ލިވަޕޫލުން އާސެނަލް ހަމަބިމަށް ތިރިކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް ކޮޅަށް ފަސް ގޯލު ޖަހައި ލިވަޕޫލުން ލީގުގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. ލިވަޕޫލަށް ނުވަ ޕޮއިންޓުގެ ލީޑެއް ލިބުނީ ލީގުގެ ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް މިރޭ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 3-1 އިން ބަލިވުމުންނެވެ.
ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 19 މެޗުން ހޯދި 54 ޕޮއިންޓާއެކު އެެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމް އަށް 45 ޕޮއިންޓް ލިބިފައިވާއިރު މާދަމާރޭ ރަށުން ބޭރުގައި ސައުތެމްޓަންއާ ކުޅޭމެޗު ކާމިޔާބުކޮށްގެން މެންޗެސްޓަރ ސިޓީއަށް ދެ ވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. 44 ޕޮއިންޓު ހޯދައިގެން ސިޓީ ލީގުގެ ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތީ 40 ޕޮއިންޓް ހޯދައިފައިވާ ޗެލްސީ އެވެ. މިރޭގެ މެޗުން ބަލިވި އާސެނަލް އޮތީ 38 ޕޮއިންޓާއެކު ފަސް ވަނައިގައެވެ.
މެޗު ފެށިގެން ލީޑު ނެގީ އާސެނަލުންނެވެ. 11 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެއިޓްލެން ނެއިލްސް އެވެ. އާސެނަލުން ގޯލު ޖެހިތާ ތިން މިނެޓު ނުވަނީސް ލިވަޕޫލުން ވަނީ އެއްވަރު ކޮށްފައެވެ. އާސެނަލްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ހެޓްރިކް ހެދި ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ އެވެ. އޭގެ ދެމިނެޓު ފަހުން ފިރްމީނޯ ވަނީ އާސެނަލްގެ މުޅި ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު ދެ ވަނަ ގޯލު ޖަހައިފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ އިތުރު ދެގޯލު ޖަހައި އާސެނަލަށް އަތުނުވާ ހިސާބަށް ގޮސްފައެވެ. މުހައްމަދު ސަލާހް ނަގައިދިން ހުރަހަކުން 32 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ތިން ވަނަ ގޯލު ޖެހިއިރު ހަތަރު ވަނަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ސަލާހް އެވެ. މިއީ މިއަހަރު ލީގުގައި ކުޅުނު 35 މެޗުގައި ސަލާހް ޖެހި 28 ވަނަ ގޯލެވެ.
ދެ ވަނަ ހާފު ފެށިގެން އާސެނަލްގެ ޕިއޭ އެމެރިކް އޮބާމަޔަން އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ގޯލު ރޮނގުމަތިން ހުސްކޮށް ލިބުނު ބޯޅަ އޮބާމަޔަން ފޮނުވާލުމުން ދިޔައީ މާ މަތިންނެވެ. ލިވަޕޫލުން މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ވައްދާލައި ފިރްމީނޯ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިރޭގެ ހެޓްރިކާއެކު ފިރްމީނޯ ވެފައިވަނީ ލީގުގައި ހެޓްރިކް ހެދި ބްރެޒިލްގެ ތިން ވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ލީގުގައި ހެޓްރިކް ހެދި ބްރެޒިލްގެ ކުޅުންތެރިންނަކީ މެންޗެސްޓަރ ސިޓީއަށް ކުޅުނު ރޮބީނިއޯ އާއި މިޑްލްސްބަރާ އަށް ކުޅުނު އެފޮންސޯ އަލްވޭސް އެވެ.
ލިވަޕޫލާ އެންމެ ގާތުން ވާދަކުރަމުން އަންނަ ޓޮޓެންހަމް އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ބަލިވީ ފުރަތަމަ ހާފުގައި ހެރީކް ކޭންގެ ގޯލުން އެޓީމު ލީޑު ނަގައިފައިވަނިކޮށެވެ. ދެ ވަނަ ހާފުގައި ވުލްވްސް ގެ ގޯލުތައް ޖަހައިދިނީ ވިިލީ ބޮލީ އާއި ރައުލް ހިމެނެޒް އަދި ހެލްޑާ ކޮސްޓާ އެވެ.
ލީގުގައި މާދަމާ ހަވީރު ފަހެއް ޖަހާއިރު ފަށާ މެޗުގައި ރަށުން ބޭރުގައި ޗެލްސީ ނުކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ. މާދަމާރޭ 7:15 ގައި ސައުތެމްޓަނާއި ސިޓީ ވާދަކުރާއިރު 9:30 ގައި ފަށާ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.
Advertisement
Leave a Reply