އިމްރާންގެ މެޗް ރަގަޅަށް ޕްރޮމޯޓް ނުކުރާތީ ސުޒޭން ހިތްހަމަނުޖެހިއްޖެ

ގައުމީ ޓީމްގެ ކުރީގެ ގޯލްކީޕަރު އަދި ވައިސް ކެޕްޓަން އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ ބާއްވާގޮތަށް ހަމަޖެހިފައި އޮތް މެޗް އެކަށީގެންވާ ވަރަށް ޕްރޮމޯޓް ނުކުރެވޭ ކަމަށް ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބަށް އިމްރާން ކުޅުނު އިރު އެ ޓީމަށް އިރުޝާދު ދިން ކޯޗް ސުޒެއިން މިހެން ބުނެފައިވަނީ މާދަމާ ރޭގެ މެޗާ ގުޅޭ ގޮތުން “ފަހުމިނެޓް” އާ ވާހަކަދައްކަމުންނެވެ.
“މި ފެންނަނީ ހަމައެކަނި ޓްވީޓަކުން ނުވަތަ ދެތިން މީހުން ބަލާ މެގަޒިން އެއްގަ ނޫނީ އޮންލައިން އެއްގަ ޖަހާލާ ތަން. މިހާރު ހަމަ ބައިވަރު ނޫސްތައް އޮންނަ އިރުގަ ގަވައިދުން ޕްރޮމޯޓްކުރާ ތަނެއް ނުވެސް ފެނޭ. އެހެންވީމަ އެކަށީގެންވާ ވަރަށް މެޗް ޕްރޮމޯޓެއް ނުކުރެވޭ.” މިއަހަރު ގްރީން ސްޓްރީޓްގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ސުޒޭން ބުނެފައިވެއެވެ.
ސުޒޭން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތްގޮތުންނާއި މެޗްތައް ބަލަން ދަނޑަށް ވަންނަ މީހުން އާދަޔާ ހިލާފަށް މިހާރު މަދުވުމާއެކު މިކަހަލަ ހާއްސަ މެޗެއް ބާއްވާއިރު ކާމިޔާބު އިވެންޓަކަށް ހަދަން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހެއެވެ.
“ގަބޫލުކުރެވެނީ ކަންނޭގެ ޕީޓަރ ޝްމައިކަލް އާއި ޝަލްގާޑޯ އާ އައިމަ މީހުން ދާނެއޭ. އެކަމަކު އަޅުގަނޑުމެންގެ ގައުމީ ޓީމް ކުޅޭއިރު މީހަކު ނުވަދެގެން އުޅޭއިރު މީތި މިވަރަށް ޕްރޮމޯޓްކޮށްގެން އަޅުގަނޑަކަށް ހިޔެއް ނުވޭ މާ ބައިވަރު މީހުންތަކެއް ހިނގައިދާނެ ކަމަކަށް.” އެއް ވަނަ ޑިވިޝަންގެ ގިނަ ކްލަބްތަކެއްގައި ކޯޗެއްގެ ގޮތުން މަސައްކަތްކޮށްފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ބުންޏެވެ.
ކަން އެހެން އޮތަސް ސުޒޭން ފާހަގަކުރި ގޮތުގައި މިއޮތް ވަގުތު ކޮޅުގެ ތެރޭގައިވެސް މިއަށްވުރެ ރަގަޅަށް މެޗް ޕްރޮމޯޓް ކުރެވިއްޖެ ނަމަ ސަޕޯޓަރުން ގިނަ އަދަދަކަށް ދަނޑަށް ވަނުން ގާތެވެ.
“ދެން އަދިވެސް ވަގުތު އެބައޮތް. އިތުރަށް މީތި ޕްރޮމޯޓް ކޮށްލައިފިއްޔާ ދަނޑުގެ ކެޕޭސިޓީ އަށްވާ ހަހާސް ފަސް ސަތޭކަ ނޫނީ ހަތް ހާސް ވަރު އެ ތަނަށް ވެއްދޭނެ ސްޓްރެންތް ހުންނަން ވާނެ އެފް އޭއެމް ގަ ވެސް.” ސުޒޭން ބުންޏެވެ.
މާދަމާ ރޭ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗް ބެލުމަށް ކުރިން ސިޑި ބަރީގެ ގޮތުގައި ހުރި ސަރަހައްދުން ޓިކެޓެއް ވިއްކަނީ 50 ރުފިޔާ އަށެވެ. ކުރިން ގޮނޑި ޖަހާފައި އޮންނަ ސަރަހައްދުން ޓިކެޓެއް ވިއްކާ އަގަކީ 100 ރުފިޔާ އެވެ.
އިމްރާން ގައުމީ ޓީމަށާއި ދިވެހި ފުޓްބޯޅައަށް ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ މި މެޗްގައި ވާދަކުރާ ގޮތަށް ހަމަޖެހިފައިވަނީ އިމްރާންގެ ޓީމަކާއި، އެފްއޭއެމްގެ ޓީމެކެވެ. އިމްރާންގެ ޓީމްގައި ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ) ހިމެނޭއިރު އިމްރާނާއެކު ގައުމީ ޓީމްގައި ކުރިން ކުޅުނު ބައެއް ތަރިން ކަމަށްވާ ޢަލީ އުމަރާއި، ޢަލީ ޝިހާމާއި، އަސްއަދު ޢަބްދުލް ޣަނީ ހިމެނޭއިރު އެ ޓީމަށް އިރުޝާދުދޭން ހުންނާނީ ކުރިން ގައުމީ ޓީމަށް ކޯޗް ކޮށްދިން ބަލްގޭރިޔާގެ ރޮރްދާން ސްޓޮއިކޯފް އެވެ.
އެފްއޭއެމްގެ ފަރާތުން މެޗަށް ނެރޭ ޓީމްގައި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލް ކީޕަރު ޑެންމާކްގެ ޕީޓާ ޝުމައިކަލް އާއި، ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރ މިޝަލް ސަލްގާޑޯގެ އިތުރުން ގައުމީ ޓީމްގެ ކުރީގެ ބައެއް ކުޅުންތެރިންނާއި މިހާރު ގައުމީ ޓީމްގައި ހިމެނޭ ބައެއް ކުޅުންތެރިން ހިމެނެއެވެ. އެފްއޭއެމް ޓީމަށް އިރުޝާދުދޭން ކޯޗެއްގެ ގޮތުގައި ހުންނާނީ ޓީސީއަށް ދިރާގު ދިވެހި ޕްރިމިއަރ ލީގް މިއަހަރު ކާމިޔާބުކޮށްދިން ކޯޗް މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
Advertisement


Leave a Reply