އުފަލަކަށް ވާނީ ގިނަ ބަޔަކު ދަނޑުން ފެނުން: އިމްރާން

Advertisement

އުފަލަކަށް ވާނީ ގިނަ ބަޔަކު ދަނޑުން ފެނުން: އިމްރާން

ޢަލީ ޝަހީމް

ގައުމީ ޓީމްގެ ކުރީގެ ގޯލްކީޕަރު އަދި ވައިސް ކެޕްޓަން އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ ބާއްވާގޮތަށް ހަމަޖެހިފައިވާ މެޗުގައި ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވަނުމަށް އިމްރާން އެދިއްޖެ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިވެހި ފުޓްބޯޅައަށް ލޯބި ކުރައްވާ ހުރިހާ ބޭފުޅުން މެޗަށް ބައްލަވާލެއްވުމަށް ގަލޮޅު ދަނޑަށް ދިއުމަށެވެ.

“އަޅުގަނޑު އަދި ދިވެހި ފުޓްބޯޅައަށް ލޯބި ކުރައްވާ ހުރިހާ ބޭފުޅުން މި މެޗު ބައްލަވާލެއްވުމަށް ގަލޮޅު ދަނޑަށް ވަޑައިގެންދެއްވުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް” އިމްރާން ބުނެފައިވެއެވެ.

އިމްރާން ގައުމީ ޓީމަށާއި ދިވެހި ފުޓްބޯޅައަށް ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ މި މެޗްގައި ވާދަކުރާ ގޮތަށް ހަމަޖެހިފައިވަނީ އިމްރާންގެ ޓީމަކާއި، އެފްއޭއެމްގެ ޓީމެކެވެ. އިމްރާންގެ ޓީމްގައި ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ) ހިމެނޭއިރު އިމްރާނާއެކު ގައުމީ ޓީމްގައި ކުރިން ކުޅުނު ބައެއް ތަރިން ކަމަށްވާ ޢަލީ އުމަރާއި، ޢަލީ ޝިހާމާއި، އަސްއަދު ޢަބްދުލް ޣަނީ ހިމެނޭއިރު އެ ޓީމަށް އިރުޝާދުދޭން ހުންނާނީ ކުރިން ގައުމީ ޓީމަށް ކޯޗް ކޮށްދިން ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އެވެ.

އެފްއޭއެމްގެ ފަރާތުން މެޗަށް ނެރޭ ޓީމްގައި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލް ކީޕަރު ޑެންމާކްގެ ޕީޓާ ޝުމައިކަލް އާއި، ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރ މިޝަލް ސަލްގާޑޯގެ އިތުރުން ގައުމީ ޓީމްގެ ކުރީގެ ބައެއް ކުޅުންތެރިންނާއި މިހާރު ގައުމީ ޓީމްގައި ހިމެނޭ ބައެއް ކުޅުންތެރިން ހިމެނެއެވެ. އެފްއޭއެމް ޓީމަށް އިރުޝާދުދޭން ކޯޗެއްގެ ގޮތުގައި ހުންނާނީ ޓީސީއަށް ދިރާގު ދިވެހި ޕްރިމިއަރ ލީގް މިއަހަރު ކާމިޔާބުކޮށްދިން ކޯޗް މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

މާދަމާ ރޭ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗް ބެލުމަށް ކުރިން ސިޑި ބަރީގެ ގޮތުގައި ހުރި ސަރަހައްދުން ޓިކެޓެއް ވިއްކަނީ 50 ރުފިޔާ އަށެވެ. ކުރިން ގޮނޑި ޖަހާފައި އޮންނަ ސަރަހައްދުން ޓިކެޓެއް ވިއްކާ އަގަކީ 100 ރުފިޔާ އެވެ

ވިކްޓްރީން ފުޓްބޯޅަ ކެރިއަރު ފެށި އިމްރާން ނިއުއަށް ފުރަތަމަ ބަދަލުވީ 2012 ވަނަ އަހަރުއެވެ. ނިއުއަށް ބަދަލުވުމަށްފަހު އޭނާ ވަނީ އެ ކްލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. 2013 ވަނަ އަހަރު ހުރިހާ މެޗަކުން މޮޅުވެގެން ސީޒަން ނިންމާލިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އެ އަހަރު އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ނިއު ދަތުރުކުރި އިރުވެސް އިމްރާނަކީ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. 2015 ވަނަ އަހަރު ނިއު ދޫކޮށް އިމްރާން ބަދަލުވީ މާޒިޔާއަށެވެ. އޭގެފަހުން އިމްރާން ނިއުއަށް ބަދަލުވީ މިދިޔަ ސީޒަނުގައެވެ. މިދިޔަ ސީޒަނުގައި ނިއުއާއެކު އިމްރާން ދިވެހި ޕްރިމިއަރ ލީގާއި، ޕްރެސިޑެންޓްސް ކަޕް އަދި އެފްއޭކަޕް ކާމިޔާބު ކޮށްފައިވެއެވެ. އަދި މިއަހަރުގެ މާލޭ ލީގު ނިއުއިން ކާމިޔާބު ކުރިއިރުވެސް އިމްރާން ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.

1999 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް މެދުކެނޑުމެއް ނެތި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލުވެސް ބެލެހެއްޓި އިމްރާނަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުގެ އިތުރުން ދަނޑުމަތީގައި އެފަދަ ދެވަނައެއް ނެތް ލީޑަރެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ގައުމީ ޓީމަށް 111 މެޗު ކުޅެދިނުމަށްފަހު އިމްރާން ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އިމްރާނަކީ 2004 ވަނަ އަހަރު އޭޝިޔާގެ ގަދަބާރު ދެކުނު ކޮރެއާ ލަނޑެއް ނުޖެހި ރާއްޖެއާ އެއްވަރުވި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. މީގެ އިތުރުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރުވެސް އިމްރާން ވަނީ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އިމްރާން ގޯލުގައި ހުރެގެން 2014 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމު ވަނީ އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމްވެސް ހޯދާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *