅުނު ހިސާބުންނެވެ. އެ ކްލަބުގައި ހޭދަކުރި ތިން ސީޒަނުުގައި 215 މެޗު ކުޅެދިނުމަށްފަހު 25 މިލިއަން ޕައުންޑަށް ނަސްރީ 2011 ވަނަ އަހަރު ބަދަލުވީ މެންޗެސްޓަރ ސިޓީ އަށެވެ. ސިޓީގައި ހޭދަކުރި ހަ ސީޒަނުގައި ނަސްރީ ވަނީ ދެ ޕްރިމިއާ ލީގާއި ލީގު ކަޕް ކާމިޔާބު ކޮށްފައެވެ. ނަސްރީ ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ސެވިއްޔާއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއަށްފަހު ނަސްރީ ބަދަލުވީ ތުރުކީގެ އަންތަލިޔަސްޕޯ އަށް ބަދަލުވީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
އާސެނަލާއި ސިޓީގައި ހޭދަކުރި މުއްދަތުގައި ނަސްރީ ވަނީ 302 މެޗު ކުޅެ 54 ގޯލު ޖަހައިފައެވެ. އަދި، 56 ގޯލުޖަހަން މަގުފަހިކޮށްދިންއިރު އެއް ފަހަރު ލީގުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ނަސްރީ ހިމެނިފައިވެއެެވެ.
ވެސްޓޭ ހޭމް އަށް ބަދަލުވުމަށްފަހު ނަސްރީ ބުނީ އަލުން ޕްރިމިއާ ލީގަށް އާދެވުމަކީ އޭނާއަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.
“ޓީމުގައި ހުރީ އަހަރެން ދަންނަ މެނޭޖަރެއް. އަދި މި ޓީމަކީ ވަރުގަދަ އަޒުމެއް އޮތް ޓީމެއް. އެންމެ ވަރުގަދަ ލީގަށް އަނބުރާ އާދެވުމަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ކަމެއް” ވެސްޓް ހޭމް އަށް ބަދަލުވުމަށްފަހު ދިން އިންޓަވިއުއެއްގައި ނަސްރީ ބުންޏެވެ.
މިހާރު ވެސްޓް ހޭމްގެ ކޯޗެއްގެ ގޮތުގައިހުރި ޗިލީގެ މެނުއެލް ޕެލެގްރީނީ ވަނީ ނަސްރީ ސިޓީގައި ހުރި ދުވަސްވަރު އެޓީމަށް އިރުޝާދު ދީފައެވެ. ޕެލެގްރީނީގެ ކޯޗުކަމުގައި ނަސްރީ ވަނީ ސިޓީގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ނަސްރީ ވެސްޓް ހޭމް އަށް ބަދަލުވުމުން ޕެލެގްރީނީ ބުނީ ނަސްރީގެ އަޒުމަކީ ވީހާވެސް އަވަހަކަށް ފޯމަކަށް އައުން ކަމަށެވެ.
“އަހަރެންނަށް ލިބޭ އުފަލެއް އެއީ އަލުން އޭނަ އާއެކު މަސައްކަތް ކުރުމަކީ. މިދިޔަ ހަފްތާތަކުގައި ފިޓްނެސް ރަނގަޅު ކުރުމަށް ނަސްރީ ދިޔައީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. އަދި، ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުރުމަށްފަހު ނަސްރީ މިހާރު ހުރީ ވީހާވެސް އަވަހަކަށް އަސްލު ފޯމަށް އަންނަން ބޭނުންވެފައި” ޕެލެގްރީނީ ބުންޏެވެ.
ނަސްރީ އާއެކު ވެސްޓް ހޭމް ނުކުންނަ ފުރަތަމަ މެޗަކަށް ވަނީ ބުދަ ދުވަހުގެ ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.
Advertisement
Leave a Reply