ޔުވެންޓަސް މޮޅުކޮށްދީ ރޮނާލްޑޯ، އިޓަލީ ވެސް ފަތަހަ ކުރަނީ

Advertisement

ޔުވެންޓަސް މޮޅުކޮށްދީ ރޮނާލްޑޯ، އިޓަލީ ވެސް ފަތަހަ ކުރަނީ

ޢަލީ ޝަހީމް

އިޓާލިއަން ލީގުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ގޯލުތަކުން މޮޅުވެ ޔުވެންޓަސް އެއް ވަނައިގައި ލީޑު ފުޅާކޮށްފި އެވެ. އަމިއްލަ ދަނޑުގައި ސަމްޑޯރިއާ އާއި ކުޅުނު މެޗުން އެޓީމު މޮޅުވީ 2-1 އިންނެވެ. މި މޮޅާއެކު ޔުވެންޓަސް އާއި ދެ ވަނައިގައި އޮތް ނަޕޯލީއާ ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މިރޭ ޖެހި ދެ ގޯލާއެކު ރޮނާލްޑޯ ވަނީ 13 ގޯލު ހަމަކޮށް އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައަށް އަރައިފައެވެ. އިންގްލެންޑުގެ މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެއިންގެ ރެއާލް މެޑްރިޑުގައި ތަފާތު ދެއްކި އުމުރުން މިހާރު 33 އަހަރުގެ ރޮނާލްޑޯ އަންނަނީ އިޓަލީގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައިވެސް ތަފާތު ދައްކަމުންނެވެ. ލީގުގައި އެޓީމު މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުންދާ ރެކޯޑުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިއަކީވެސް ރޮނާލްޑޯ އެވެ.

ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އޮތީ ކުޅުނު 19 މެޗުން 53 ޕޮއިންޓު ހޯދައިގެންނެވެ. 19 މެޗުގެ ތެރެއިން އެޓީމަށް ގެއްލުނީ އެއްވަރުވި ދެމެޗުން އެންމެ ހަތަރު ޕޮއިންޓެވެ. ލީގުގައި ކުޅުނު 19 މެޗުގައި އެޓީމު ވަނީ ގޯލެއް ނުވަދެ 10 މެޗުން ނިންމާލައިފައެވެ. 38 ގޯލު ޖެހިއިރު އެޓީމު ކޮޅަށް ލީގުގައި އަދި ވަނީ އެންމެ 11 ގޯލެވެ. ދެ ވަނައިގައި ނަޕޯލީ އޮތީ 18 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މާދަމާ ކުޅޭމެޗު ކާމިޔާބުކޮށްގެން ނަޕޯލީއަށް ޔުވެންޓަސްއާ ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. ލީގުގެ ތިން ވަނައިގައި އޮތް އިންޓަ މިލާން ވަނީ މިރޭ 1-0 އިން އެމްޕޮލީ ބަލިކޮށް 39 ޕޮއިންޓް ހޯދައިފައެވެ.

މިރޭގެ މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލު ރޮނާލްޑޯ ޖެހީ މެޗުގެ ދެ ވަނަ މިނެޓުގައެެވެ. ރޮނާލްޑޯގެ ގޯލަށްފަހު ސަމްޑޯރިއާއިން އެއްވަރު ކުރީ މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓިއަކުންނެވެ. ޔުވެންޓަސްގެ އެމްރޭ ޗޭންގެ އަތުގައި ޖެހުނު ބޯޅައަކުން ވީޑީއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީތެރިކަން ހޯދުމަށްފަހު ދިން މި ޕެނަލްޓީ ސަމްޑޯރިއާއަށް ކާމިޔާބުކޮށްދިނީ ކުރިން ޔުވެންޓަސް އަށްކުޅުނު ފަބިއޯ ގުއަގްލިއެރެލާ އެވެ. މިއީ ލީގުގައި ގުއަގްލިއެރެލާ ޖެހިޖެހިގެން ގޯލުޖެހި ނުވަ ވަނަ މެޗެވެ.

ޔުވެންޓަސް އިން މެޗުގައި ލީޑުނެގި ގޯލު މެޗުގެ 65 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހީ ލިބުނު ޕެނަލްޓިއަކުންނެވެ. ސަމްޑޯރިއާގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން މި ޕެނަލްޓީވެސް ރެފްރީ ދިނީ ވީއޭއާރުގެ އެހީތެރިކަމާއެކު އެވެ. އެކަމަކު މި ނިންމުމަށް ސަމްޑޯރިއާގެ ކުޅުންތެރިންވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި، ސަމްޑޯރިއާގެ ރިކާޑޯ ސަޕޮނަރާ މެޗުގެ އިތުރު ވަގުތުގައި ގޯލެއް ޖެހުމަށް ފަހު އުފާފާޅު ކުރިނަމަވެސް ރެފްރީ ވަނީ ވީއޭއާރުގެ އެހީތެރިކަމާއެކު އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމައިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *