ކޯޗުންނާއި ކުރީގެ ކުޅުންތެރިންގެ ބަސް: އިމްރާނަށްޓަކައި މިރޭ ދަނޑު ފުރާލަދީ

އިމްރާން ގައުމީ ޓީމުގެ މެޗެއްގައި. މިރޭ ރަސްމީކޮށް ގައުމީ ޓީމުން ރިޓަޔާ ކުރާނެ. ފޮޓޯ: މިހާރު

ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި ވައިސް ކެޕްޓަން އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ރަސްމީކޮށް ފާހަގަކުރުމަށް ހާއްސަ މެޗެއް އިންތިޒާމް ކުރުން ގިނަ ބަޔަކު ބަލައިގަތީ ޕޮޒިޓިވް ކަމެއްގެ ގޮތުގައެވެ. ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އދ. މަހިބަދޫ އަށް އުފަން އިމްރާންއަށް އެވަރު މާބޮޑަށްވެސް ހައްގެވެ. އިމްރާން ވަނީ 1999 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި 17 އަހަރު ވަންދެން ގައުމީ ޓީމްގެ ގޯލް ބަލަހައްޓައިދީފައެވެ. ގައުމީ ޓީމަށް 111 މެޗް ކުޅެފައިވާއިރު އޭނާ ވަނީ އެ ޓީމާއެކު ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި އެއް ފަހަރު ހޯދައި ދެ ފަހަރު ރިހި މެޑަލް ހޯދައިފައެވެ.

މިރޭ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައި އޮތް އިމްރާންގެ ވަދާއީ މެޗް ފެށެން ގާތްވަމުން އަންނަ އިރު އިމްރާނާ އެންމެ ގާތުން މަސައްކަތްކުރި ބައެއް ކޯޗުންނާއި ކުޅުންތެރިން އިމްރާނާ މެދު ދެކޭ ގޮތާއި، މިރޭ ކުޅޭ މުހިއްމު މެޗަށް ސަޕޯޓަރުން ދަނޑަށް ވަންނަންވީ ކީއްވެކަން “ފަހުމިނެޓް”ގެ ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމަކީ މުހިއްމު ކަމެއް ކަމުގައި ގަބޫލުކުރެވެއެވެ.   

އިމްރާންގެ ކޮލިޓީ އާ މެދު ސުވާލެއް ނެތް

އެންމެ ފުރަތަމަ ކްލަބް އީގަލްސް ގައި އިމްރާން މުހައްމަދު ކުޅެމުން ދަނިކޮށް އުމުރުން އެންމެ 18 އަހަރުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް އެޓީމްގެ ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) ގެންދިޔައީ އިމްރާންގެ ހުނަރާ ދޭތެރޭ އޮތް ޔަގީންކަމެއްގެ ސަބަބުންނެވެ. އެއާއެކު އިމްރާނަށް ލިބުނު ރަނުގެ ފުރުސަތުގައި ކޯޗް މާއްޓޭގެ ފުރިހަމަ އިތުބާރު ހޯދިއެވެ. މާއްޓޭ އަށް އިމްރާންގެ ފަރާތުން ފެނުނު ކޮލިޓީ މާ ބޮޑަށްވެސް ތަފާތުވިއެވެ.    

“އިމްރާން ހުރި ގޮތަށް ވަރަށް މަދު މީހަކު ނޫނީ ނީންނާނެ ސަބްސްޓިޓިއުޓެއް ގޮތަށް އެހާ ގިނަ ދުވަހަކު ޓީމަށް އެރެންދެނެއް. އެކަމަކު އިމްރާން އެބައި އަދާކުރި. އިމްރާން އެއްވެސް ގޮތަކަށް ޝަކުވާ އެއް ނުކުރޭ. ދަސްކޮށްގެން މޮޅުވާން މަސައްކަތްކުރި ކުޅުންތެރިއެއްގެ ގޮތުގަ އިމްރާން ފާހަގަ ކުރެވުނީ.” 1999 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާއި ހަމަޔަށް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އިމްރާން ވިކްޓަރީ ގައި ހުރި ހުރުމަށް އިޝާރާތްކޮށް “ފަހުމިނެޓް” އާ ވާހަކަ ދައްކަމުން މާއްޓޭ ބުންޏެވެ.

