އެންވައިޖީ ވޮލީބޯލް ޗެމްޕިއަންޝިޕް: ނިލަންދޫ ބަލިކޮށް ފީއަލި ޗެމްޕިއަންކަން ހޯދައިފި

Advertisement

އެންވައިޖީ ވޮލީބޯލް ޗެމްޕިއަންޝިޕް: ނިލަންދޫ ބަލިކޮށް ފީއަލި ޗެމްޕިއަންކަން ހޯދައިފި

ޢަލީ ޝަހީމް
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ޓީމު ތައްޓާއެކު. ފޮޓޯ: ނިލަންދޫ ޔަންގް ޖެނެރޭޝަން

ފ. ނިލަންދޫ ޔަންގް ޖެނެރޭޝަން ޖަމިއްޔާއިން ނިލަންދެ އަތޮޅަށް ހުޅުވާލައިގެން ބޭއްވި އެންވައިޖީ ވޮލީބޯލް ޗެމްޕިއަންޝިޕް ފ. ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ހޯދައިފިއެވެ. އިއްޔެ ހަވީރު ނިލަންދޫގައި ކުޅެވުނު ފޯރިގަދަ ފައިނަލް ފީއަލި ޒުވާނުންގެ ގުޅުމުން ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ނިލަންދޫ ކަޒިންސް ޓީމު ސީދާ ތިން ސެޓުންނެވެ.

ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ ވޮލީބޯލް އެސޯސިއޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް މުޙައްމަދު ފަހުމީއެވެ. ފީއަލީ ޒުވާނުންގެ ގުޅުމުން މި މުބާރާތް ކާމިޔާބުކުރި ތަފާތަކަށްވީ ފައިނަލް މެޗުގައިވެސް މޮޅު ކުޅުމެއްދެއްކި ސްރީ ލަންކާގެ ގައުމީ ޓީމުގެ ކެޕްޓަން ޖަނިތާ ސުރަތް އެވެ. މެޗު ފެށުނީއްސުރެ މޮޅަށް ކުޅުނު ފީއަލި ޓީމުން މެޗުގެ ސެޓުތައް ގެންދިޔައީ 25-12، 25-23 އަދި 25-21 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ޖަނިތާ އެވެ. ޖަނިތާގެ އިތުރުން މުޅި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުގެ އާދަމް ފައިރޫޒް އާއި ކަޒިންސް ޓީމުގެ އިސްމާއީލް ސާޖިދު، ކަޒިންސްގެ އަޝްފާގު އާދަމް، މަގޫދޫ ޒުވާނުންގެ ކްލަބްގެ އަލީ ހުޒާމް (ހުޒާންޓޭ) އަދި ނިލަންދޫ އެސްޖީސީ ސްޕޯޓްސް ކްލަބުގެ އިބްރާހީމް ނާސިހު އެވެ.

މުބާރާތުގެ އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔާގެ މަގާމް ކަޒިންސް ޓީމުގެ އަހުމަދު މަންސޫރު ހޯދިއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމަށް ޗެމްޕިއަންކަން ހޯދައިދިން މުހައްމަދު ފަޒީން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ސެމީ ފައިނަލުގައި ބަލިވި މަގޫދޫ ޒުވާނުންގެ ކްލަބެވެ.

މުބާރާތަށް ފަހު ނިލަންދޫ ޔަންގް ޖެނެރޭޝަންގެ އަބްދުލް ހަމީދު މޫސާ ވިދާޅުވީ ޒުވާން ޓީމަކުން ނުކުމެ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށާއި، އަންނަ އަހަރުވެސް ފޯރިގަދަ މުބާރާތެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.

“މިފަދަ ބޮޑު މުބާރާތެއް ކާމިޔަބުކަމާއިއެކު ނިންމާލުމުގައި އެންވައިޖީގެ މެނޭޖްމަންޓުން ކުރި ބުރަ މަސައްކަތް މިފުރުސަތުގައި ފާހަގަކޮށްލަން. ޒުވާން ޓީމަކުން ނުކުމު މިކުރި ބުރަ މަސައްކަތް ނިލަންދޫ ރައްޔިތުން ބަލައިގެންފިކަން ޔަގީން. ރަށުކައުންސިލް، އަދި ޔޫތު ސެންޓަރު އަދި ވަރަށް ގިނަބައެއްގެ ފަރާތުން އެހީތެރިކަން ލިބިފައިވޭ. ހަގީގަތުގަ މިއީ މުބާރާތް ކާމިޔާބުކަމާއިއެކު ނިންމާލެވުނު ސަބަބަކީ. މިމުބާރާތް ކާމިޔާބުކަމާއި އެކު ނިންމާލެވިފައިވާތީ އެންވައިޖީގެ ފަރާތުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އިރާދަކުރިއްވިއްޔާ މިއަށްވުރެ ފޯރިގަދަ މުބާރާތެއް އަންނަ އަހަރުވެސް އޮންނާނެ”

މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ބައިވެރިވިއިރު މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވީ ތިން ޓީމަކުންނެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖޭން ބޭރުގެ މަޝްހޫރު ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންވެސް ވަނީ ކުޅެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *