ދުވާފަރު ޓީން ކަޕް: ތިންރުއް ބީޗް ޗެމްޕިއަންކަން ހޯދައިފި
ރ. ދުވާފަރުގެ ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން “ދުވާފަރު ޓީން ކަޕް 2018” ގެ ނަމުގައި ކުރިއަށް ގެންދިޔަ ސިކްސް އަ ސައިޑް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތިންރުއް ބީޗް ކާމިޔާބުކޮށްފިއެވެ. އެރަށުގެ މުއައްސަސާތައް ގުޅިގެން 12 އަހަރާއި 16 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ތިންރުއް ބީޗް ހޯދީ އިއްޔެ ހަވީރު އެރަށު ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލުގައި ސީބީއެސް-ބީ 5-1 އިން ބަލިކޮށްގެންނެވެ.
މެޗުގެ ސީބީއެސް-ބީ ޓީމުގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް މާއިދް އެވެ. ޗެމްޕިއަންކަން ހޯދި ތިންރުއް ބީޗް ޓީމުން ފައިނަލުގައި ތަފާތު ދެއްކީ މައިސަމް އާއި މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއްދެއްކި އަލީ ނަޒުމީ އެވެ. އެޓީމުން ޖެހި ފަސް ގޯލުގެ ތެރެއިން މައިސަމް ދެ ގޯލު ޖެހިއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނަޒުމީ ވަނީ ހެޓްރިކް ހަދައިފައެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އަލީ ނަޒުމީ، މޫސާ ނުހާޒް، އިބްރާހީމް މާއިދް، މުހައްމަދު އިފްހާމް އަދި އަބްދުﷲ އަލީ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަގާމް ނަޒުމީ ހޯދިއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ތިންރުއް ޓީމަށް ކޯޗުކޮށްދިން އިބްރާހީމް އަލީ އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ރަނަރަޕް ސީބީއެސް-ބީ ޓީމުގެ އަހުމަދު މީޝަމް މޫސާ އެވެ.
މިފަހަރުގެ މުބާރާތުގައި އެރަށުގެ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. ޗެމްޕިއަން ތިންރުއް ބީޗާއި ސީބީއެސް-ބީ ގެ އިތުރުން މުބާރާތުގައި ކުޅުނީ އެކުވެރިން ޓީމު އަދި ސީބީއެސް-އޭ އެވެ. މުބާރާތް އިންތިޒާކުރި ފަރާތުން ބުނީ މުބާރާތް ބޭއްވުމުގެ މަގްސަދަކީ އަހުލާގު ރަނގަޅު ކުދިންތަކެއް އުފެއްދުމާއި، ޗުއްޓީ ތެރޭގައި ކުށްކުރާ ކުދިންގެ އަދަދު މަދުކޮށް ފުޓްބޯޅައަށް ހުނަރުވެރި ކުދިން ތައާރަފް ކުރުންކަމަށެވެ.
އަންނަ އަހަރުވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް މި މުބާރާތް ކުރިއަށް ގެންދިއުމަށް ދުވާފަރުގެ މުއައްސަސާތަކުން ވަނީ ނިންމައިފައެވެ.
Advertisement
Leave a Reply