އިމްރާނާ އެކު ގައުމީ ޓީމްގެ ޑިފެންސް ލައިންގައި ގިނަ އަހަރު ތަކެއްވަންދެން ކުޅުނު ސޮބާހް މުހައްމަދު ފާހަގަ ކުރި ގޮތުގައި ގައުމީ ޓީމްގެ ގޯލް ބަލަހައްޓަން އިމްރާން ހުރުމަކީ މުޅި ޑިފެންސް ލައިނަށްވެސް ލިބޭ އިތުބާރެކެވެ.

“ވަރަށް ޔަގީންކަން އޮވޭ އިމްރާން ގޯލްގަ ހުރެފިއްޔާ ކޮންމެ ކޮންމެ ގޮތަކަށް ދާ ބޯޅައެއް ގޯލަށް ނުވަންނާނެކަން. އެކަމު މިހެން ބުންޏަސް ގޯލް ނުވެދެއެކޭ ނޫން. އެކަމަކު އެ އޮންނަންޖެހޭ ޔަގީންކަން އިމްރާން ހުންނަ ކަމަށް ވަންޏާ ބޮޑުވޭ.” އިމްރާން އާއި ދާދި އެކުއެކީހެން ގައުމީ ޓީމަށް ކުޅެން ފެށި ސޮބާހް ބުންޏެވެ. މިވާހަކަ ތަކާ ދާދި އެއްކަހަލަ ވާހަކަތަކެއް އިމްރާނާއި ބެހޭ ގޮތުން “ފަހުމިނެޓް” އާ ހިއްސާކުރި އެކަކީ ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ފުރަތަމަ ފަހަރަށް ހޯދައިދިން ޓީމްގެ ކެޕްޓަން އައްސަދު ޢަބްދުލް ޣަނީ އެވެ.

“އިންމަ އަކީ ގޯލްކީޕަރުންގެ ތެރޭގަ މިހާތަނަށް ރާއްޖޭގަ އުފެދުނު އެންމެ މޮޅު އެއް ގޯލް ކީޕަރު. ގައުމީ ޓީމްގެ ގޯލް ބަލަހައްޓަން އިމްރާން ހުންނައިރު އަޅުގަނޑުމެންނަށްވެސް ޔަގީންކަން އޮވޭ އިމްރާނާ ދޭތެރޭގަ. ފަހަތަށް ނެއްޓިގެންދާ ބޯޅަތައް، ޑިފެންޑަރުންގެ ބޯމަތިންދާ ބޯޅަތައް އިމްރާން ހުންނަ ކަމަށް ވާނަމަ އެވަރުގެ ޔަގީންކަން އުފެދިފަ އޮތް ކީޕަރެއް އިމްރާނަކީ.” އައްސަދު ބުންޏެވެ.

 

އިމްރާން ސުޒޭންއާ އެކު. ކޯޗުންނާއި ކުރީގެ ކުޅުންތެރިންވެސް އެދެނީ އިމްރާނަށްޓަކައި ދަނޑު މިރޭ ފުރާލަދިނުމަށް. ފޮޓޯ: މިހާރު

އިމްރާން ގެ ފަރާތުން ފެނުނު އެންމެ ފާގަކޮށްލެވޭ ކަންކަން

އިމްރާނަކީ ހަމައެކަނި މޮޅު ގޯލް ކީޕަރެއް ނޫނެވެ. އިމްރާނަށް އިރުޝާދުދިން ބައެއް ކޯޗުންނާއި އެކުގައި ކުޅުނު ބައެއް ކުޅުންތެރިން ފާހަގަކުރި ގޮތުގައި އިމްރާނަކީ ކޯޗުންނާއި ކުޅުންތެރިން ގަޔާވާ ގިނަ ސިފަތަކެއް ހުރި ކުޅުންތެރިއެކެވެ.

“ވިކްޓަރީގަ އިމްރާން ކެޕްޓަނެއްގެ ގޮތުގަ ހުރިއިރުގަ ކްލަބް އެންމެ ހާލުގަ ޖެހުނު ދަނޑިވަޅުގަ އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން އެނގޭ އަޅުގަނޑު ކޯޗަކަށް ހުރިއިރުގަ އޭނަ ހުންނާނެ ގާތްގަނޑަކަށް އެއް އަހަރު ދުވަހު މުސާރަ ނުނަގައި. އެއީ ވިކްޓަރީ ތާށިވެގެން ދިޔަ ދުވަސްވަރު އެއަށްވުރެ ހާލުގަ އުޅޭ ކުދިންތަކެއް ތިބީތީ އެމީހުންނަށް މުސާރަ ދީގެން ނަމަވެސް ޓީމު މޮޅު ކުރުމަށްޓަކައި އަދި އެކުޅުންތެރިން ހިތްހަމަޖެއްސުމަށްޓަކައި މަސައްކަތްކޮށްދީފަ އެބަހުރި އިމްރާން.” މާއްޓޭ އޭގެ އެއް މިސާލު ބުނެދިނެވެ. އޭގެ އިތުރުން މާއްޓޭގެ މަސައްކަތަށް އިމްރާންގެ ކިބައިގައި ހުރި ކޮލިޓީގެ ސަބަބުން ފަސޭހަވި ފަސޭހަވުން އޭނާއަށް ހަނދާނުން ފޮހެލަންވެސް ދައްޗެވެ.

“އަޅުގަނޑަށް ވަރަށް ފަސޭހަވެގެންދިޔަ އިމްރާންގެ ކެޕްޓަން ކަމުގެ ދަށުގަ ކުދިންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖް ކޮމިއުނިކޭޓް ކޮށްދިނުމުގަ ޓްރެއިނިން ދަނޑުގަވެސް އަދި މެޗް ތަކުގަވެސް. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރާ އެއް ކަންތައް އެއީ. އެންމެ ގިނަ ކޯޗުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުޅުންތެރިން ކޮންޓްރޯލުން ނެއްޓިގެން ދިއުން ދަނޑު މަތީގަވެސް އަދި ދަނޑުން ބޭރުގަވެސް އެގޮތަށް އޭނަގެ ކޮންޓްރޯލް ގެއްލިއްޖެ ކަމަށް ވަންޏާ އޭނަ ޓީމް ގެންދަން ބޭނުންވާ ހިސާބަކަށް ނުގެންދެވޭނެ. އެބައި ހަމަޖެއްސުމުގަ ކޯޗާ ދެމެދުގަ އެ އޮންނަންވާ ރިލޭޝަންޝިޕާއި އަންޑަސްޓޭންޑިން ވަރަށް ރަގަޅަށް އިމްރާނަށް އެނގިފަ އިންނަނީ.” މާއްޓޭ ބުންޏެވެ. މާއްޓޭގެ ފަހުން ވިކްޓަރީގައި އިމްރާން ހުރިއިރު ކޯޗެއްގެ ގޮތުން މަސައްކަތްކުރިއިރު އަލީ ސުޒޭން އިމްރާން ސިފަ ކުރީ ކުރު އެހެނަސް މާނަ ފުން ޖުމްލައަކުންނެވެ.

“އިމްރާނަކީ މިރާއްޖޭގެ ތާރީހް ދުށް އެންމެ ޑިސިޕްލިން އެއް ކުޅުންތެރިޔާ.”

ގައުމީ ޓީމްގެ ފަހަތަށް އަންނަ ބޯޅަތައް ދިފާއުކުރުމުގައި ގާތްގަނޑަކަށް ބާރަ ވަރަކަށް އަހަރު އިމްރާނާއެކު ކުޅުނު ސޮބާހް މުހައްމަދަށް ވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ އިމްރާންގެ ކުޅިވަރުގެ އަހްލާގެވެ.

“ފަސޭހަ ކަމެއް ނޫން އެއްވެސް މީހަކަށް ގިނަ ދުވަހު ކުޅުމަކީ. އިމްރާނަކީ ވަރަށް ސީރިއަސް ޑިސިޕްލިން ހިފަހައްޓާ އަދި ބަރާބަރަށް ގަޑިއަށް ޕްރެކްޓިސް އަށް އަންނަ ކުޅުންތެރިއެއް. އެކަހަލަ އެޓިޓިއުޑެއް ހުރެގެން އަސްލު ގިނަ ދުވަހު ކުޅުންތެރިއަކަށް މޮޅަށް އެއް ފެންވަރެއްގަ ގިނަ ދުވަހު ކުޅެވޭނީ.” މި އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ވަކި ހިސާބަކުން ނިއުރޭޑިއަންޓަށް ކޯޗުކޮށްދިން ސޮބާ ބުންޏެވެ.

އިމްރާންގެ އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި އައްސަދު ޢަބްދުލް ޣަނީ ފާހަގަކުރީ އަދި މުޅިން އެހެން ކަމެކެވެ.

“އިމްރާންގެ ފަރާތުން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކޮންމެ މެޗެއްގަވެސް މޮޅުވާން އެ ބޭނުންވާ ބޭނުންވުން. އެ ހުންނަ މޯޓިވޭޝަން. އަބަދުވެސް އެ އޮންނަ އަޒުމް. ކުޅުންތެރިންގެ ކައިރިން މޮޅުވާން އަބަދުވެސް އެ އެދޭ އެދުން ކޮންމެ ބަޔަކާ ކުޅެން ނުކުތް ކަމުގަ ވިޔަސް އިމްރާންގެ ކާމިޔާބީ އަކީ އަސްލު އެ އަޒުމްގަ އަބަދުވެސް ހުރުން ކަމަށް ގަބޫލުކުރެވެނީ.” އައްސަދު ގެ ތަޖްރިބާ އޭނާ ކިޔައިދިނެވެ.

 

ގައުމީ ޓީމަށް ކުރި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އިމްރާނަށް ހަނދާނީ ފިލައެއް ދެނީ. ފޮޓޯ: މިހާރު

އިމްރާނަށްޓަކައި ދަނޑު ފުރާލުން ހައްގު

ކޮންމެއަކަސް އިމްރާނަކީ އާދައިގެ ކުޅުންތެރިއެކޭ ބުނެވޭ ކަށް ނެތެވެ. އެންމެންވެސް އެއްބަސްވާ ހަގީގަތަކީ އިމްރާނަކީ ސަޕޯޓަރުންގެ ބޮޑު އިހްތިރާމެއް ލިބެންޖެހޭ ކުޅުންތެރިއެއް ކަމެވެ.

“މެޗަށް ސަޕޯޓަރުން ދިއުން އެއީ އިމްރާނަށްވެސް އަދި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް ކޮށްދެވޭ ވަރަށް ރަގަޅު ކަމެކޭ އަޅުގަނޑު ދަންނަވާނީ. އެއީ ކުރިއަށް އޮތް ތަނުގަވެސް ކުޅުންތެރިން ގައުމަށްޓަކައި ނޫނީ ކުޅިވަރުތަކުގަ އެގޮތަށް ވަރުގަދައަށް ތަމްސީލުކުރުމުގަ ޖެހިލުން ނުވާނެ އޭގެ އަގު ވަޒަންކުރުމުގެ ގޮތުން ގިނަ މީހުން ބައިވެރިވާ ކަމަށް ވަންޏާ. ކުރިއަށް އޮތް ތަނުގަ ޒުވާން ޖީލުވެސް އެއިން ފިލާވަޅު ހޯދައިގެން ކުރިއަށް އޮތް ތަނުގަ އެމީހުން މަސައްކަތްކުރާނެ ފުޓްބޯޅައިގަ ކުރިއަށްދާން.” ސުޒޭންގެ ހިޔާލު ފާޅުކުރިއެވެ.

“ރާއްޖޭގެ ފުޓްބޯޅަ ވަރަށް އެހެން ކަހަލަ ހިސާބެއްގަ އޮތް ދުވަސްވަރެއް މިއީ. މިކަހަލަ ވަގުތެއްގަ އިމްރާން ކަހަލަ ކުޅުންތެރިޔަކު ވަކިވެގެންދިއުމަކީ ވަރަށް ބޮޑު ދެރައެއް އެހެން ނަމަވެސް އުފެދެމުން އަންނަ ކުޅުންތެރިންނަށްވެސް ހިތްވަރަކަށް ވާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ފުޓްބޯޅަ އާއިލާގެ ފަރާތުން ނުވަތަ ރައްޔިތުންގެ ފަރާތުން ކުޅުންތެރިންގެ ރިޓަޔަމެންޓަށްވެސް އެ ސަޕޯޓް ލިބިގެންދިޔުން އެއީ. އެ ސަބަބާހުރެވެސް މާދަމާ ރޭގެ މެޗަށް ގިނަ ބަޔަކު ދިއުމަކީ މުހިއްމު ކަމެއް ކަމުގަ އަޅުގަނޑު ދެކެން.” އައްސަދުގެ ހިޔާލުވެސް ސުޒޭންގެ ވާހަކަތަކާއި ދާދި އެއްގޮތެވެ.

ސޮބާހް ގަބޫލުކުރާ ގޮތުގައި އިމްރާން ކޮށްދިން ހިދުމަތަށް އެކަނި ބެލިއަސް އޭނާގެ ޝަރަފްގައި ބާއްވާ ކަމެއްގައި ގިނަ ބައެއްގެ ސަޕޯޓް ލިބުން މާބޮޑަށްވެސް ހައްގެވެ.

“ފުޓްބޯޅަ ކުރިން ކުޅުނު މީހެއްގެ ހައިސިއްޔަތުންނާއި ފުޓްބޯޅައިގެ ތެރޭގަ މިހާރުވެސް އުޅޭ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ އިމްރާންގެ ވަދާއީ މެޗަށް އޭނައަށް ހަމަ އެ ރެސްޕެކްޓް ދިނުމުގެ ގޮތުން އަދި އޭނަ އެކުރި ހިދުމަތް ބަލައިގަތުމުގެ ގޮތުން އެކަމަށް ސަޕޯޓް ދޭށޭ. އާދައިގެ މީހެއްގެ ނޫން އަސްލު އިމްރާނަކީ. ރާއްޖޭގެ ގޯލް އެތަށް ޒަމާނެއް ވަންދެން މި ބަލަހައްޓައިދިނީ އިމްރާން. އެކަމުގެ އަގު އަޅުގަނޑުމެން އެބަ ޖެހޭ ވަޒަންކުރަން. ހާއްސަކޮށް ފުޓްބޯޅައަށް ތާއީދުކުރައްވާ ބޭފުޅުން.” ސޮބާހް ބުންޏެވެ.

އެންމެ ފަހު ބަހަކަށް މިއޮތީ މާއްޓޭގެ މެސެޖެވެ.

“އަހަރެމެން އެންމެން އެބަޖެހޭ އިމްރާނަށް ސެލިއުޓް ކުރުމަށްޓަކައި ދަނޑަށް ދާން. އަޅުގަނޑުމެންނަށް މަޖްބޫރުކަމެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ފުޓްބޯޅަ ބަލާ ކަމަށް ވަންޏާ އެތަނަށް ދިއުން”

 

avatar