ބާކީ ވެފައިހުރި ޕޮގްބާ ތަފާތު ދައްކަނީ

Advertisement

ބާކީ ވެފައިހުރި ޕޮގްބާ ތަފާތު ދައްކަނީ

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑް ރޭ ކުޅުނު މެޗުވެސް ކާމިޔާބުކޮށް ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފި އެވެ. ރޭ އަމިއްލަ ދަނޑުގައި ބޯންމައުތް އަތުން އެޓީމު މޮޅުވީ 4-1 އިންނެވެ.

ރޭގެ މެޗުގެވެސް ތަރިއަކަށްވީ ހޯސޭ މޮރީނިއޯ ކޯޗަކަށް ހުރިިއިރު ބާކީވެފައިހުރި ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އެވެ. ޕޮގްބާ ރޭގެ މެޗުގައި ދެ ގޯލު ޖެހިއިރު އެއް ގޯލު ޖަހަން މަގުފަހިކޮށްދިނެވެ. މޮރީނިއޯ ކޯޗަކަށް ހުރިއިރު ޕޮގްބާއާ މައްސަލަ ޖެހި ފަހުން ކުޅުނު މެޗުތަކުގައި ފުރަތަމަ އެގާރައިންވެސް ފުރުސަތު ލިބުނީ މަދު މެޗެއްގައެވެ.

ރޭ ޗެލްސީ ވެސް ވަނީ ރަށުން ބޭރުގައި 1-0 އިން ކްރިސްޓަލް ޕެލޭސް ބަލިކޮށްފައެވެ. މި މޮޅާއެކު ޗެލްސީ ވަނީ ތިން ވަނައިގައި އޮތް ޓޮޓެންހަމާއި ގާތަަށް ޖެހިލައިފައެވެ. ޗެލްސީގެ ހަމައެކަނި ގޯލު ޑޭވިޑް ލުއިޒް ދިން ބޯޅައަކުން ޖެހީ އާއްމުކޮށް ގޯލު ނުޖަހާ އެންގޮލޯ ކާންޓޭ އެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުތައް ނިމުނުއިރު އެއް 54 ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ލިވަޕޫލެވެ. ދެ ވަނައިގައި 47 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތް އިރު ތިން ވަނައިގައި އޮތީ 45 ޕޮއިންޓު ލިބިފައިވާ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ހަތަރު ވަނައިގައި 43 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު ފަސް ވަނައިގައި އޮތީ 38 ޕޮއިންޓު ހޯދައިފައިވާ އާސެނަލް އެވެ. މެންޗެސްޓަރ ޔުނައިޓެޑް އޮތީ 35 ޕޮއިންޓާއެކު ހަ ވަނައިގައެވެ.

ލީގުގައި ސޯލްޝެއާގެ އިރުޝާދުގެ ދަށުން ފުރަތަމަ ދެމެޗުގައި ގިނަ ގޯލުތަކެއް ޖެހި ޔުނައިޓެޑުން ރޭގެ މެޗުގައިވެސް ވަނީ ފަސް ވަނަ މިނެޓުގައި ގޯލު ޖަހައިފައެވެ. މާކަސް ރަޝްފާޑް ގެ ހުނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޕޮގްބާ ފޮނުވާލީ ހުސް ގޯލެއްގެ ތެރެއަށެވެ. މެޗުގެ ދެ ވަނަ ގޯލުވެސް ޖެހީ ޕޮގްބާ އެވެ. 33 ވަނަ މިނެޓުގައި އެންޑަ ހެރޭރާ ނަގައިދިން ހުރަހަކުން ޕޮގްބާ މި ގޯލު ޖެހީ ބޮލުންނެވެ. ޔުނައިޓެޑްގެ ތިން ވަނަ ގޯލު 45 ވަނަ މިނެޓުގައި އެންތަނީ މާޝިއަލް ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ރަނގަޅު ފޯމެއްގައި ހުރި ރަޝްފާޑް އެވެ. ޔުނައިޓެޑުން ތިން ގޯލުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯންމައުތުގެ ނޭތަން އަކޭ ވަނީ ބޮލުން ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ހަތަރު ވަނަ ގޯލު ޖެހީ ޕޮގްބާ ދިން ބޯޅައަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮމެލޫ ލުކާކޫ އެވެ.

ދެ ވަނަ ހާފުގައި ޕޮގްބާ ހެޓްރިކް ފުރިހަމަކުރަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރ އެރިކް ބާއީ ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކުމުން އެޓީމުން ފަހު 10 މިނެޓު ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ސޯލްޝެއާގެ އިރުޝާދުގެ ދަށުން ކުޅުނު ތިން މެޗުގައި ހަތަރު ގޯލު ޖަހައި ތިން ގޯލު ޖަހަން މަގުފަހިކޮށްދިން އިރު މިއީ ޕޮގްބާގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި ދުވަސްވަރެވެ. އަނެއްކޮޅުން ޕޮގްބާ ވެފައިވަނީ  2012 ވަނަ އަހަރުގެ  ޑިސެމްބަރު މަހުގެ ފަހުން ޔުނައިޓެޑަށް ލީގުގައި ޖެހިޖެހިގެން ދެ މެޗުގައި ދެ ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

މެޗަށްފަހު ސޯލްޝެއާ ބުނީ އެޓީމުން އެޓޭކިން ފުޓްބޯޅައެއް ކުޅުނު ނަމަވެސް ޑިފެންސަށް ސަމާލުކަން ދޭކަމަށާއި، ގޯލެއް ނުވަދެ މެޗުތައް ނިންމާލުމަކީވެސް ބޭނުންވާ ކަމެއް ކަމަށެވެ. ސޯލްޝެއާގެ ކޯޗުކަމުގައި ކުޅުނު ތިން މެޗުގައި 12 ގޯލު އެޓީމުން ޖެހއިިރު ބައިކޮޅަށް ތިން ގޯލު ވަދެފައިވެއެވެ.

“އެންމެންވެސް ހީކުރަނީ އަހަރެން ބަލަނީ އަބަދު އެޓޭކިން ފުޓްބޯޅަ ކުޅެންކަމަށް. އެކަމަކު އެންމެ ފުރަތަމަ ކަމަކީ ރަނގަޅަށް ޑިފެންސް ކުރުން. ގޯލެއް ނުވަދެ މެޗެއް ނިންމާލަން މަސައްކަތް ކުރާނަމަ މެޗު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވާނެ” ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާގެ އިރުޝާދުގެ ދަށުން އަންނަ ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޔުނައިޓެޑް ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *